ads
ވީޑިއޯ ރިޕޯޓް-
ފުލުހުންގެ ގާނޫނު؛ އެދެވޭ ބަދަލެއް އަތުވެދާނެތަ؟
މިދިޔަ ޑިސެމްބަރު މަހު ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު ތަސްދީގު ކުރެއްވީ، އެ ގާނޫނު ތަސްދީގުކޮށް ގެޒެޓުކުރާތާ ތިން މަސް ފަހުން އެއަށް އަމަލު ކުރާ ގޮތަށެވެ. އެގޮތުން މިހާރު މި ގާނޫނަށް އަމަލު ކުރަން ފަށާފައިވާއިރު، މި ގާނޫނަކީ ފުލުހުންގެ ހިދުމަތަށް ރަނގަޅު ބަދަލަކަށް ވާނެ ކަމަށް ގިނަ ބަޔަކު އުއްމީދު ކުރެއެވެ.

ފުލުހުންގެ ހިދުމަތުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށް ރައީސް އޮފީހަށް ފޮނުވާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. 

މި ބިލު ރައީސް އޮފީހަށް ހުށަހެޅީ، ފުލުހުންގެ ހިދުމަތުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަލުން ކަނޑައަޅައި، ފުލުހުން ޖަވާބުދާރީ ކުރެވޭ ނިޒާމު އިސްލާހު ކުރުމުގެ ގޮތުންނެވެ.

އޭރު އެޓަނީ ޖެނެރަލް އޮފީހުންވަނީ، ފުލުހުންގެ ހިދުމަތުގެ ބިލެއް ސަރުކާރުން ހުށަހަޅަން ނިންމީ، ދިވެހި ފުލުހުންގެ ހިދުމަތުގެ އެންމެހައި ކަންކަމަކީ ރާއްޖޭގެ ގާނޫނު އަސާސީ އާއި ދުސްތޫރީ ހަމަތަކާއި، އިންސާނީ ހައްގުތަކަށް އިހްތިރާމު ކުރުމާއެކު ގާނޫނީ ހުކޫމަތުގެ ތެރެއިން ދެވޭ ހިދުމަތެއްކަން ކަށަވަރު ކުރުމަށް ކަމަށް ބުނެފައެވެ.

އޭގެ ފަހުން މިދިޔަ އަހަރު މި ބިލު މަޖިލީހަށް ހުށަހެޅި، މި ބިލާމެދު ފުޅާ ދާއިރާއެއްގައި ބަހުސް ކުރެވުނު އިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މަޖިލީހުންވަނީ މި ބިލު ފާސްކޮށްފައެވެ. އޭގެ ފަހުން ހަމަ މިދިޔަ އަހަރު ޑިސެމްބަރު މަހު 27 ގައި ރައީސް ސޯލިހު ވަނީ މި ބިލު ތަސްދީގު ކުރައްވާފައެވެ.

މި ބިލު ތަސްދީގުކޮށް، ގާނޫނެއްގެ ގޮތުގައި ގެޒެޓު ކުރެވުން ފަހުން މިހާރު ތިން މަސްވެ، ފުލުހުންގެ ގާނޫނަށް އަމަލު ކުރެވެން ފެށުމާއެކު ގައިމުވެސް ގިނަ ބަޔަކު އުއްމީދު ކުރާނެ އެއްކަމަކީ ފުލުހުންގެ މުއައްސަސާ ހިނގަމުން އައިގޮތަށް މި ގާނޫނުގެ ސަބަބުން ހެޔޮ ބަދަލެއް އަންނާނެ މަންޒަރެވެ. 

ގައިމުވެސް މި ގާނޫނާއެކު ފުލުހުންގެ ހިދުމަތް ލާމަރުކަޒީ ވެގެން ދާނެކަމުގެ ހަބަރަކީ، އެތައް ރައްޔިތުންނެއް އުއްމީދު ކުރާނެ ކަމެކެވެ. އަދި މިއީ މި ގާޏޫނުގެ ދަށުން ފުލުހުންގެ މަަސައްކަތަށް އަންނާނެ އެންމެ ބޮޑު ބަދަލެވެ. 

ފުލުހުންގެ ހިދުމަތް ލާމަރުކަޒު ކުރެވުމާއެކު ކުރިން ކަން ހިނގަމުން އައި ގޮތަށް، ކޮންމެ ކަމަކަށް މާލެއިން ފުލުހުންގެ ޓީމެއް ފޮނުވުމުގެ ބަދަލުގައި، އަތޮޅުތެރޭ ގާއިމް ކުރާ ވަކި ސްޓޭޝަންތަކުން ހިދުމަތް ލިބުންވެގެންދާނީ ރައްޔިތުންނާއި ކައިރިން މަސައްކަތް ކުރުމަށް ފުލުހުންނަށް ލިބިގެންފާ ފުރުސަތަކަށެވެ. 

މިދިޔަ އަހަރު މި ގާނޫނު ތަސްދީގު ކުރެވުނު ފަހުން ސީއެންއެމްއަށް ދެއްވި އިންޓަވިއުއެއްގައި ހޯމް މިނިސްޓަރު އަބްދުﷲ އިމްރާންވަނީ ފުލުހުންގެ ގާނޫނަށް ގެނައި ބަދަލުތަކަކީ ރައްޔިތުންނާ ކައިރިން ރައްޔިތުންނަށް ފަސޭހަކޮށް ހިދުމަތް ދިނުމަށް މަގުފަހިކޮށްދޭ ބަދަލުތަކެއް ކަމަށް ވިދާޅުވެފައެވެ. 

"ފުލުހުންގެ ގާނޫނަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން، ފުލުހުން ރައްޔިތުންނާ ކައިރިން، ރައްޔިތުންނަށް ފަސޭހަކޮށް ހިދުމަތް ދިނުމަށް މަގުފަހިކުރާ ގިނަ ކަންކަން ފުލުހުންގެ ގާނޫނަށް ގެނެވުނު ބަދަލުގެ ތެރެއިން ފެނިގެންދޭ. ވަކިން ހާއްސަކޮށް އަތޮޅު ތެރޭގައި ފުލުހުންގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، ތަރައްގީ ކުރުމަށް ވަރަށް ގިިނަ މަގުތަކެއް ފުލުހުންގެ ގާނޫނުން ފަހިކޮށްދީފައިވޭ،" އިމްރާން ވިދާޅުވި އެވެ.

ގައިމުވެސް ފުލުހުންގެ ހިދުމަތް ލާމަރުކަޒު ކުރެވި، މަސައްކަތްތައް އަވަސްވުން ވެގެންދާނީ، ގިނަ ރައްޔިތުންނަށް ފުލުހުންގެ ހިދުމަތް ލިބި ދިނުމަށް އެޅުނު މުހިއްމު ފިޔަވަޅަކަށެވެ.

މީގެ އިތުރުން ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ސަބަބުން އަންނާނެ އެންމެ ބޮޑު އަނެއް ބަދަލަކީ، ފުލުހުންގެ ބޯޑެވެ. ފުލުހުންގެ ހިދުމަތުގެ ދަށުން އެކުލަވާލާ މި ބޯޑަކީ، ފުލުހުންގެ ގާނޫނީ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި، އެ ގާނޫނުގެ ދަށުން ލަފާދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި، ގާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމަށް، ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ.

މި ބޯޑުގައި ރައީސް އައްޔަންކުރައްވާ ދެ މެންބަރުން، ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންއަދި އާންމުކޮށް ހުޅުވާލައިގެން އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ ދެ މެންބަރުން ހިމެނޭނެއެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލާ މި ބޯޑު އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ކޮމިޝަނާ އޮފް ޕޮލިސް ފިޔަވައި ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތައް ފުލުހުންގެ ބޯޑުން ބަލާއި އެ ފަރާތްތައް މަގާމުން ދުރުކުރުމާއި މެދު ގޮތެއް ނިންމަން ޖެހެ އެވެ. 

މީގެ އިތުރުން މި ބޯޑުން ބަލާ މައްސަލަތަކުގެ ތެރޭގައި ލާއިންސާނީ އަމަލުތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ މައްސަލަތަކާއި އަދި ފުލުހުންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ހިމެނެ އެވެ. އެއާއެކު ފުލުހުން ކުރާ ކަންކަމަށް އެމީހުން ޖަވާބުދާރީ ކުރުވުމަށް އިތުރު ފުރުސަތެއް ފަހިވި އެވެ. މީގެ އިތުރުން މިއީ ގެއްލިފައިވާ ރައްޔިތުންގެ އިތުބާރު އަނބުރާ ހޯދުމަށް ފުލުހުންގެ އިދާރާއަށް ލިބިގެންދާ ފުރުސަތެކެވެ. 

ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލު ކުރެވެން ފެށުމާއެކު ފުލުހުން ދިވެހި ސިވިލް ސާވިސްގައި ނުހިމެނޭނެ އެވެ. އަދި މިހާރު ފުލުހުން ހިމެނޭނީ މަދަނީ އަދި ސަލާމަތީ ހިދުމަތެއްގެ ގޮތުގައެވެ. މީގެ އިތުރުން މި ގާނޫނުން މުޅި ދިވެހިރާއްޖެއަށް އިންތިޒާމުކުރެވިގެންވާ އެއް ހިދުމަތެއްގެ ގޮތުގައި ފުލުހުން ހިމެނިގެން ދެއެވެ. 

ފުލުހުންގެ ގާނޫނަށް ބޮޑު ބަދަލެއް ގެނެވި، އެއަށް އަމަލު ކުރަން ފެށުމުން ގައިމުވެސް ކޮންމެ ދިވެހި ރައްޔިތެއްގެވެސް އުއްމީދަކަށް ވާނީ އެދެވޭ ބަދަލެއް ފެނުމެވެ. އެއް ދުވަހުން ބަދަލެއް ނުފެނުނު ނަމަވެސް، ކުރިއަށްއޮތްތާގައި، ފާހަގަ ކުރެވޭ ބަދަލެއް ފެނުމަކީ ކުރެވޭ އުއްމީދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް