ads
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން-
ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީއިން ފަސް ވައުދެއް!
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީއިން ކަނޑައަޅަފައިވާ މެނިފެސްޓޯ ނެރެފައިވާ އިރު އޭގައި ހިމެނެނީ މައިގަނޑު ފަސް ވައުދެކެވެ.

އެގޮތުން މި މެނިފެސްޓޯގެ މައިގަނޑު ފަސް ވައުދު ތެރޭގައި ހިމެނެނީ ބޯހިޔާވަހިކަމާިއި، ވަޒީފާ ވިއުގަކުރުމާއި، އިޖުތިމާއީ ހިދުމަތާއި އަދަބު ލުއި ކުރުމާއި، އާންމު ބަސްދަތުރުގެ އިތުރުން މިލިއުޅެވޭ ދިރިއުޅުމެވެ. 

ބޯހިޔާވަހިކަން

ބޯހިޔާވަހިކަމަކީ މި މެނިފެސްޓޯގައި ހިމެނިފައިވާ އެންމެ ފުރަތަމަ ވައުދު ކަމުގައި ވީއިރު، މި ވައުދުގެ ދަށުން ބޯހިޔާވަހިކަން ދޭން ނިންމާފައިވާ އެއް ބަޔަކީ ކައުންސިލް ހައުސިން ކެޓަގަރީ ގައި ހިމެނޭ ދިގު މުއްދަތަކުން ދައްކާ ހަލާސް ކުރާ މަގުން ވެސް ބޯހިޔާވަހިކަން މިލްކު ކުރުމުގެ ގާބިލްކަން ނެތް 3000 އާއިލާތަކެވެ. މަހަކު 6400 ރުފިޔާއަށްވުރެ ބޮޑު ކުއްޔެއް ނުނަގާ ގޮތަށް މި ކެޓަގަރީގެ މީހުންނަށް ބޯހިޔާވަހިކަން ދޭން މި ވައުދުގައި ވެއެވެ. 

މި ވައުދުގެ ދަށުން 10،000 ހައުސިން ޔުނިޓް އަޅަން ނިންމާފައި ވާއިރު، މި ޔުނިޓްތަކުން ބޯހިޔާވަހިކަން ލިބޭނީ، ކައުންސިލް ހައުސިންގެ އިތުރުން 32،000 ރުފިޔާގެ އާމްދަނީއެއް ލިބޭ 4000 އާއިލާ އަދި 32،000 އާއި 64،000 ރުފިޔާއާ ދެމެދުގެ އާމްދަނީއެއް ލިބޭ 5600 އާއިލާއަކަށެވެ. 

އަދި ގިނަ ލިޔުންތަކެއް ހުށަހަޅަން ނުޖެހި، ފަސޭހަ ކަމާއެކު މާލޭ ސިޓީ ކައުންސިލްގެ ޕޯޓަލް މެދުވެރިކޮށް ބޯހިޔާވަހި ކަމަށް އެދެވޭނެ އިންތިޒާމެއް ހަމަޖައްސައި ދެއްވާނެ ކަމަށް ވެސް މި މެނިފެސްޓޯގައި ވެއެވެ. 

ވަޒީފާ ވިއުގަކުރުން

ވަޒީފާ ހޯދުމުގެ ދަތިކަމަކީ މިހާރު ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ ކަމުގައި ވާއިރު، މި ވައުދުގެ ދަށުން ހުރިޙާ ދާއިރާއެއްގައި ޖޮބް ސެންޓަރުތައް ގާއިމު ކުރެވިގެން ދާނެއެވެ. މި ޖޮބް ސެންޓަރު ތަކުން ވަޒީފާއަށް އެދޭ ފަރާތްތަކުގެ މައުލޫމާތު އެއްކުރެވި، ހުސްވާ ވަޒީފާ ތަކާއި ވަޒީފާތަކަށް އެދޭ ފަރާތްތައް ގުޅާލެވޭނެއެވެ. 

މިކަމުގެ ސަބަބުން ބިދޭސީންނަށް ވަޒީފާ އަދާ ކުރެވޭނީ އެ ވަޒީފާ އަދާ ކުރާނެ ދިވެއްސެއް ނެތީގެން ކަން ޔަގީން ކުރެވުމުގެ އިތުރުން، ގިނަ ދިވެހީންނަށް ފަސޭހަ ކަމާއެކު ވަޒީފާ ހޯދުމުގެ މަގު ފަހިވެގެން ދާނެއެވެ. 

އިޖުތިމާއީ ހިދުމަތް، އަދަބު ލުއި ކުރުން

ޕޭރޯލް ހަލުވިކޮށް، ޕްރޮބޭޝަންގެ ބެލެހެއްޓުން ތެރިކަމުގެ ނިޒާމުގެ ތެރެއިން، ސިޓީ ކައުންސިލްގެ ބެލެނިވެރިކަމުގެ ދަށުން ތައާރަފް ކުރާ އިޖުތިމާއީ ހިދުމަތުން އަދަބު ލުއި ކޮށްދޭނެ އާ ފުރުސަތެއް ފަހިކޮށް ދިނުމުގެ ނިޒާމެއް މި ވައުދުގެ ދަށުން ހޯދައިދޭނެއެވެ. 

އާންމު ބަސްދަތުރު

މާލެ ސަރަހައްދުގައި ކާރު ބާރު ބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން އާންމު ބަސްދަތުރުގެ ހިދުމަތް ފެށުމަށް މި ވައުދުގެ ދަށުން މަސައްކަތް ކުރާނެއެވެ. އެގޮތުން މާލޭގެ މަގުތަކަށް އުޅަނދުފަހަރު ކަތާނެ މިންވަރު ކަނޑައަޅައި، ތަންފީޒު ކުރުމަށްވެސް މި ވައުދުގެ ދަށުން ވަނީ ނިންމާފައެވެ. 

މިލިއުޅެވޭ ދިރިއުޅުން

އުފާވެރި ކަމާއެކު ހަމަޖެހިލައިގެން އުޅެވޭނެ ހިތްފަސޭހަ މައިޒާންތައް ހެދުމާއި، މިއުޒިކާއި، މުނިފޫހިފިލުވުމާއި، ހުނަރާއި ފުނަރުން ކުރިއަރައި ދާ އުފެއްދުންތެރި ޒުވާން ޖީލަކަށް ބޭނުންވާ ފަންނުވެރިކަމުގެ އާލާތާއި، ވަސީލަތް ގާއިމު ކޮށްގެން އެކަކު އަނެކަކަށް އަޅާލައި، އެކި މިޒާޖުގެ އެކި އުމުރުފުރައިގެ ދެ ޖިންސުގެ މީހުންނަށް ހިތްފަސޭހަ ކަމާއި އެކުގައި އުޅެވޭނެ ވެއްޓެއް ގާއިމު ކުރުމަށް މި ވައުދުގެ ދަށުން މަސައްކަތް ކުރެވޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް