ads
ޝެރީން އާއި އޭނާގެ ފިރިމީހާ--
ޝެރީން އާޓްސް: ހޮބީއަކުން ވިޔަފާރިއަކަށް
ކުރެހުމަކީ އުމުރުން 12 އަހަރުން ފެށިގެން ފޫހިފިލުވާލުމަށް ޓަކައި ހުސް ވަގުތުގައި ހައްވާ ޝެރީން ކުރަމުން އައި ކަމެކެވެ. އެންމެ ކުޑައިރުން ފެށިގެން ވަރަށް ކުރާ ހިތުން ކުރަމުން އައި މި މަސައްކަތް ހަމައެކަނި ފޫހިފިލުވާލުމަށް ކުރާމެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި، މިކަމުން މަންފާ ލިބޭނެ ރަނގަޅު ވިޔަފާރިއެއް މިހާރު އޭނާ ވަނީ ފަށާފަ އެވެ.
Advertisement

އެގޮތުން ސްކޫލު ދައުރުގައި ލައިބްރަރީއަށް ފޮތް ކިޔަން ގޮސް އިންނަ އިރު، އެފޮތް ތަކުގައި ހުންނަ ކުރެހުން ތަކަށް ބަލައިގެން ކުރަހަން ފެށި ޝެރީނަށް އޭރު ދިމާވި އެންމެ ބޮޑު ދައްޗަކީ ލެޕްޓޮޕް ފަދަ އެއްވެސް ވަސީލަތެއް ނެތުމުން މީހުން ޕޯޓްރެއިޓްސް ކުރަހާ ގޮތް ދަސް ކުރަން ނޭނގުމެވެ. 

ހަމަ އަމިއްލައަށް މެގަޒިންގަ އިންނަ ފޮޓޯގަނޑު ކަފާލާފައި ކައިރީގަ ބައިންދައިގެން ކުރަހަނީ. ކުރަހަން އިންނައިރު ކައިރީގަ ހުންނަ މީހުން ބަލާފަ ބުނާނެ ތި ވައްތަރެއްވެސް ނޫނޭ އެ މީހަކާ. އަސްލު އެހެން މީހުންގެ ކުރެހުންތައް ނުފެންނާތީ އަޅަކިޔާލަންވެސް ނޭނގެ އޭރުގަ. - ޝެރީން

ސްކޫލު ދައުރު ނިމި ފޯނު ލިބުމުން އޭނާގެ ކުރެހުންތައް ފޭސްބުކްގައި ޕޯސްޓު ކުރަންފެށުމާއެކު، މީހުންނަށް އެ ކަމުގޮސް އެމީހުންގެ އެދުމުގެ މަތީން އެމީހުންގެ ފޮޓޯ ކުރަހަދެން ފެށި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މި މަސައްކަތް އަގަށް ކުރަން ފެށީ ރައްޓެހިންގެ ހިޔާލަށެވެ. އޭރު ކޮމިޝަން އާޓެއް ކުރެހުމަށް ލިބެނީ ހާލަކުން ފަހަރެއްގައި ކަމަށްވެސް އޭނާ ބުންޏެވެ. 

މި މަސައްކަތް އިތުރަށް ފުޅާ ކުރުމަށްޓަކައި މީގެ ތިން އަހަރު ކުރިން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ކުރެހުންތައް ހިއްސާ ކުރަން ފެށިއިރު، މިހާރު އޭނާގެ ކުރެހުންތައް ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް އަދި ޔޫޓިއުބްގައި ވެސް އެބަހުއްޓެވެ. މިކަން ކުރުމަށްޓަކައި ޓިއުޓޯރިއަލްތައް ބަލައިގެން ތަފާތު އެކި ވައްތަރުގެ ކުރެހުންތައް ކުރަހަން ދަސްކުރުމަށް ވަރަށް ގިނަ ވަގުތު ހޭދަ ކޮށްފައިި ވާނެ ކަމަށް އޭނާ ބުނެއެވެ. އެގޮތުން މިހާރު ޑިޖިޓަލް އާޓް، ޕެންސިލް އާޓްގެ އިތުރުން ކެންވަސް ތަކުގައިވެސް އޭނާ އަންނަނީ ކުރަހަމުންނެވެ.

އޭނާގެ މި މަސައްކަތަށް ލިބޭ އެންމެ ބޮޑު ހިތްވަރަކަށް ވެގެން ގޮސްފައި ވަނީ އޭނާގެ ފިރިމީހާއެވެ. އެގޮތުން އޭނާގެ ފިރިމީހާ އަކީ ވެސް ކުރެހުންތެރިއަކަށް ވެފައި، މިހާރު އޭނާ ނިސްބަތްވާ، އދ. ކުނބުރުދޫގައި ގިނަ ފާރުތަކެއްގައި އޭނާ ވަނީ ތަފާތު އެކި މަންޒަރުތައް ކުރަހާފައެވެ. މިހާރު ރަށުގެ ގިނަ ބައެއް އަންނަނީ އެމީހުންގެ ފާރުތަކުގައި އޭނާ ލައްވާ ތަފާތު އެކި މަންޒަރުތައް ކުރަހަމުންނެވެ.

އަސްލު ރަށު ފާރުތަކުގައި ކުރަހަން ފެށީ ރަށް އިތުރަށް ރީތިކޮށްލުމުގެ މަގުސަދުގަ - ޝެރީންގެ ފިރިމީހާ

ފޫހިފިލުވާލުމަށްޓަކައި ކުރަން ފެށި މަސައްކަތް ވިޔަފާރިއަކަށް ބަދަލު ވެ މިހާރު ގިނަ ބައެއްގެ ފަރާތުން އެކި ކަހަލަ ހުށަހެޅުންތައް އަންނަ އިރު، ޝެރީންގެ އުންމީދަކީ މިދާއިރާއިން ދެވެން އޮތް އެންމެ ކުރިއަކަށް ދިއުމެވެ.

މުސްތަގުބަލުގަވެސް މިކަމުން ކުރިއަށް ދެވެން އޮތް ވަރަކަށް ދާން ބޭނުމީ. މިހާރު އަސްލު އެންމެ ބޮޑު ހުވަފެނަކީ ދުނީޔޭގެ ފެންވަރުގައި ބޭއްވޭ މުބާރާތެއްގައި ބައިވެރިވެ ކާމިޔާބު ހޯދުން -ޝެރީން
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް