ads
ވީޑިއޯ ރިޕޯޓް
ޔާމީން ވެކްސިން ޖަހަން ދެކޮޅުހެދުން: އަސްލު ވީ ކިހިނެތް؟
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭގެ ވަގުތެއްގައި ވެކްސިން ޖެއްސެވުމަށް ގެނެއުމުން ވެކްސިން ޖައްސަވަން އިންކާރު ކުރައްވާ ވަޑައިގެންނެވިކަމަށް އަޑުތައް ފެތުރިގެންދިޔައެވެ.

ރައީސް ޔާމީން ވެކްސިން ޖެއްސެވުމަށް ދެކޮޅު ހެއްދެވިކަމަށް ދެކެވޭ ވާހަކަތަކާއިއެކު ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސް އިން ބުުނެފައިވަނީ ރޭގެ ވަގުތެއްގައި، ކޮވިޑް ވެކްސިން ޖެއްސެވުމަށް ރައީސް ޔާމީން މާލެ ގެނެސްފައިވާ ކަމަށެވެ.

ނަމަވެސް މާލެ ގެނައި ފަހުން އެމަނިކުފާނު ވެކްސިން ޖައްސަވަން ދެކޮޅު ހެއްދެވި ކަމަށާއި، އެހެން ކަމުން ވެކްސިން ނުޖަހާ، އަލުން މާފުއްޓަށް ގެންދަން ޖެހުނު ކަމަށް ކަރެކްޝަންސްއިން މައުލޫމާތު ދިނެވެ. އޭގެފަހުން ރައީސް ޔާމީން ވެކްސިން ނުޖެއްސެވި ސަބަބެއް ހޯދުމަށް ސީއެންއެމްއިން އެމަނިކުފާނުގެ ގާނޫނީ ޓީމުގެ ބައެއް ލޯޔަރުންނަށްވެސް ގުޅާލީމެއެވެ. އެ ޓީމުން މައުލޫމާތު ދީފައިވަނީ އެބޭފުޅުންނަށް ރައީސް ޔާމީން ވެކްސިން ޖެހުމަށް ނުވަތަ އެހެން ކަމެއްގައި ވެސް ރޭ މާލެ ގެނައިކަން އެގިފައި ނުވާ ކަމަށެވެ. އަދި ގާނޫނީ ޓީމުގެ އެއްވެސް ބޭފުޅަކަށްވެސް އަދި އާއިލާއަށްވެސް އެކަން އަންގާފައިނުވާ ކަމަށެެެވެ. 

އޭގެފަހުން ޖަމީލުވެސް ވަނީ ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހްމަދު ވެސް ވަނީ ރައީސް ޔާމީނަށް ސަރުކާރުން އަމަލުކުރަނީ ލާއިންސާނީ، އަދި ގާނޫނާ ހިލާފަށް ކަމަށާއި ކުއްލިއަކަށް ރޭ މާލެ ގެނައިއިރު އާއިލާ އަދި ވަކީލުންނަށް ނޭންގީ ކީއްވެތޯ ޓުވިޓާގައި ސުވާލު އުފައްދާފައެވެ. އަދި މިމާތް މައްސަރު އެތައް އިރަކު ކަނޑުމަތީގައި ގެންގުޅެ، ކަންތައްކުރި އިހާނެތި ގޮތް ކުށްވެރިކޮށް ރަށްކާތެރިކަން ކަށަވަރުކުރަން ގޮވާލާފައިވެއެވެ. 

އެހެންކަމުން ސީއެންމެމްއިން ދެން މަސައްކަތްކުރީ އެކަން އެގޮތަށް ކުރި ސަބަބު ކަރެކްޝަންސް އިން ހޯދާށެވެ. އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން ކަރެކްޝަންސް އިން ބުނެފައިވަނީ، ރައީސް ޔާމީން ރޭ ވެކްސިން ޖެހުމަށް ގެނައީ ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖްރާއަތުތަކެއް ފުރިހަމަ ކުރުމަށްފަހު ކަމަށެވެ. އެހެންނަމަވެސް އެ އިޖްރާތްތަކަކީ ކޮބާތޯ ސުވާލުކުރުމުން އޭގެ ތަފްސީލެއް ކަރެކްޝަންސް އިން ދެއްވާފައެއް ނުވެއެވެ. އަދި ވެކްސިންޖެހުމަށް ދެކޮޅު ހެއްދެވި ސަބަބެއްވެސް ސާފުކޮށްދެވެން ނެތް ކަމަށް ކަރެކްޝަންސް އިން ބެނެފައިވެއެވެ. 

އެހެންކަމުން ރައީސް ޔާމީން ވެކްސިން ޖެހުމަށް މާލޭ ގެންނަ ކަމުގައި ވާނަމަ އެކަން ގާނޫނީ ޓީމަށް އަންގަން ޖެހޭނެތޯ ގާނޫނީ ނަޒަރަކުން ސާފުކުރެވޭތޯ ބެލީމެވެ. އަދި ރައީސް ޔާމީން މާލެ ވަޑައިގަތުމަށްފަހު ވެކްސިން ނުޖައްސަވާނެ ކަމަށް ވިދާޅުވެ ދިޔައީ ކީއްވެތޯވެސް ސާފުކޮށްލަން ބޭނުންވިއެވެ. 

ގާނޫނީ ނަޒަރަކުން ބާލާނަމަ އެކަން އޮންނަ ގޮތް

ބަންދެއްގައި ނުވަތަ ޖަލު ބަންދެއްގައި ވިޔަސް ހުންނަ މީހަކު އެތަން ނޫން އެހެން ތަނަކަށް ގެންދާކަމުގައި ވާނަމަ ގާނޫނީ ޓީމަށް އަންގަންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވަނީ އެ ގައިދީއަކު ޖަލު ނޫން އެހެން ތަނަކަށް ގެންދަނީ ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަމަކާއި ގުޅިގެން ކަމަށް ވާނަމައެވެ. އެހެންނަމަވެސް ކަރެކްޝަންސް އިން މީގެ ކުރިން އަމަލުކުރަމުން އައިގޮތަށް ބަލާއިރު، ރައީސް ޔާމީން ޖަލު ނޫން އެހެންތާކަށް ގެންދާނަމަ ގާނޫނީ ޓީމުގެ ވަކީލުންނަށް އެކަން އަންގާ ކަމަށް އެ ޓީމުން ބުނެއެވެ. އެހެންކަމުން ކަރެކްޝަން އިން މިފަހަރުވެސް އަންގަންޖެހޭނެ ކަމަށް ގާނޫނީ ޓީމުން ގަބޫލުކުރެއެވެ.

ރޭ ކަން ހިގައި ދިޔަގޮތް

ސީއެންއެމްއަށް ވަރަށް އިތުބާރުހުރި ފަރާތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން ވެކްސިން ޖައްސެވުމަށް ރޭ ވަޑައިގަތީ އެމަނިކުފާނު އަމިއްލައަށް ބޭނުންވެގެންނެވެ. ރައީސް ޔާމީންއަށް ވެކްސިން ޖެއްސެވުމަށް ގެންނަން ހަމަޖެހިފައި އޮތީ އޭޑީކޭ ހޮސްޕިޓަލަށެވެ. އެކަމަށްޓަކައި އޭޑީކޭ ދޮރުމަތީގައި ޕޮލިހުންގެ ސެކިއުރިޓީ ދެ ވެހިކަލެއްވެސް އޮތްކަމަށް ސީއެންއެމްއަށް މައުލޫމާތު ލިބިފައިވެއެވެ. 

އެމަންޒަރު ދުށް އިތުބާރުހުރި މަސްދަރަކުން ސީއެންއެމްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭޑީކޭ ދޮރުމަތީގައި އޮތް ފުލުހުންގެ ދެ ވެހިކަލް ކައިރީ ހުރި ދެފުލުހުން އެ ސަރަހައްދުން ގޮސްފައިވަނީ އޭޑީކޭ ތެރެއިން ނިކުމެގެން އައި ކަރެކްޝަންސްގެ ޔުނީފޯމް އެޅި ބޭފުޅަކު ވަޑައިގެން "މިހާރު ރައީސް ޔާމީން ނުގެންނަ ގޮތަށް ހަމަޖެހިއްޖެ" ކަމަށް އެ ދެ ފުލުހުން ކައިރީ ބުނުމުންނެވެ. 

މައުލޫމާތު ލިބޭގޮތުގައި ރައީސް ޔާމީންއަށް ވެކްސިން ދިނުމަށް މާލެ ގެނައިފަހުން ރައީސް އޮފީހުން ވަނީ ރައީސް އޮފީހާއި ހެލްތު މިނިސްޓްރީއިން ހުއްދަ ލިބެންދެން ރައީސް ޔާމީނަށް ވެކްސިން ނުދީ މަޑުކުރުމަށް ކަރެކްޝަންސް އަށް އަންގާފައެވެ. އަދި އެފަހުން މާލެ ޖަލަށް ގެންގޮސްފައިވެއެެވެ. އެއަށްފަހު ހުއްދަ ނުލިބިގެން ވެކްސިން ނުޖެހި އެތައް ގަޑިއިރަކު މާލޭ ޖަލުގައި ރައީސް ޔާމީން އިންނަން ޖެހުމުން އަނބުރާ މާފުށީ ޖަލަށް ވަޑައިގަންނަވަން ރައީސް ޔާމީން ވިދާޅުވިކަމަށް މައުލޫމާތު ލިބެއެވެ. އަދި "މިހާރު ރައީސް ޔާމީން ނުގެންނަ ގޮތަށް ހަމަޖެހިއްޖެ" ކަމަށް އަންގާ އޭޑީކޭ ދޮރުމަތީގައި އޮތް ފުލުހުންގެ ދެ ވެހިކަލް ކައިރީ ހުރި ފުލުހުންނަށް އެންގީ އެހެންވެ ކަމަށް ސީއެންއެމްއަށް ވަނީ އެނގިފައެވެ. 

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ފަރާތުން ވަކީލަކުވެސް ވިދާޅުވެފައިވަނީ ރައީސް ޔާމީން ވެކްސިން ދިނުމަށް މާލެ ގެނެއުމަށް ފަހު ވަކީލަކަށްވެސް ނާންގާ ފޮރުވައިގެން އެތަށް އިރަކު ބޭންދުމަށް ފަހު އަނބުރާ ފޮނުވާލާފައިވަނީ ރައީސް އޮފީހުން އަންގައިގެން ކަމަށެވެ. އަދި ރައީސް ޔާމީންއަށް ވެކްސިން ދިނުމަށް ހުރަސް އަޅާފައިވަނީ ސީދާ ސަރުކާރުން ކަމަށާއި އެއީ ރައީސް ޔާމީންއަށް ދިން އިތުރު އަނިޔާއެއް ކަމަށް ވިދާޅުވިއެވެ.

އަދި ވެކްސިން ޖަހަން ދެކޮޅުހެއްދެވީ ރައީސް ޔާމީން ނޫން ކަމަށާއި، ވެކްސިން ޖެއްސެވުމަށް ގެނައުމުން ވެކްސިން ޖައްސަވަން އިންކާރުކުރައްވާ އަނބުރާ މާފުށީ ޖަލަށް ވަޑައިގެންނެވި ކަމަށް ކަރެކްޝަންސް އިން ދައްކަވާ ވާހަަކަތަކީ ދޮގު ވާހަކަތަކެއް ކަމަށާއި، އަދި އެއީ ސަރުކާރުން ކުޅުއްވާ ޑްރާމާއެއް ކަމަށް ވެސް ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ފަރާތުން ސީއެންއެމްއަށް މައުލޫމާތު ދީފައިވެއެވެ.

10%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
30%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް