ads
ޕީޖީ ހުސައިން ޝަމީމް-- ފޮޓޯ: ސީއެންއެމް
ވެންޓިލޭޓަރުގެ މައްސަލަ އަލުން ބަލަން ޕީޖީން ނިންމައިފި
ވެންޓިލޭޓަރު ގެނައުމުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި ދައުވާ ނުކުރަން ޕީޖީން ނިންމާފައިވާ ނިންމުން އިތުރަށް މުރާޖައާކުރަން އެ އޮފީހުން ނިންމައިފި އެވެ.

މިއަދު ޕީޖީ އޮފީހުން ނެރުނު ނޫސްބަޔާކެއްގައި ބުނެފައި ވަނީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އެ އޮފީހުން ނިންމި ނިންމުމާމެދު އެންޓި ކޮރަޕްޝަން ކޮމިޝަނާއި އާންމު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ކަންބޮޑުވުން ހުންނާނެކަން އެ އޮފީހުން ގަބޫލުކުރާ ކަމަށެވެ.

އަދި އޭސީސީގެ އިއްޔެގެ ޕްރެސްގައި، އޮފީހުގެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ނުކުތާތައް ފާހަގަކޮށްފައިވާ ކަމަށާއި އެކޮމިޝަނުން ދެއްވި މައުލޫމާތުގައި، އެ އޮފީހަށް ފޮނުވި ސިޓީއަކަށް ޖަވާބު ނުދީ އޮތްކަމަށް ވިދާޅުވި ނަމަވެސް، އެކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުއްވާފައިވާ އެއްވެސް ސިޓީއަކަށް ޖަވާބު ނުދެވިވާކަމަކަށް މިއޮފީހުގެ ރެކޯޑުތަކަކުން ނުދައްކާ ކަމަށް ބުނެފައިވެ އެވެ.

ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރުމާމެދު ގޮތެއް ނިންމުމަކީ ގާނޫނުއަސާސީން ޕީޖީ އޮފީހަށް ލިބިފައިވާ ބާރެއް ކަމަށާއި ގާނޫނުއަސާސީން އެންޓި ކޮރަޕްޝަން ކޮމިޝަނަށް އޮންނަނީ ތަހުގީގު ކުރުމަށްފަހު މައްސަލައިގައި ހޯދިފައިވާ ހެކިތައް އެ އޮފީހަށް ފޮނުވުން ކަމަށް ވެސް ބުނެފައި ވެއެވެ.

އެ އޮފީހުން ވެންޓިލޭޓަރު މައްސަލައިގަ ގޮތް ނިންމުމުގައިވެސް ބަލާފައިވާނީ ތަހުގީގަށް ހޯދިފައިހުރި ހެކިތަކުގެ މައްޗަށް ކަމަށާއި ނަމަވެސް، އެމައްސަލައިގައި ޕީޖީ އޮފީހުން ނިންމި ގޮތާމެދު އެންޓި ކޮރަޕްޝަނުން އިންތިހާއަށް ހިތްހަމަނުޖެހޭތީއާއި، މިއީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައަކަށްވާތީ، މިމައްސަލައިގައި އެއޮފީހުން ނިންމި ނިންމުން އަލުން ބަލައި، އެކަމުގައި އިތުރަށްބަލަންޖެހޭ ކަންކަން ހުރިކަން ނުވަތަ ނޫންކަން ދެނަގަތުމަށް ނިންމާފައިވާ ކަމަށް ވެސް ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.

އަދި އެ ނިންމުން މުރާޖައާ ކުރާއިރު، މައްސަލައިގައި ފުލުހުންނާ ގުޅިގެން ހޯދިފައިވާ ހެކިތައް ވެސް ވަކިން ގެނެސް، އިތުރަށް ތަހުގީގުކުރަންޖެހޭ ކަމެއް އޮތްނަމަ، އެކަމެއް، ފުލުހުންގެ އެހީތެރިކަމާއެކު ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް އިރުޝާދު ދިނުމަށްވެސް ގަސްދުކުރާ ކަމަށް ޕީޖީއިން ބުނެފައި ވެއެވެ.

ގާނޫނީ ނިޒާމު ބައްޓަންވެފައި އޮތް ގޮތުން، ޖިނާއީ މައްސަލައެއްގައި ދައުވާ ކުރުމާމެދު ގޮތެއް ނިންމުމުގައި އެ އޮފީހުން ބަލަންޖެހޭ ދެކަމެއްވާ ކަމަށާއި ފުރަތަމަ ކަމަކީ އެމައްސަލައެއްގައި ދައުވާ ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ހުރިތޯއެވެ. އަދި ދެވަނަ ކަމަކީ އާންމު މަސްލަހަތު އޮތް މިންވަރެވެ. 

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އާންމު މަސްލަހަތު އޮތްކަމާމެދު ޝައްކެއް ނެތް ކަމަށާއި ނަމަވެސް، އެމައްސަލައިގައި ޖިނާއީ ދައުވާއެއް ކުރެވޭ މިންވަރަށް ހެކި ހުރި މިންވަރާމެދު އޮތީ ސުވާލު އުފެދިފައި ކަން ފާހަގަކުރަމުން ޕީޖީއިން ބުނެފައި ވަނީ މިހާރު އަމަލުކުރަމުންދާ ގާނޫނީ ނިޒާމުގައި، ދައުވާކުރާއިރު ހިޔާލީ ވާހަކައެއް ނުދެއްކޭނެ ކަމަށެވެ.

އަދި ދައުވާގެ ކޮންމެ އިބާރާތެއް، ހެއްކާއެކު ސާބިތުކޮށްދޭންޖެހޭ ކަމަށާއި އެކަމުގައި ޕީޖީ އޮފީހުން
ބަރޯސާވަނީ، މައްސަލައިގައި ތަހުގީގު އިދާރާތަކުން ހޯއްދަވާފައިވާ ހެކިތަކަށް ކަމަށާއި އެއީ، ޝަރުއީ ކޯޓެއްގައި މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވިދާނެ މިންވަރުގެ ހެކިތޯ ނުވަތަ ނޫންތޯ ކަމަށް އެ ބަޔާނުގައި ވެއެވެ.

ވެންޓިލޭޓަރު މައްސަލާގައި އެ އޮފީހުން ނިންމާފައިވާ ނިންމުން މުރާޖައާ ކުރުމުގައި، ކުރިން ދީފައިވާ އިރުޝާދުގައި ހުރި ކަންކަން ތަހުގީގުކުރުމުގައި ފުލުހުންގެ އެހީތެރިކަން އޭސީސީއަށް ދިނުމަށް ފުލުހުންގެ މުއައްސަސާއަށް އެންގުމަށްވެސް ޕީޖީ އޮފީހުން ވަނީ ނިންމާފައި ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

އަދި އޭގެ ފަހުން މައްސަލަ ދިރާސާ ކުރުމަށްފަހު އަލަށް ހޯދޭ ހެކިތަކުގެ އަލީގައި ނިންމުން މުރާޖައާ ކުރުމަށްވެސް އެ އޮފީހުން ވަނީ ނިންމާފައި ކަމަށް ޕީޖީ އިން ވަނީ ބުނެފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް