ހުރާ ހެލްތު ސެންޓަރުގެ އެސިސްޓެންޓު ކޮމިއުނިޓީ ހެލްތު އެފިސާ ޝަފީގާ އާރިފް ސީއެންއެމް އަށް ވިދާޅުވީ އެރަށުން އިއްޔެ ޕޮޒިޓިވްވި ހަތް މީހުންނާ އެކުގައި މިހާރު ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަކީ 111 ކަމަށެވެ.
ކޮވިޑް ޖެހިފައިވާ މީހުންގެ ތެރޭގައި ހައިރިސްކު 11 މީހުން ހިމެނޭ ކަމަށާއި އެކަކު ވަނީ ހުޅުމާލޭ ހެލްތު ފެސިލިޓީއަށް ބަދަލުކޮށްފައި ކަމަށް ވެސް ޝަފީގާ ވިދާޅުވި އެވެ. ދެން ތިބި ހައިރިސްކު މީހުންގެ ވެސް ހާލު ރަނގަޅުކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
ޝަފީގާ ވިދާޅުވީ އެރަށުން މިހާތަނަށް ޖުމްލަ 549 ސާލްޕަލް ނަގާފައި ކަމަށާއި އަދި ކޮންމެ ދުވަހަކުވެސް 30 ވަރަކަށް ސާމްޕަލް ނެގުމުގެ މަސައްކަތް އެރަށުގައި ކުރިއަށްގެންދާ ކަމަށެވެ.
އެރަށުގައި 176 ގޭގައި މީހުން ދިރިއުޅެމުން ދާއިރުގައި 90 ގެއެއް ވަނީ މޮނިޓަރިންގެ ހާލަތުގައިކަން ފާހަގަކުރައްވަމުން ޝަފީގާ ވިދާޅުވީ 398 މީހަކު ކަރަންޓީނުގައި އެބަ ތިބި ކަމަށެވެ.
ހުރާގައި ސާމްޕަލް ނެގުމުގައި ދިމާވެފައިވާ މީހުންގެ ދަތިކަން މިހާރު ވަނީ ހައްލުކުރެވިފައި ކަމަށާއި ރަށުގައި ރައްޔިތުންނަށް ކާބޯތަކެތި ލިބުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިވެފައި ނުވާ ކަމަށް އެރަށުގެ ކައުންސިލްގެ ނައިބު ރައީސް ފަޔާޒު އިބްރާހީމް ވިދާޅުވި އެވެ.
ހުރާއިން ބަލިވެގެން މާލެ ގެނައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ރަށް މޮނިޓަރިންއަށް ލާފައި ވަނީ މިމަހުގެ 22 ވަނަ ދުވަހު އެވެ. އަދި އެރަށުގައި ކޮވިޑް 19 ހަލުވި ކަމާއެކު ފެތުރެމުން ދާތީ ޒަރޫރީ ބޭނުމަށް ފިޔަވައި ބޭރަށް ނިކުތުން މަނާކޮށް ކާފިއު އިއުލާން ކޮށްފައި ވަނީ މާޗް މަހުގެ 31 ވަނަ ދުވަހުގަ އެވެ.