ލީގު ފެށުނު އިރު ޓީމުގެ ކޯޗަކަށް ހުރި މުހައްމަދު އާދަމް އިސްތިއުފާ ދިނުމުން ޓީމާ ހަވާލުވި ސާންތީ، ޔޫވީގެ ނަސީބުގެ މައްސަލައެއް އުޅޭކަން ފާހަގަކޮށް ބުނީ، ނަސީބުގެ މައްސަލަވެސް އުޅެނީ ސަބަބުތަކަކާ ހެދި ކަމަށެވެ.
ދިވެހި ލީގުގައި މިހާތަނަށް ޔޫވީ މި ސީޒަންގައި ދިހަ މެޗު ކުޅެފައިވާއިރު އެންމެ މެޗަކުން ވެސް މޮޅުވެފައެއް ނުވެއެވެ. ޔޫވީއަށް ދިހަ މެޗުން ވީހާވެސް ވަރަކީ އެންމެ ތިން މެޗު އެއްވަރުކޮށްލުމެވެ. ދިވެހި ޕްރިމިއާ ލީގުގެ ފުލުގައި އޮތް ޔޫވީއަށް މި އަހަރުގެ ދިވެހި ލީގުން ފުރުސަތު ދިނީވެސް ޔޫވީއަށްވުރެ ރަނގަޅު ނަތީޖާ މިދިޔަ އަހަރުގެ ލީގުގައި ހޯދި ފޯކައިދޫ ސްޕޯޓްސް ބޭރުކޮށްފައެވެ. މިދިޔަ ސީޒަންގައި ލީގުގައި ކުޅުނު ފޯކައިދޫއާ ނިލަންދޫއަށް މިއަހަރުގެ ލީގުން ފުރުސަތު ނުދޭން އެފްއޭއެމުގެ އާ އެކްސްކޯއިން ނިންމީ އަތޮޅުތެރޭގެ އެއްވެސް ޓީމަކަށް ދިވެހި ލީގުން ފުރުސަތު ނުދޭން ނިންމި ނިންމުމުގެ ތެރެއިންނެވެ. މި ނިންމުމުގެ ތެރެއިން ފޯކައިދޫއާ ނިލަންދޫ ލީގުން ބާކީކޮށް ފޯކައިދޫއަށް ވުރެ ފަހަތުން މިދިޔަ ލީގުގައި ނިންމި ޔުނައިޓޭޑް ވިކްޓްރީއަށް ފުރުސަތު ދިނީއެވެ.
މިދިޔަ އަހަރު ވެސް ލީގުގައި ވެސް ދަށް ނަތީޖާތަކެއް ނެރުނު ޔޫވީއަށް މި ސީޒަންގައި އަދި އެންމެ މެޗަކުންވެސް މޮޅެއް ނުވެއެވެ. ޔޫވީގެ ނަތީޖާތައް ދަށް ވުމުގެ ސަބަބުން އެ ޓީމުގެ ހެޑް ކޯޗުކަމުގެ މަގާމުގައި ސީޒަން ފެށުނު އިރު ހުރި މުހައްމަދު އާދަމްވަނީ މަގާމުން އިސްތިއުފާ ދީފައެވެ. މުހައްމަދު އާދަމް އިސްތިއުފާ ދިނުމުން މިހާރު ޔޫވީގެ ހެޑް ކޯޗަކަށް މަސައްކަތް ކުރަނީ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމު ކުރިން އަދާކުރި އިހްސާން އަބްދުލްގަނީއެވެ. އިހުސާނު ހަވާލުވެގެންވެސް އަދި ޔޫވީއަކަށް މޮޅެއް ނުވެވެއެވެ.