
މި ފުރުސަތުގެ ބޭނުންކޮށްގެން އަސްތައް ކިޔަމަންކޮށް އަސްދުއްވަން ދަސްކުރުމަށް ގިނަ ޒުވާންނުންތަކެއް މިހާރު އޮތީ ފޯރި ހިފާފައެވެ. އަދި އަސްތަކަށް އައްޑޫ ޒުވާނުންދަނީ ފުރިހަމައަށް ހޭނި ފައްކާވަމުންނެވެ.
އައްޑޫއަށް އަސްތައް ގެނައި "ސަދަން ސްޓޭލިއަންސް" ކުންފުނީގެ އަހުމަދު އަގްލީލް (ކިޑް)ގެ އިންޓަވިއުއަކާއިއެކު މިފަހުން "ސުކުން" އިން ހިއްސާކޮށްފައިވާ ވީޑިއޯއަކުން އައްޑޫގެ ގޮނޑުދޮށުގެ ހިތްގައިމު މާހައުލުން ދެ ޒުވާނަކު އަސްދުއްވާ މަންޒަރު ފެނެއެވެ. ހަނގުރާމަ މައްޗަށް ގަދަފަދަ ކަމަށް މަޝްހޫރުވެފައިވާ އަސްތަކަށް ސަވާރުވެގެން އައްޑޫގެ ހިތްގައިމު ގޮނޑުދޮށުގައި މިދެޒުވާނުން ބާރު މިނުގައި އަސްދުއްވާފައިދާ މަންޒަރު ފެނުމާއިއެކު އެންމެ ފުރަތަމަވެސް ހީވީ ފިލުމެއްގެ މަންޒަރެއް ހެންނެއެވެ.
އެއީ އާއްމުކޮށް މިފަދަ މަންޒަރުތައް ދިވެހިންނަށް ފެންނަނީ ފިލުމުތަކުން ކަަމަށްވުމާއިއެކުއެވެ. ކޮންމެއަކަސް މި ވީޑިއޯއިން ފެންނަނީ ޒުވާނުން މި އަސްތަކުގެ ބުރަކަށީތަކަށް ފަރިތަވެފައިވާ މަންޒަރެެއެވެ. އަސްދުއްވުމުގެ ރޭހަށް ފެތި ނިމިފައިވާ ކަމެއެވެ.
މި އިންޓަވިއުުގައި އަގްލީލްވަނީ އަސްތައް ފުރަތަމަ ރާއްޖެއަށް ގެންނަން އެ ހިޔާލު އައި ގޮތްވެސް ކިޔާދީފައެވެ. އެގޮތުން އެއީ ހަމަ އެއްދުވަހު އެހެންހުރެފަ އޭނައާއި އިތުރު ރަހުމަތްތެރިއެއްގެ ދެމެދުގައި ދެކެވުނު ވާހަކައަކުން ފެށިގެންއައި ކަމެއްކަމަށް އަގްލީލް ބުނެފައިވެއެވެ.
އަގުލީލް މީގެ ކުރިން ސީއެންއެމްއަށް ދިން އިންޓަވިއުއެއްގަ ބުނެފައިވަނީ މި އަސްތައް ބޭނުންކޮށްގެން ރާއްޖޭގައި އަސް ރޭހެއް ނުވަތަ އަސްދުއްވުމަކީ ކުޅިވަރަކަށް ހެދުމަކީ އޭނާގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށެއެވެ. އަދި ރާއްޖޭގެ ގިނަ ޒުވާނުންތަކެއް މިކަން ދަސްކޮށް މުބާރާތްތައް ބޭއްވޭ ފެންވަރަށް އެކަން ކުރިއަރުވަންވެސް ބޭނުންވާކަމަށް ބުނެފައިވެއެވެ. އަސްތައް ދުއްވާލުމުގެ ފުރުސަތު އައްޑޫ ސިޓީގެ އެހެން ރަށްރަށަށް ވެސް ހުޅުވާލާނެ ކަން އަގްލީލް ވަނީ ފާހަގަކޮށްފައެެވެ.
ކޮންެމެއަކަސް މިފެންނަ މަންޒަރުތަކަށް ބަލާއިރު އަގްލީލްގެ މިހުވަފެންވެސް ހަގީގަތަކަށް ވުމަކީ ވަރަށް ގާތުގައި އޮތް ކަމެއްހެން ހީވެއެވެ.
އަސްލަން
އެތަށް ބަޔަކު ފޮޓޯ ނެގުމާއި އަސް ދުވުމަށް ކޮންމެ ދުވަހަކުވެސް ދާއިރު މި އަސްތަކުގެ ތެރޭގައި ހިމެނެނީ ތިން އަހެކެވެ. އެއީ އަސްލަން އާއި ސޯފީ އަދި ޖޯޖީ އެވެ.