ads
ފޮޓޯ--
ރާއްޖޭގައި ދާއިމީ ކަރަންޓީނު ފެސިލިޓީތައް ގާއިމު ކުރަނީ
ޕްރައިމަރީ ހެލްތުކެއާ ގެ އާ މަޝްރޫއެއް މުޅި ގައުމުގައި ފަށާނެ
ސިއްހީ ކުއްލި ނުރައްކަލެއް އަދި އެފަދަ އެހެން ކާރިސާއަކަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖޭގައި ދާއިމީ ކަރަންޓީނު ފެސިލިޓީތައް ގާއިމު ކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ދުވަހާއި ގުޅިގެން މިނިސްޓަރު ނަސީމް ދެއްވި ހިތާބުގައި ވިދާޅުވީ ރައްޔިތުންނާއި ގާތުން ސިއްހީ ހިދުމަތްދީ ސިއްހީ ރައްކާތެރިކަން ދުރާލާ ކަށަވަރު ކުރުމުގެ ތެރެއިން މިހާރާއި ކުރިމަގުގެ ޖީލުތަކުގެ ސިއްހީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް، ޕްރައިމަރީ ހެލްތުކެއާގެ އައު މަޝްރޫއެއް މުޅި ގައުމުގައި ފެށިގެންދާނެ ކަމަށެވެ.

"ޕްރައިމަރީ ހެލްތު ކެއާ ގެ ވިސްނުމަކީ، ހެލްތު ކެއާ ވޯކަރުން ކުރީ ސަފުގައި ތިބެގެން އަދި އެހެނިހެން ހެލްތު ޕްރޮފެޝަނަލުންގެ ވެސް ދައުރު ފުޅާކޮށް ޓީމެއްގެ ގޮތުގައި، ރަށު ފެންވަރުގައި، ރައްޔިތުންނާއި ގާތުން ހިދުމަތްތައް ފޯރުކޮށްދީ، ބަލިވުމުން ސިއްހީ މަރުކަޒަށް އައުމުން ފަރުވާ ދިނުމަށްވުރެ، ބަލިތަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކޮށް، ރައްޔިތުންގެ ޖިސްމާނީ، ނަފުސާނީ އަދި އިޖްތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުން،" - މިނިސްޓަރު ނަސީމު -

ވެކްސިން ޕްރޮގްރާމް އިތުރަށް ހަރުދަނާ ކޮށް ކޮރޯނާ ވައިރަހާއި އެނޫންވެސް ގައުމީ ވެކްސިން ޕްރޮގްރާމްގެ ތެރެއިން ދެވޭ ވެކްސިންތައް ކަށްވަރު ކުރެވިގެންދާނެ ކަމަށާއި ސިއްހީ ކުއްލި ނުރައްކަލެއް އަދި އެފަދަ އެހެން ކާރިސާއަކަށް ތައްޔާރުވުމުގެ ގޮތުން، ދާއިމީ ކަރަންޓީނު ފެސިލިޓީތައް ގާއިމު ކުރުމާއި، މިހާރު ރާއްޖޭގެ އެކި ހިސާބުގައި ގާއިމު ކުރެވިފައިވާ ކޮވިޑް ފެސިލިޓީތައް ކުރިމަގުގައިވެސް ބޭނުން ކުރެވޭނެހެން ބައްޓަންކޮށް ދެމެހެއްޓޭނެ ކަމަށް ވެސް ހެލްތު މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ކޮވިޑް އިޖާބައިގެ ތެރެއިން އަދި ކޮވިޑް ވެކްސިން ޕްރޮގްރާމުގެ ތެރެއިން އެއްކުރެވިފައިވާ ޒާތީ ސިއްހީ މައުލޫމާތުތައް ޑިޖިޓަލް ޑޭޓާ ބޭސްތަކުގައާއި އެފަދަ އެހެނިހެން ޕްލެޓްފޯމްތަކުގައި ރައްކާތެރިކަމާއިއެކު ބަލަހައްޓާ، އެ މައުލޫމާތުތަކުގެ އަލީގައި ރައްޔިތުންނަށް ދެވޭ ސިއްހީ ހިދުމަތްތަށް އިތުރަށް ތަރައްގީ ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

"މިއަހަރު ނިމުމުގެ ކުރިން ދިވެހި ކޮންމެ ރައްޔިތެއްގެ ފުރިހަމަ ސިއްހީ މައުލޫމާތުގެ ރެކޯޑެއް ގަވާއިދުން އަދާހަމަ ކުރެވޭނެ ނިޒާމެއްގެ ތެރެއިން އެއްކޮށް ބެލެހެއްޓުމަކީ މިނިސްޓަރު ވަރަށް އުންމީދު ކުރަން،" -މިނިސްޓަރު ނަސީމް-

ސިއްހީ ހިދުމަތްތައް އެ ފެންވަރަށް ތަރައްގީ ކުރުމުގައި، ރާއްޖޭގެ ހާރިޖީ ގުޅުންތަކުގެ ތެރެއިން އެކުވެރި ގައުމުތަކާއި ދެމެދު އޮންނަ ގުޅުންތައް އަދި ބައިނަލް އަގްވާމީ ސިއްހީ އިދާރާތަކާއިއެކު އޮންނަ ގުޅުންތައްވަނީ އިތުރަށް ބަދަހި ކުރެވިފައި ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެފަރާތްތަކުން ރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްގީއަށް އަދި ވަކިން ހާއްސަކޮށް "ކޮވިޑް އިޖާބަ" އަށް ދެއްވަމުންގެންދަވާ އެހީތެރިކަމަށް ޝުކުރުވެރިވާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެންމެ ހާއްސަ ގޮތެއްގައި، އަދި ފަހުރުވެރިކަމާއިއެކު ފާހަގަކޮށް އެފަރާތްތަކަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވަން ބޭނުންވަނީ، ކޮވިޑްގެ މަސައްކަތުގައި ހަރަކާތްތެރިވެފައިވާ އަދި މިހާރުވެސް ހަރަކާތްތެރިވަމުންދާ ސިއްހީ ހިދުމަތްތެރިންނާ، ވޮލަންޓިއަރުންނާ އަދި ޖުމްލަގޮތެއްގައި ފްރޮންޓްލައިންގައި މަސައްކަތް ކުރާ އެންމެހާ ފަރާތްތަކަށް ކަމަށެވެ.

"ސަލާމަތީ ބާރުތަކާއި، އެއާޕޯރްޓްތަކާ ބޯޑާ ކޮންޓްރޯލް މަސައްކަތާއި ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާގައި ހިދުމަތްދެއްވާ މުއައްސަސާތަކާއި ކުންފުނިތަކާއި އެންމެހާ މުވައްޒަފުނަނީ ކޮވިޑްގެ ބަތަލުންނާއި ބަތަލާއިން ކަމަށާއި ގައުމީ ރޫހުގައި އެފަރާތްތަކުން އެކުރައްވަނީ އަގުހުރި ހިދުމަތެއް،" މިނިސްޓަރު ނަސީމް

ފެންވަރު ރަންގަޅު ސިއްހީ ހިދުމަތްތައް ހަމަހަމަކަމާއިއެކު ގާތުން ފޯރުވައިދީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރާ އުއްމީދީ މަސައްކަތްތަކުގެ މަންފާ ރައްޔިތުންނަށް ލިބެމުންދާނެ ކަމަށާއި އެ މަސައްކަތުގައި މާތް ﷲ ބަރަކާތް ލެއްވުންއެދޭ ކަމަށް މިނިސޓަރު ވިދާޅުވި އެވެ.

ސިއްހީ ދުޅަހެޔޮކަމާމެދު އަބަދުވެސް ފަރުވާތެރިވުމަށާއި ކޮރޯނާ ވައިރަސްގެ މި ހާލަތުން އިބްރަތް ލިބިގަތުމަށާއި ސިއްހަތަކީ ހާސް ނިއުމަތެއް ކަމަށް އަދި އެ ނިއުމަތަށް ޝުކުރުވެރިވެ ދުޅަހެޔޮ ދިރިއުޅުމަކަށް އަހުލުވެރިވުމަށް މިނިސްޓަރު ނަސީމް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް