ads
ވާހަކަ
ވާހަކަ: "ކަސްޓަމަރު"
"އެއްކަމެއްވެސް އެނގޭބައެއްނޫނޭ ، ބަލަ މިތާ މެނޭޖަރު ކޮބާހޭ ؟ " ރުޅިއައިސް ރަތްވެފަހުރެގެން، ކްލިނިކްގެ ރިސްޕްޝަންގައި އިން ކުއްޖާއާ ދިމާއަށް ސުމާ ހަޅޭލަވަމުންދިޔައެވެ.

"ބަލަ މުޅިދުވަހު މިތާ ކިހިނެއްހޭ ހުންނަނީ، ކުރަން ހުރި އެހެން ކަންތައްތައްވެސް ހުންނާނޭ، ކަލޭމެންހެން ކަމެއްނެތިފަ ގޮނޑީގަ ތިބޭނީ އެއްނޫނޭ އެހެންމީހުން. މިހާރު މިތާ ކިޔުގަ ހުންނަތާ ބައިގަޑިއިރު ވީ، ބަލިމީހަކު ބަލިރަނގަޅުވާހާއިރުވޭ މިތާ ކިޔުގަ އިންދާ"

" އަޅުގަނޑުމެން ނަންބަރު ދޫކުރަނީ ކިޔު ތަރުތީބުން، ނަމަވެސް ފުރަތަމަ އިސްކަން ދެނީ އެމެޖެންސީ ޕޭޝަންޓުންނަށް، ކަންތައްތައް ކުރިއަށްދަނީ ކަނޑައެޅިފައޮންނަ އުސޫލުގެ ދަށުން، ހާލުދެރަ ބަލިމީހުން ގިނަވުމުން ތަންކޮޅެއް ލަސްވަމުން މިދަނީ ، ނަމަވެސް ދެން މާގިނައިރެއްނުވާނެ" ރިސެޕްޝަނުގައި އިންކުއްޖާ މަޑުމައިތިރިކަމާއެކު ބުނެލިއެވެ.

ސުމާގެ ރުޅިއިތުރަށްގަދަވިއެވެ.

"ކަލެއަށް އަދި މަމީ ކާކުކަން ނޭނގެނީ، މިތާ ބޮޑުމީހާކައިރީ ބުނާނަން ކަލޭގެ ވަޒީފާއިން ކަނޑާލަން، ކޮންކަހަލަ ކަސްޓަމާ ސާވިސް އެއް ދޭބައެއްތަމީ. ތީތަ ބަލިމީހުންނަށް ހިދުމަތްދޭންވާގޮތަކީ، މިތަނަށް މިއަންނަނީ ވެސް ހޮސްޕިޓަލްތަކުން ހިދުމަތް ލަސްވާތީ އަވަސްކުރަން. ބުނެބަލަ ކިހާވަރެއްތަ ދޭންވީ ... "

ސުމާ ބޭނުންއެއްޗެއް ބުނަމުން ދިޔައިރު ރިސެޕްޝަނުގައި އިންކުއްޖާ އިނީ އިސްޖަހާލައިގެން އޭނާގެ މަސައްކަތްކުރާށެވެ.

ސުމާ ހުއްޓައެއްނުލިއެވެ. ތަނުގައި ތިބި އެންމެންގެ ސަމާލުކަން ހުރީ އޭނާއަށް ހުއްޓިފައެވެ. އެއްބަޔަކު ސުމާއާއި ބައިވެރިވެލައި، އެއްޗެހި ބުނެލައެވެ. އަނެއްބަޔަކު ހައިރާންވެފައި ތިއްބެވެ.

ޒަމާނާއެއްގޮތަށް ރީތިކޮށް ހެދުންއަޅާ ބުރުގާއަޅާ ހައި ހީލްއަކަށް އަރާފައި ހުރި ޒުވާން އަންހެނަކު، އެފަދަ ގޮތަކަށް އުޅުމުން އެކަމާ ހައިރާންވެފައިން މެދު އުމުރުގެ އަންހެނަކު ބުނެލިއެވެ.

"އެކުދިން ވެސް އެކުރަނީ މަސައްކަތް، ވީވަރަކުންތާ ވާނީ، ޑޮކްޓަރަށް ބަލިމީހުން ބެލޭވަރަކުންތާ އަވަސްވެސް ވާނީ"

" ކަލޭމެން ކަހަލަ ނާތަހުޒީބު ރާއްޖެތެރޭ މީހުން އައިސް މުޅިތަނަށް ގިނަވެގެން ވާހާގޮތްގޮތޭ މީ .."

ސުމާ އެމިހާއާއި ދިމާއަށް އެނބުރިލާފައި ބުނެލިއެވެ.

" މަންޖެ އަށް ކިހިނެއް އެނގެނީ މަމީ ރާއްޖެތެރޭމީހެއްކަމެއްވެސް، މީހާ ތަހުޒީބު ވަނީ، ލާ ހެދުމަކުން، ގެންގުޅޭ އަގުބޮޑު ފޯނަކުން ، ކުރާ މޭކަޕަކުން ނޫނޭ، އަނެކުންނާ މެދު މުއާމަލާތު ކުރާގޮތަކީ މީހާގެ ތަހުޒީބީ ފެންވަރު އަންގާދޭކަމަކީ، އެކުދިންނާ ދިމާއަށް ތިވަރަށް އެއްޗެހި ގޮވާއިރު، މާދަން ތިމަންނަވެސް އެފަދަ ވަޒީފާއެއްގައި އިންނަން ޖެހިދާނެކަމެއް ހިތައްނާރާ "

އެމީހާ ދެއްކިވާހަކައިން އަނެއްކާ ވެސް ސުމާގެ ރުޅިގަދަވިއެވެ.

" މަށަށް ތަގުރީރުދޭނެކަމެއްނެތް. ދުވަހަކު ވެސް މަށަކަށް ނުޖެހޭނެ ރިސްޕްޝަނެއްގައި އިންނާކަށް " އެހެން ބުނެލާފައި އަނެއްކާ ވެސް ރިސެޕްޝަނާއި ދިމާއަށް އެނބުރި ސުމާ ބުންޏެވެ.

" އޭ ބަލަ މީނދަ ބީތާއާ، ކަލެއަށް އަޑު ނީވޭތަ ލަސްވެގެން މީހުން އުޅޭއަޑު، ރަނގަޅަކަށް ވެއްޖެއްޔާ ، އެއްޗެއް އެނގޭވެސް މީހެއްނޫން، ނުކިޔަވާ، ފާސްނުވެ ތަނެއްގެ ރިސެޕްޝަނުން ވަޒީފާގަނޑެއްލިބުނީމަ އެކަންވެސް ކުރަން އެނގެނީއެއްނޫން. މިކަހަލަ މީހުނާ ހެދިއޭ ގައުމު ހަލާކުވަނީ "

އެންމެފަހުން ސުމާގެ ނަންބަރު ޖެހިއްޖެއެވެ.

" މުޅިން ފޫހިވެއްޖެ ޑޮކްޓަރަށް ދައްކަންވެސް، ހަމުގެ ޑޮކްޓަރަކަށް އެޕޮއިންޓަމަންޓް ހަދާފައޮންނާނީ "

ސުމާގެ މެމޯކޮޅު ދެމުން އެކުއްޖާ ހިނިތުންވާން މަސައްކަތް ކުރިއެވެ.

" އަދި މާ ރީތިމީހެއް ނަމަވެސް އެންމެ ރަނގަޅޭ ފޮނިވެފަ އިންނަން، މުޅިމޫނުގަ ތިއޮތް ބިހިތައް ފިލުވައިގެން މީހުންނަށް ހިދުމަތްދޭން އިނދެބަލަ، މީހުން ކުރިމަތީ ސަރވިސްދޭން ނޭގޭތާ ޕްރެސެންޓަބަލް ވާންވެސް ނޭގޭ ، މަގޭ އޮފީހަށް ލާހިކައެއް ނޫން ތިކަހަލަ މީހަކު ވަޒީފާއަށް ވަންނަން"

ސުމާ އެހެން ބުނުމުން އެކުއްޖާ ފެންކަޅިވިއެވެ. ނަމަވެސް ކަރުނަ ހިންދާލާފައި އަނެއްކާ ވެސް މަސައްކަތް ކުރަން ފެށިއެވެ.

ސުމާ އެތަނުން ނިކުމެގެން ދިޔައިރު ވެސް އޭނާގެ ހަރަކާތުން ފެންނަނީ ބޮޑާކަމެވެ. ވަށައިގެން ތިބި އެންމެންނަކީ އޭނާއަށް ވުރެ މާ ދަށުދަރަޖައިގެ މީހުންހެން އޭނާއަށް ހީވާ ކަހަލައެވެ.

ސުމާއަކީ ، މަޝްހޫރުވިޔަފާއިވެރިއެއްގެ ހުރި އެންމެ އަންހެންދަރިއެވެ. ބާރުގަދަ މަސްތުވާތަކެތި ބޭނުންކޮށްގެން އެކަން ފަޅާއެރުމުން ގްރޭޑް ދިހައަކާހަމައިން ކިޔެވުން ހުއްޓާލިއެވެ. ބޭނުންކޮންމެ ކަމެއްފުދިގެން އުޅޭތީ ސުމާއަށް ހުންނަނީއޭނާ ފެނިފައެވެ. އުމުރުން 25 އަހަރުވީ އިރުވެސް އޭނާއަށް ކަމުދާ، އޭނާގެ ޝަރުތުފުރިހަމަވާ މީހަކާ ދިމާނުވާތީ ކައިވެނި ނުކުރާތާ ލޯބިވެރިއަކު ވެސް ނުހުރެއެވެ. ދެދުވަހު އެކަކާއެކު ނޫޅެވޭތިއެވެ. މާ ގިނަ ރައްޓެހިންނެއް  ވެސް ނުތިބެއެވެ. އެންމެން ވެސް ޖެހޭނީ ސުމާގެ ދަށުގައި އަޅުން ފަދައިން އުޅޭށެވެ. ސުމާގެ ބައްޕަ ބަލިވެގެން އެމީހުންގެ ވިޔަފާރީގެ ހުރިހާކަމެއް ހިންގަން ހަވާލުކުރީ ސުމާއާއެވެ. މުވައްޒަފުންނާއި މެދު އޭނާ ކަންތައްކުރަނީ ކުރާނެގޮތަކަށެވެ.

ބޮނޑިކޮށްފައި ހުރި ހެދުންތައް ކޮނޑުތަކުގައި އަޅުވަމުން ހެދުންތައް ވަކި ތަރުތީބަކުން އަތުރަމުން ދިޔައިރު ސުމާ ހުރީ އިސްޖަހާލައިގެންނެވެ.

"މިހެދުން ކިހާވަރަކަށް، މީގެ މީޑިއަމް ނެތްތަ؟ "

ފަހަތުން މީހަކު ވާހަކަދެއްކުމުން ސުމާ އެދިމާއަށް އެނބުރުނެވެ.

ސުމާގެ ފަހަތުގައި ހުރި ކަސްޓަމަރަކީ ކޮންމެވެސް ތަނަކުން ފެނިފައިވާ މީހެއްހެން އޭނާއަށް ހީވިއެވެ. އޭނާއަށް ޖަވާބު ނުދެވިގެން އުޅެނިކޮށް އަނެއްކާ އެހެން މީހަކު ވާހަކަދެއްކިއެވެ. 

" މިތާ ނުހުރޭ ބޭނުންވާ އެއްވެސް ސައިޒެއް ،އޭ ބަލަ ގަބުވެފަ ނުހުރެ ނަގާބަލަ މީގެ ލާޖު، އަދި ލާޖު ޖިންސެއްވެސް ނަގާ "

ހަރުކަށި ރާގެއްގައި މީހަކު އެހެން ބުނުމުން ސުމާ އަވަސްވެގަތީ އެކަންކުރުމަށެވެ. ކިތަންމެ ހަރުކަށިވިޔަސް މަޑުމައިތިރިކަމާއެކު އެކަން ކުރުން ނޫން ގޮތެއް އޭނާއަކަށް ނެތެވެ.

ހެދުން ވިއްކާ ފިހާރައެއްގެ ސޭލްސް ގާލްއެއްގެ މަގާމުގައި މިއަދު އޭނާ ހުރުމުން، ތަފާތު އެކި ކަހަލަ އެކި މިޒާޖުގެ ކަސްޓަމަރުންނާއި ދިމާވެއެވެ. އުނދަގޫ މީހުނާއި ހަރުކަށިމީހުނެވެ. ހިތްހެޔޮމީހުނާއި ރުޅިގަދަ މީހުނެވެ. އެއްބަޔަކު އައިސް ހުރިހާ ހެދުންތައް ހާވާލާފައި އެކައްޗެއްވެސް ނުގަނެ ހިނގައިދާނެއެވެ. ސުމާގެ މިޒާޖުގެ ސަބަބުން އޭނާ ގާތަށް ވަރަށް ރުޅިވެސް އާދެއެވެ. ނަމަވެސް ރުޅިއަންނަކަން ދެއްކޭކަށް މިއަދު އޭނާއަކަށް ނެތެވެ. އެތައް ވަރަކުން އުޅެގެން އެތައް ދުވަހެއްގެ މަސައްކަތުން ލިބުނު ހަމައެކަނި ވަޒީފާ ކަމުގައި ވާތީއެވެ.

ސުމާގެ ބައްޕަ ނިޔާވުމާއި އެކު ، އެމީހުންގެ މުޅި ވިޔަފާރި ބަގުރޫޓުވިއެވެ. ތަނުގެ ތިބި ރަނގަޅު މުވައްޒަފުން ތަންދޫކޮށްދިއުމުން އިނދަޖެހުނީއެވެ. ނަގާފައިވާ ދަރަނިތައް ނުދެއްކި ސުމާމެންގެ ގެދޮރުވެސް ގެއްލުނެވެ. މަންމައަކީ ވެސް ބަލިމީހަކަށް ވެފައި އުޅޭނެ އެހެން ތަނެއްނެތުމުން ސުމާއަށް މަޖުބޫރުވީ ކުޑަކޮޓައިއެއް ކުއްޔަށް ހިފާށެވެ. އެތަނުގެ ކުލިދެއްކޭނީ ވަޒީފާ އަދާކޮށްގެން ކަމުގައިވާތީ، ކޮންމެ ވަޒީފާއެއްވެސް އަދާކުރަން ސުމާ އަށް މަޖުބޫރުވިއެވެ.

އޭނާގެ މާޒީގެ ސަބަބުން ކުށުގެ ރެކޯޑު އޮތުމާއި މާރަނގަޅު ތައުލީމެއް ލިބިފައި ނެތުމުން ވަޒީފާ ލިބުންވީ ނާދިރުކަމަކަށެވެ. އެންމެ ފަހުން ފިހާރައަކުން ވަޒީފާލިބުނެވެ.

މިއަދު ކަސްޓަމަރުންގެ އިހާނެތި ބަސްތަކުން ހިދުމަތްދޭންތިބޭ މީހުނަށް އަސަރުކުރާނެ ވަރު ސުމާއަށް އެގިއްޖެއެވެ. އެތައް ބައިވަރު މީހުނަށް އެއްފަހަރާ ހިދުމަތް ދިނުމަކީ ކިހާ އުނދަގޫ ކަމެއްކަން މިހާރު ސުމާއަށް އިހުސާސްވާނެއެވެ.

ސުމާ ކުރިން ވާހަކަދެއްކި ކަސްޓަމަރު ބުނި ސައިޒުގެ ހެދުން ނަގައިގެން ގޮސް ދިއްކޮށްލިއެވެ. އޭނާ ފަނޑު ހަނދާނެއްވިއެވެ. އެއީ، ކްލިނިކްގެ ރިސެޕްޝަންގައި އިން ކުއްޖާއެވެ. އެކުއްޖާ ހިތުގައި ޖައްސާލެވުނު ދުވަސް ސުމާ ހަނދާންވިއެވެ. ތަގުދީރުގައި ކަންތައްވާގޮތް ނިކަން ދެކޭށެވެ. އެދުވަހު އެކުއްޖާގެ ކަސްޓަމަރެއްގެ ގޮތުގައި ހުރެ އޭނާ ރޮއްވާލާފައި ދިޔަ އިރު މިއަދު އޭނާކަސްޓަމަރެއްގެ ގޮތުގައި ހުރެދާނެއޭ ސުމާގެ ހިތައްއަރާ ނެހެއްޔެވ؟ 

 – ނިމުނީ -  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް