ads
ނ. ހެނބަދޫގެ ފެނުގެ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް އިފްތިތާހު ކުރުން
ހެނބަދޫ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް އިފްތިތާޙުކޮށްފި
އެމްޑަބްލިޔުއެސްސީއިން ނ. ހެނބަދޫގެ ފެނުގެ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް އިފްތިތާހު ކޮށްފިއެވެ.

މަޝްރޫއުއަށް ޖުމްލަ 41.3 މިލިއަން ދިވެހި ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު، އެމަޝްރޫއުގެ މަސައްކަތް ނިމުމުން ހެނބަދޫ ރައްޔިތުންނަށް ރައްކާތެރި ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ހެނބަދޫއަށްގެނެވި، ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަސައްކަތްތައްވެސް މިހާރު ދަނީ ކުރަމުންނެވެ.

އެ މަޝްރޫއުގެ ދަށުން ހެނބަދޫގައި 4.83 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމް ކުރުމާއި އާއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގި ބެހެއްޓުން ހިމެނެއެވެ. 

މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ ކަމަށާއި، އެ މަޝްރޫއުގެ ދަށުން ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީއިން ބުނެއެވެ. 

ހެނބަދޫގެ ފެނުގެ މަޝްރޫއުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ މުއްދަތަކީ 15 މަސް ދުވަހެވެ. 

އެމަޝްރޫއުގެ މަސައްކަތް އިފްތިތާހުކޮށްދެއްވާފައިވަނީ، ހެނބަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހަސަން ޝާހު އާއި ކެދިކުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު އީސާ އާއި ހެނބަދޫ ކައުންސިލްގެ ރައީސް އާދަމް ސަމީރު އެވެ. އެ ރަސްމީޔާތުގައި އެ ކުންފުނީގެ މެނޭޖްމެންޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް