ads
އުދައްޔު: ފޮޓޯ އާއިލާ
އުދައްޔުގެ މަރު: ހަތަރު މީހަކަށް ދައުވާ ކޮށްފި!
ގއ. މާމެންދޫގައި މިދިޔަ މަހުގެ އަށް ވަނަ ދުވަހުގެ ރޭ ހިނގާދިޔަ މާރާމާރީއެއްގައި މަރުވި އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔުގެ މަރުގެ މައްސަލައިގައި ހަތަރު މީހަކަށް ދައުވާ ކުރަން ޕީޖީގެ ފަރާތުން ކްރިމިނަލް ކޯޓަށާއި ޖުވެނައިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
Advertisement

ޕީޖީން މައުލޫމާތު ދިން ގޮތުގައި މާމެންދޫގައި އުމުރުން 17 އަހަރުގެ ދެކުދިންނާމެދު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ސަބަބުން އެ ދެކުދިންނަށް ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަށް ލިބި، އެ އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް އޭގެތެރެއިން ކުއްޖަކު ނިޔާވެފައިވާ މައްސަލާގައި ދައުވާ ކުރުމަށް ޖުވެނައިލް ކޯޓަށާއި ކްރިމިނަލް ކޯޓަށް މައްސަލަަ ހުށަހެޅީ މިދިޔަ ހަފްތާގައެވެ.

މި މައްސަލައިގައި 18 އަހަރުން މަތީގެ ތިން މީހަކާއި 18 އަހަރުން ދަށުގެ ކުއްޖަކަށް ދައުވާ ކުރަން ވަނީ ފޮނުވާފައެވެ. އެގޮތުން މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ދައުވާ ކުރީ ގއ. މާމެންދޫ/ ރިހިފަރުދާގެ، އަހުމަދު ޝަމީމް، ގއ. މާމެންދޫ/ ބިލަތްމާގެ، ޝަރަފު ރަޝީދު އަދި ގއ. މާމެންދޫ ގުލްފާމުގެ، މުހައްމަދު މާޒިންގެ މައްޗަށެވެ.

މި ތިން މީހުންނަށް ދައުލަތުން ވަނީ ދެ ދައުވާއެއް ކޮށްފައެވެ. އޭގެތެރއިން ފުރަތަމަ ދައުވާ އަކީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ) އާއި (ށ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެކުށުގެ ދައުވާއެވެ. އަދި މީގެ އިތުރުން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ އަށް ވަނަ މާއްދާގެ (ހ) އާއި، (ނ) އާ ހަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން، މީހަކަށް ނުރައްކާތެރި ހާނިއްކައެއް ވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ މި ތިން މީހުނަށް ކޮށްފައިވެއެވެ.

މި މައްސަލައިގައި ދައުވާ ކުރާ 18 އަހަރުން ދަށުގެ ކުއްޖާއަށް ދައުލަތުން ވަނީ ދެ ދައުވާއެއް ކުރުމަށް ޖުވަނައިލް ކޯޓަށް ހުށަހަޅާފައެވެ. އެއީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާގެ އިތުރުން މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ. 

މާމެންދޫގައި މިދިޔަ މަހުގެ އަށް ވަނަ ދުވަހުގެ ރޭ 11:00 ހާއިރު ހިނގާދިޔަ މާރާމާރީގައި މަރުވި އުދައްޔުގެ މަރުގެ މައްސަލާގައި ފުލުހުން ފަސް މީހަކު ހައްޔަރު ކުރިއެވެ.

އެގޮތުން އެންމެ ފުރަތަމަ އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ތިން މީހެކެވެ. އެއީ 27 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއް ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ. 

ފުލުހުން ފަހުން ވަނީ އެމައްސަލާގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ. އެއީ އުމުރުން 25 އަހަރުގެ މީހަކާއި އުމުރުން 18 އަހަރުގެ ކުއްޖެކެވެ. 

މީގެ އިތުރުން މި މައްސަލާގައި އުދައްޔުގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާ، އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ މެޑިކަލް ކޮލެޖް ހޮސްޕިޓަލުން އުދައްޔުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދާފައިވެއެވެ.

އޭގެ ފަހުން މި މައްސަލައިގައި ހަތަރު މީހަކަށް ދައުވާ ކުރުމަށް ފުލުހުން ޕީޖީއަށް މައްސަލަ ފޮނުވީ މިމަހު 18ގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް