ads
ކ.ހުރާ
ހުރާގައިވެސް ކާފިއު އިއުލާން ކޮށްފި
ކ. ހުރާގައި ވެސް ޒަރޫރީ ބޭނުމަށް ފިޔަވައި ބޭރަށް ނިކުތުން މަނާކޮށް ކާފިއު އިއުލާން ކޮށްފި އެވެ

ކޮވިޑް-19 އިން ރައްކައުތެރިވުމަށް ޅ. ނައިފަރުގައިވެސް ވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ކާފިއު އިއުލާން ކޮށް ފިޔަވަޅުތަށް ވަރުގަދަ ކޮށްފައެެވެ. 

ކޮވިޑް-19 އިން ރައްކައުތެރިވުމަށް ހުރާގައި ހާއްސަ ފިޔަވަޅުތަކެއް އަޅާކަން އަންގައި ދާދި ދެންމެއަކު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކޮށް އާއްމުކޮށްފައިވާ ލިޔުމުގައި ވަނީ ހަތް ދުވަހުގެ މުއްދަތަށް، ހުރާގައި ބޮޑެތި ފިޔަވަޅުތަކެއް އަޅަން އަންގާފައެވެ.

އެގޮތުން ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވާ ހޯދުމަށް ދާ ދިޔުން ފިޔަވައި އެހެނިހެން ބޭނުންތަކަށް، މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން ހުއްޓައިލުމާއި، އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުން ހުއްޓައިލުމުގެ އިތުރުން އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމަށް ވަނީ އަންގާފައެވެ. 

އަދި ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމާއި، ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓްތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލަންވެސް ވަނީ އަންގާފައެވެ. އޭގެ ތެރޭގައި ޑެލިވަރީގެ ހިދުމަތް ދިނުމެއް ނުހިމެނެއެވެ.

މީގެ އިތުރުން ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުމާއި، ކުޅިވަރުގެ ހުރިހާ ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމާއި، ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން، އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ހިދުމަތް ދިނުމާއި، ފިރާތަކާއި ބޭންކުތައް ފަދަ އާންމު ހިދުމަތް ދޭ ތަންތަނުގައި ހިދުމަތް ދޭއިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ހިދުމަތް ދިނުންވެސް ހިމެނެއެވެ. އަދި ކޮލެޖް ޔުނިވާސިޓީގެ ކިޔެވުމާއި، ސްކޫލްތަކަށް ހާޒިރުކޮށްގެން ކިޔަވައިދިނުން ހުއްޓާލުމަށް ވަނީ އަންގާފައެެވެ

މި ފިޔަވަޅުތަކުންއިސްތިސްނާވާ ފަރާތްތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ، ސިފައިންނާއި ފުލުހުންނާއި، ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި، އެމްބިއުލަންސްއާއި، ޓާސްކުފޯހުގެ ފާސް ލިބިފައިވާ ފަރާތްތަކުގެ އިތުރުން އެމެޖެންސީކޮށް ސިއްހީ ހިދުމަތް ހޯދާންޖެހޭ ފަރާތްތަކެވެ.

މިއިސްތިސްނާ ހާލަތްތަކުގެ އިތުރުން، ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި، އަންގާ ގޮތެއްގެ މަތީން އަމަލު ކުރެވޭނެ ކަމަށާއި މި ފިޔަވަޅުތައް ތަންފީޒު ކުރުމުގައި، ވަގުތާއި ހާލަތަށް އަޅާންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ، މޯލްޑިވްސް ޕޮލިސް ސާވިސްއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި މިވަގުތު ހުރާގައި އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް ވަނީ އަންގާފައެވެ.

ކޮވިޑް-19އިގެ ކޭސްތައް ރާއްޖޭގެ އަތޮޅުތަކުގައި ގިނަވެ ހާލަތުވަނީ ގޯސްވާން ފަށާފައެވެ. ހުރާ އިން ބަލިވެގެން މާލެ ގެނައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ރަށް މޮނިޓަރިންއަށް ލާފައި ވަނީ މިމަހުގެ 22 ވަނަ ދުވަހުގަ އެވެ. އޭގެ ފަހުން މިހާތަނަށް 90އަށް ވުރެ ގިނަ މީހުން އެ ރަށުން ޕޮޒިޓިވްވެފައިވެއެވެ. ހުރާ ކައުންސިލްގެ ރައީސް އީސާ އަހްމަދު ސީއެންއެމްއަށް މީގެ ކުރިން ވިދާޅުވި ގޮތުގައި، އެރަށުން 180 އަށް ވުރެ ގިނަ ސާމްޕަލް ނެގިފައިވާ ކަމަށާއި ރަށުގައި 218 ގެ ހުންނަ އިރުގައި އޭގެތެރެއިން 100 އަށްވުރެ ގިނަ ގެ ހުރީ މޮނިޓަރިންގެ ހާލަތުގަ އެވެ.

އީސާ ވިދާޅުވީ އެރަށުގައި 1800 އެއްހާ މީހުން ދިރިއުޅޭ އިރުގައި ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ، ބައެއް މީހުން ކަރަންޓީނުގައި ހުންނަން ޖެހުމުގެ ސަބަބުން ރަށުގައި ސާމްޕަލް ނެގުމުގެ މަސައްކަތައް ވަނީ ބުރޫ އަރާފައި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް