ads
އިހުތިޖާޖުކުރަނީ--
14 އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައެއް ފެންމަތިވެއްޖެ
ރާއްޖޭގެ އުތުރުގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައަކާއި ގުޅިގެން އެ ރަށުގެ ރައްޔިތުން އިހުތިޖާޖަށް ނިކުމެއްޖެ އެވެ.

ސީއެންއެމްއަށް އެނގިފައިވާ ގޮތުގައި ކުއްޖާގެ މައިންބަފައިންނާއެކު އެކުއްޖާ މިވަގުތު ހުރީ މާލޭގަ އެވެ. އަދި ޖެންޑާ މިނިސްޓްރީން މިއަދު ކުއްޖާގެ ބަޔާން ނަގާފައިވާއިރު އެކުއްޖާ ވަނީ ކަން ހިނގާދިޔަ ގޮތް ވެސް ކިޔައިދީފަ އެވެ. އަދި އެކަމުގައި އެރަށުގެ ސްކޫލު ޓީޗަރަކު ވެސް ބައިވެރިވާ ކަމަށް ކުއްޖާ ބުނާ ކަމަށް ރަށުން ވާހަކަ ދެއްކި މީހަކު ސީއެންއެމްއަށް ބުނެ އެވެ. 

އަދި ޕޮލިހަކު ވެސް އެކަމުގައި ހިމެނޭ ކަމުގެ މައުލޫމާތު ލިބުނަސް، އެއީ ކޮން އޮފިސަރެއްކަން ސާފު ނުވާ ކަމަށް ބުނެ އެވެ. އޭގެ އިތުރަށް ދެން ތިބި ބަޔަކު ތިބީ މޫނު ނިވާކޮށްގެން ކަމުން، އެއީ ކޮން ބައެއްކަން ސީދާ ކުއްޖާއަށް ވެސް ނޭނގޭ ކަމަށް ބުނެ އެވެ. 

އެކަމެއް ހިނގީ އެރަށުގެ ގެސްޓްހައުސްއެއްގަ އެވެ. އެގޮތުން ކުއްޖާ ރޭޕްކުރީ ސްކޫލުގެ އިތުރު ގަޑިއެއް އޮތް ކަމަށާއި ފިލާވަޅެއް ކިޔައިދޭން ކަމަށް ބުނެ ގެންގޮސްފައި ކަމަށްވެ އެވެ. 

މިއަދު ހަވީރު 17:00 އެއްހާއިރުން ފެށިގެން އެކުއްޖާ ނިސްބަތްވާ ރަށުގައި އަންނަނީ ރައްޔިތުން ނިކުމެ އެކަމާއި ގުޅިގެން ޕޮލިސް ސްޓޭޝަން ދޮށުގައި ނުރުހުން ފާޅުކުރަމުންނެވެ. އަދި އެކަން ކުރި މީހުން ހައްޔަރުކުރުމަށް ރައްޔިތުން ދަނީ ގޮވާލަމުންނެވެ. 

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އަދި މައްސަލަ ވެސް ބަލަމުން އަންނަ ކަމަށެވެ.

ކުއްޖާ މާލެ ގެނެސްފައި ވަނީ އެކަން ހިނގާދިޔަ ގޮތް ބެލުމަށް ޖެންޑާ މިނިސްޓްރީން ކަމަށްވެ އެވެ.

މި ކުއްޖާ ނިސްބަތްވާ އަތޮޅާއި ރަށް މި ލިޔުމުގައި ހިމަނާފައި ނުވަނީ އެއީ ކުޑަ ކުއްޖެއްކަމުން، އެކުއްޖާ ހިމާޔަތްކުރުމުގެ ގޮތުންނެވެ. 

10%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
24%
ސަތޭކައަކުން ސުމެއް
46%
ވަރަށް ސަލާމް
ކޮމެންޓްސް