ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ނަސީމް ވިދާޅުވީ، އަންނަމަހު ކައުންސިލް އިންތިހާބު ބާއްވާއިރު، ކައުންސިލް މެމްބަރުން ހޮވުމުން މިހާރު ކައުންސިލް މެމްބަރުގެ މަގާމުތަކުގައި ތިބި މީހުން ވަޒީފާ ހޯދަށް ޖެހޭނެ ކަމަށެވެ.
އެގޮތުން އެޑިއުކޭޝަނުން ވަޒީފާގެ ފުރުސަތު ލިބުމުން، މަގާމުން އިސްތިއުފާ ދެއްވީ ކަމަށް ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ ކައުންސިލްގައި ދައުރު ހަމަވެ، ކޮވިޑް-19ގެ ސަބަބުން ކައުންސިލްގެ ދައުރުގެ އިތުރުންވެސް އިތުރު އެއް އަހަރު މަގާމުގައި ހުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ. އަދި ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި 2014 އަހަރުން ފެށިގެން އެއް ދައުރު އަދި 2017 އިން ފެށިގެން ކައުންސިލްގެ ރައީސްގެ މަގާމު އެއް ދައުރަށް އަދާ ކުރެވިފައިވާކަން ނަސީމް ފާހަގަ ކުރެއްވިއެވެ.
މި މުއްދަތުގައި ރަށުގެ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ކައުންސިލްގެ މެމްބަރުންނާއި، ކައުންސިލްގެ މުވައްޒަފުންގެ ފަރާތުން އަދި ރަށު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރު ލުމަށް ނަސީމް ޝުކުރު އަދާކުރެއްވި އެވެ.
މިހާރު ކައުންސިލްތަކުގައި ތިބި މެމްބަރުންގެ ދައުރު ހަމަވެ، ކައުންސިލް އިންތިހާބު ބޭއްވުމަށް މީގެ ކުރިން ތާވަލު ކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހަށެވެ. ނަމަވެސް ވަކިގާނޫނެއް ހަދާ، ކައުންސިލް އިންތިހާބު އިތުރު އެއް އަހަރު ދުވަހަށް ފަސް ކުރީ، ކޮވިޑް 19ގެ ހާލަތާއި ގުޅިގެންނެވެ.