ހުރާ ކައުންސިލްގެ ރައީސް އީސާ އަހްމަދު ސީއެންއެމްއަށް ވިދާޅުވީ މިހާރު އެރަށުން 180 އަށް ވުރެ ގިނަ ސާމްޕަލް ނެގިފައިވާ ކަމަށެވެ. އަދި ރަށުގައި 218 ގެ ހުންނަ އިރުގައި އޭގެތެރެއިން 100 އަށްވުރެ ގިނަ ގެ ހުރީ މޮނިޓަރިންގެ ހާލަތުގައި ކަމަށް ވެސް އީސާ ވަނީ ވިދާޅުވި އެވެ.
އީސާ ވިދާޅުވީ އެރަށުގައި 1800 އެއްހާ މީހުން ދިރިއުޅޭ އިރުގައި ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ، ބައެއް މީހުން ކަރަންޓީނުގައި ހުންނަން ޖެހުމުގެ ސަބަބުން ރަށުގައި ސާމްޕަލް ނެގުމުގެ މަސައްކަތައް ވަނީ ބުރޫ އަރާފައި ކަމަށެވެ. މިކަމުގެ ކަންބޮޑުވުން ހިއްސާ ކުރަމުން އެޗްޕީއޭއިން ވަނީ މީހަކު އެރަށަށް ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވުމަށް ފޮނުވާފައި ކަމަށެވެ. ނަމަވެސް މަސައްކަތް ކުރާ މީހުންގެ އަދަދު ދަނީ ދުވަހަކަށްވުރެ ދުވަހެއް ދަށްވަމުން ކަމަށް ވެސް އީސާ ވަނީ ފާހަގަ ކުރައްވާފަ އެވެ.
އަދި ކޮވިޑްގެ ސަބަބުން ރަށުގެ ފިހާރަތަކުގެ އިތުރުން ސައި ހޮޓާ އަދި ކެފޭތައް ބަންދުކޮށްފައި ވުމުން ޑެލިވަރީ ކުރުމަށް 15 ކުދިން ހަމަޖައްސާފައިކަން ހާމަކުރަމުން އީސާ ވިދާޅުވީ ނަމަވެސް އެ ކުދިންގެ އަދަދުވެސް ދަށްވަމުން ދާ ކަމަށެވެ.
މީގެ އިތުރުން މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އެރަށުގެ ބައެއް ގަސްތައް ވަނީ ވެއްޓިފައި ކަމަށާއި ބައެއް ގެތަކުގެ ފުރާޅުގެ ޓިނުގަނޑު ވަނީ ނައްޓައިގެން ގޮސްފައި ކަމަށް ވެސް އީސާ ވިދާޅުވި އެވެ.
ހުރާ އިން ބަލިވެގެން މާލެ ގެނައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ރަށް މޮނިޓަރިންއަށް ލާފައި ވަނީ މިމަހުގެ 22 ވަނަ ދުވަހުގަ އެވެ.