މިއީ 2017 ގައި ބޭއްވުނު މުބާރާތަކަށް ވީއިރު މީގެ ނަތީޖާ ފާޅު ކޮށްފައި ވަނީ 2020 ވަނަ އަހަރު ޑިސެމްބަރު މަހުގައި ކަމަށް މުބާރާތުގެ ތިން ވަނައަށް ހާސިލް ކޮށްފައިވާ މުހައްމަދު މުސްތަފާ (ކުލަފިހި) ބުންޏެވެ. އަދި މި މުބާރާތާއެކު ބާއްވަން ބުނި އެކްޒިބިޝަން ނުބާއްވަން ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފައި ވާއިރު، އެ ނިންމުން މިގޮތަށް ނިންމި އެއްވެސް ސަބަބެއް ހާމަ ކޮށްފައި ނުވާ ކަމަށް ވެސް މުސްތަފާ ކިޔައިދިނެވެ.
ސީއެންއެމް އަށް މައުލޫމާތު ދެމުން މުސްތަފާ ބުނެފައި ވަނީ މުބާރާތގެ ތިންވަނަ ހާސިލް ކުރުމާއި ގުޅިގެން މާލޭ ސިޓީ ކައުންސިލުން ދޭން ބުނެފައިވާ 2،000 ރުފިޔާ އަދިވެސް ނުލިބޭ ކަމަށާއި، މި ފައިސާ ހޯދުމަށް އެކި ގޮތްގޮތުން މަސައްކަތް ކޮށްފައި ވާނެ ކަމަށެވެ.
އެގޮތުން ވަނަތަކަށް ދިޔަ ބައިވެރިން އެކި ފަހަރު މަތީން ސިޓީ ކައުންސިލަށް ގުޅައިގެން މިކަމުގެ ޝަކުވާ ކޮށްފައި ވާނެ ކަމަށާއި، އެވަރުންވެސް އެ ބޭފުޅުންނަށް ހައްގުވާ ފައިސާ ނުލިބުމުން މާލޭ ސިޓީ ކައުންސިލަށް ގޮސް މިކަމާއި ޗާހަކަ ދައްކާފައި ވާނެ ކަމަސް މުސްތަފާ ބުންޏެވެ.
ނަމަވެސް މިކަމަށް އެދެވޭ ހައްލެއް ނުލިބޭ ކަމަށާއި، ކޮންމެ ފަހަރަކުވެސް ލިބޭ ޖަވާބަކީ ވަރަށް އަވަހަށް އެ ރުފިޔާލިބޭނެ ވާހަކަ ކަމަށް މުސްތަފާ ބުންޏެވެ. އަދި މިހާރު ވާނީ ފައިނޭންސް އަށް ފޮނުވާފައި ކަމަށް ސިޓި ކައުންސިލުން ބުނެފައި ވީ ނަމަވެސް ފަހުން އެކަމުގެ ހަބަރެއް ނުވާ ކަމަށް އޭނާ ބުންޏެވެ.
އެހެން ކަމުން މިއަދު އޭނާ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އަދިވެސް މިފައިސާ ނުލިބޭ ކަމަށާއި، މި ފެށޭ ރޯދަ މަހުގެ ކުރިން "ރޯދަ އިނާޔާތެއް" ގެ ގޮތުގައި ލިބުން އެދޭ ކަމުގައެވެ.
މި މުބާރާތަކީ 2017 ވަނަ އަހަރުގައި "ލައިފް އިން މާލެ ސިޓީ" މި ޝިއާރުގެ ދަށުން މާލޭ ސިޓީ ކައުންސިލުން ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ.
މިކަމުގައި ސިޓީ ކައުންސިލުން ބުނެފައިވަނީ މި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.