ސީއެންއެމް އަށް މައުލޫމާތު ދެމުން އިސްލާމިކް މިނިސްޓަރީގެ މީޑިއާ އޮފިޝލް ވިދާޅުވީ ޒިކުރާ މިސްކިތުގެ ގޯތިތެރެއިން ގަބުރު ފެނިފައި ވަނީ އިއްޔެ ކަމަށެވެ. އަދި އެއީ ދެތިން ގަބުރު ކަމަށް ވެސް އޮފިޝަލް މައުލޫމާތު ދިނެވެ.
ޒިކުރާ މިސްކިތް ތަޅައިލީ އެތަން ބައު ވުމުގެ ސަބަބުން އައު މިސްކިތެއް އެތަނުގައި އެޅުމަށެވެ. ނަމަވެސް މިހާރު ގެންދަނީ އެ މިސްކިތް ހުރި ސަރަހައްދުގައި ރޯދަ މަހަށް ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.
އެތަނުން ގަބުރު ފެނިފައިވީ ނަމަވެސް މިހާރު އެތަން ދަނީ ސާފުކުރަމުން ކަމަށާއި އަދި ރޯދަ މަހަށް ވަގުތީ މިސްކިތް އެޅުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށް ކަމަށް އިސްލާމިކް މިނިސްޓަރީއިން މައުލޫމާތު ދެއެވެ.
ޒިކުރާ މިސްކިތް ހުރި ސަރަހައްދަކީ ކުރިން މީހުން ވަޅުލި ސަރަހައްދެއްކަމަށް ބައެއް މީހުން ބުނެއެވެ. އަދި މީގެ ކުރިން ވެސް އެ މިސްކިތް ހުރި ސަރަހައްދުން ގަބުރު ފެނިފައިވެއެވެ.