ads
ވީޑިއޯ ރިޕޯޓް-
މިހާރު މިއީ ކޮވިޑް-19 އެއް ނޫން، މިއީ ސިޔާސީ ކޮވިޑް!
ކޮވިޑް-19 އިން ރައްކާތެރިވުމަށާއި، ކޮވިޑް ފެތުރުން ހުއްޓުވުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަޅާފައިވާ ފިޔަވަޅުތަކަށް މިފަހަކަށް އައިސް އާންމުންގެ ފާޑުކިއުންތައް އިންތިހާއަށް އަމާޒުވަމުން އަންނައިރު ގިނަ ފަރާތްތަކުން ކުރަމުން އަންނަ ތުހުމަތަކީ އެޗްޕީއޭ ސިޔާސީ ނުފޫޒުން ފޯވެފައިވާ ކަމުގެ ތުހުމަތެވެ. ކަން މިހެން ވާންވީ ސަބަބު ތަކެއްވެސް އެބަހުއްޓެވެ.

އެންމެ ފުރަތަމަ ދިވެހިންނާއި ކޮވިޑް އައިސް ބައްދަލުކުރިއިރު ދިވެހިންނަކީ ކޮވިޑް މިއީ ހަގީގަތުގައިވެސް ނުރައްކާތެރި ބައްޔެއްގެ ގޮތުގައި ގަބޫލުކުރި ބައެކެވެ. ބަލީގެ ހަގީގަތް ވަރަށް އަވަހަށް ދިވެހިން ދަސްކުރިއެވެ. އޭގެ ހެތްކަކީ އޭރު ކާފިއު ގަޑީގައި ބޭރުގައި އުޅޭތީ މީހުން ޖޫރިމަނާ ކުރާކަށްވެސް ނުޖެހެއެވެ. މާސްކު ނާޅައިގެން ޖޫރިމަނާ ކުރާކަށްވެސް ނުޖެހެއެވެ. އާންމު ދިރިއުޅުމުގެ އެތައް ކަމަކުން މަހުރޫމު ވެގެން ދިވެހިން ތިބީ ގޭގައެވެ. ނަމަވެސް މިހާރު ފެންނަ މަންޒަރަކީ ބަލީގެ ސީރިއަސްކަން ހަނދާންނެތި، އަދި ސީރިއަސްކަން ގަބޫލުވެސް ނުކުރެވި ބަސްނާހާ މަންޒަރެވެ. މިހެން ވާންޖެހުނު ސަބަބުތަކަކީ ކޮބައިތޯއެވެ. 

ކޮވިޑުގެ ކަންކަމުގައި ބަހުސްކުރާ ކޮންމެ މީހަކުވެސް ދައްކާ އެއްވާހަކަ ތަކެއް އެބައޮތެވެ. އެއީ މައިގަނޑު ގޮތެއްގައި އެޗްޕީއޭ ބަދުނާމުކޮށް ދައްކާ ވާހަކައެވެ. އެޗްޕީއޭ ސިޔާސީ ނުފޫޒުން ފޯވެފައިވާ ވާހަކައެވެ. ހާލަތާއި ނުބައްދަލު ފިޔަވަޅު އަޅާ ވާހަކައެވެ. ބަލީގެ ސީރިއަސްކަން ރައްޔިތުންނަށް ކިޔައި ދިނުމަށްފަހު ރައްކާތެރިވާން އަޅާ ފިޔަވަޅުތައް ދިމާނުވާ ވާހަކައެވެ. ފިޔަވަޅުތަކުގެ ދެކޮޅު ނުޖެހޭ ވާހަކައެވެ. ހަމަ ގައުމުވެސް މުތުލަގަށް ބުނަން އެނގޭ އެއްވާހަކައަކީ، އެންމެން އެއްގޮތަކަށް އެޗްޕީއޭ އަށް މި ތުހުމަތުތައް ކުރާނީ ކޮންމެވެސް ގޮތަކުން ގޯސްތަކެއް ހަގީގަތުގައިވެސް ހުރުމުންކަމެވެ. 

އެންމެ ފުރަތަމަ ކޮވިޑްގެ ނުރައްކާތެރިކަމާހުރެ އަޅާފައިވާ ފައިވާ ފިޔަވަޅުތަކާއި ރައްޔިތުން އުޅެމުން އައި ހާލު ހިތައް ގެންނަވާށެވެ. ވަޒީފާއަށް ދިއުން މަނާވެ ވަޒީފާތައް ގެއްލުނެވެ. ސްކޫލަށް ދިއުން މަނާވެ ދަރުވަރުންގެ ތައުލީމީ ކަންކަން ހުއްޓުނެވެ. މިހެންގޮސް ޒަރޫރީ އެތައް ކަމަކުން މަހުރޫމު ވިއެވެ. އޭރު މޮނީޓަރީންގެ ހާލަތުގައި އޮތީ ދެތިން ރިސޯޓެވެ. މާލެއިން ދުވާލަކަށް ފެންނަ ކޭސްތަކުގެ އަދަދު 50 އިން ދަށެވެ. އެއީ ރައްޔިތުން ކޮވިޑުގެ ކަންކަމުގައި ބަސްއެހި އިރެވެ. 

ނަމަވެސް ދުވަސްތައް ފާއިތުވަމުންގޮސް، ހާލަތު ބަދަލުވަމުން އައިސް، އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެންނަމުން އައިސް މިއަދުގެ ހާލަތަށް ބަލާލަމާތޯއެވެ. އެޗްޕީއޭއިން ކޮވިޑާއިއެކު ހެދި ހާއްސަ އެއްބަސްވުމެއްގެ ދަށުން ކަންވެސް ނޭނގެއެވެ. ކޮވިޑް ނެތް ތައްތަނަށް ބޭބޭފުޅުން "ޒަރޫރީ" ބޭނުންތަކަށް ދިއުމަށް ހާއްސަ ހުއްދައެއް ދޭން ފެށިއެވެ. ހާއްސަ ހުއްދައިގެ ދަށުން ރައްރަށައްދާ ހާއްސަ ބޭފުޅުން ކުރާހާވެސް ޒަރޫރީ ކަމަކީ، ހަފްލާއެއް ބާއްވާފައި ބިންގަލެއް ބެހެއްޓުމާއި ރިބަން ކެނޑުމާއި، ދެން އަތްޖެހުމެވެ. ވަރަށް ޒަރޫރީ ދެއްތޯ!

ދެން އައިސް މާލޭގައި ބަލީގެ ހާލަތު ތަންކޮޅެއް ރަނގަޅުވެ، ޕޮޒިޓިވްވާ ރޭޓި ދަށްވެލިއެވެ. އޭރު 5000 އެއްސާ ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް ވަމުން ދިޔައީ 100 އެއްހާ މީހުންނެވެ. އެހެނެއްކަމަކު ފިޔަވަޅުތައް އިހުނަށްވުރެ ކޮށްފައި އޮތީ ހަރުކަށްޓެވެ. ރޮއެ އާދޭސް ކޮށްކޮށް ތިއްބާ ކުރަންފެށީ މަތިމައްޗަށް ޖޫރިމަނާއެވެ. ރިބަން ކެނޑުން ޒަރޫރީ ކަމަށްވީ ވީއިރު މިސްކިތްތަކުގެ ވުޞޫކުރާ ފެން އިސްކޫރުތަކުން ފެން ހުރީ ކަނޑާލާފައެވެ. މިވާކަވެސް ދެއްކީމާ ދެން ގޯސްވާނީހަމަ އަޅުގަނޑުތާއެވެ. އެހެނެއްކަމަކު މިއީ އެބުނާ ހާލަތާ ނުބައްދަލު ފިޔަވަޅު އެޅުން ނޫންތޯއެވެ. 

ދެން ކުރިމަތިލާން މިޖެހުނީ އިންތިހާބަކާއެވެ. އޭރުވެސް ކޮވިޑުގެ ހާލަތު ހައްތަހާ ދިޔައީ ގޯސްވަމުންނެވެ. ގިނަ ރައްތަކެއް އޮތީ މޮނީޓަރީންނަށް ލެވިފައެވެ. މާލޭގައިވެސް އޮތް ކޮމިއުނިޓީ ސްޕްރޭޑްގައި ދުވާލަކަށް 100 އިން މަތިން މީހުން ދިޔައީ ޕޮޒިޓިވް ވަމުންނެވެ. ކޮންމެއަކަށް އެއްކަލަ އެޗްޕީއޭއިން އަނެއްކާވެސް ކޮވިޑާއި އެކު އެއްބަސްވުމެއް ހެދީކަންނޭނެގެއެވެ. ކުއްލިއަކަށް އިއުލާން ކޮށްލީ ކެމްޕެއިން ކުރަން ރައްރަށައް ދާ މީހުންނަށް ކޮވިޑް ޖެހުން މަނާވާ ކަހަލަ ގައިޑްލައިންއެއް ހަދަން އުޅޭ ވާހަކައެވެ. ކޮންމެއަކަށް އެ އުސޫލު އެންމެ 24 ގަޑީރުގެ ތެރޭގައި އުވާލީ ބަލިމަޑުކަމެއްގެ ސަބަބުންނެއް ނޫނެވެ. އާންމު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ހުރުމުންނެވެ. 

ދެންއަދި މިކޮށްލީ މާ މޮޅު ކަމެކެވެ. ރާއްޖޭގައި މިހާތަނަށް ރިކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެ، އަތޮޅުތެރެއިން މިހާތަނަށް ރިކޯޑު މިންވަރަކަށް ރައްތަށް މޮނީޓަރީންނަށް ލާންޖެހި، ރިކޯޑް އަދަދަކަށް ދުވާލެއްގެ މައްޗަށް އަތޮޅުތެރެއިން މީހުން ޕޮޒިޓިވްވެ، އަތޮޅުތެރޭގެ ރައްތަކުން ނަގާ ސާމްޕަލްތަކުގެ ނަތީޖާ ނުލިބި 5 ދުވަސްވެ، ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ އަދަދު 3000 އިން މަތީގައި އޮއްވާ ކުއްލިއަކަށް އެޗްޕީއޭއިން ދިނީ ރޯދަ ހަދިޔާއެކެވެ. ކާފިއު އުވާލައި، ހަފްލާތައް ބާއްވަން ހުއްދަދީ، ބޭނުން ގަޑިއަކު ބޭނުން ހާއިރެއް ވާންދެން ބޭރުގައި އުޅެވޭނެ މިންވަރަށް ލުއިތައް ދިނީއެވެ. އިސްވެ ދިޔަ ޖުމްލަތަކުގައި ނެތް ވާހަކައެއް ފާހަގަކޮށްލާނަމެވެ. މި ލުއިތައް ކުއްލިއަކަށް މިދިނީ ކައުންސިލް އިންތިހާބަށް އެންމެ 7 ދުވަހަށް ވެފައި އޮއްވައެވެ.

ދުވާލަކަށް 300 މީހުން ޕޮޒިޓިވް ވެ ރިކޯޑް ހެދިއިރު އެ ދެއްވި ލުއިތަކާއިއެކު ދެންހަމަ އިންތިހާބަށް ތައްޔާރުވާން ކަންކަން މަތީގައި ބޭނުން ވަރަކަށް ދިދަފަތި ދަމާފައި ކެމްޕެއިން ހަފްލާތައް ބާއްވަންވީއެވެ. ގައިދުރުކޮށް ގޮނޑިޖަހާލާފައި މާސްކު އަޅާލީމައި ނިމުނީއެވެ. ނަމަކަށެވެ. މިއޮތީ އެއްކަލައިރު ކެމްޕެއިން ކުރަން ދޭންއުޅުނު ހާއްސަ ހުއްދަ އެހެން ގޮތަކަށް ދެވިފައި ނޫންތޯއެވެ. ދެންވެސް ގޯސްވާނީ ހަމަ މިވާހަކަ ދައްކާ މީހާއެވެ. 

އެކަމަކު މިފަހަރު ސޮރީއެވެ. މި ހުރިހާ ސަކަރާތެއް ޖެހީމާ މިހާރު ރައްޔިތުން އެޗްޕީއޭއަށް ކުރަމުން އައި އިތުބާރު އެއްކޮށް ގެއްލިއްޖެއެވެ. މިއަދު ގިނަ ރައްޔިތުން ކޮވިޑް ރާއްޖޭގައި އޮތް އެއްޗެށް ކަމަށްވެސް ގަބޫލެއް ނުކުރެއެވެ. އެކަމަކު ނަންގަންނަމުތޯއެވެ. އަހަރެންގެ ނަޒަރުގައި ކޮވިޑް ރާއްޖޭގައި އެބަ އޮތެވެ. އެކަމަކު އެއީ ކޮވިޑް-19 އެއް ނޫނެވެ. ރާއްޖޭގައި މިހާރު އޮތީ ސިޔާސީ ކޮވިޑެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް