ads
ފޮތޯ--ސަގާފީ މަގު
ރިނބުދޫ ސަގާފީ މަގުގައި ހިނގާލަން ދާން ބޭނުންތަ؟
ދ.ރިނބުދޫއަކީ ސަގާފަތާއި ތާރީހުން މުއްސަނދި ރަށެކެވެ. އެ ރަށުގެ ހިތް ފަސޭހަ ގޮނޑުދޮށާއި ޗާލު ސާފު މޫދު ދެކިލަން ގިނަ ބަޔަކު އެރަށަށް ޒިޔާރަށް ކުރެއެވެ.

އެގޮތުން އެރަށަށް ޒިޔާރަތްކުރާ މީހުންގެ ލޮލުގައި އަޅައިގަންނަ އެއްތަނަކީ އެރަށުގައި ސަގާފީ މަގެވެ. އެމަގުގެ އެއްކޮޅުން އަނެއްކޮޅަށް ކުރަހާފައި ހުންނަ ސަގާފީ ކުރެހުންތަކަކީ ގިނަ ބަޔަކު ރިނބުދޫއަށް ޒިޔާރަތް ކުރަން ބޭނުންވާ އެއް ސަބަބެވެ.

ރިނބުދޫ ކައުންސިލްގެ ރައީސް ހާތިމް އިބްރާހީމް ސީއެންއެމް އަށް ވިދާޅުވީ އެރަށުގައި ތަރައްގީ ކުރަމުންދާ ސަގާފީ މަގަކީ ކައުންސިލުން ރަށް ތަރައްގީ ކުރުމުގެ ފްލޭންގެ ދަށުން ހިނގަމުން އަންނަ މަޝްރޫއެއް ކަމަށެވެ.

"ކައުންސިލުން ޕްލޭންކޮށްފައިވާ ގޮތުގައި ސަގާފީ މަގުގައި އެކި ސަގާފީ މަސައްކަތާއި ސަގާފީތަކެތި ވިއްކަން ބެހެއްޓުމަށް ވަނީ ނިންމާފައި." ހާތިމް ވިދާޅުވި އެވެ.

ރޯނު ވިޔާ މީހުންނާ، ގަހަނާ ހަދާ މީހުންނާ، ކާބޯތަކެތި ހަދާމީހުންގެ އިތުރުން އެކި ސަގާފީ ކަންކަން ކުރާ މީހުންނަށް އެއް މަގެއްގައި އެމީހުންގެ މަސައްކަތް ދައްކާލުމުގެ ފުރުސަތު ހޯދައި ދިނުމަކީ ކައުންސިލްގެ އަމާޒު ކަމަށް ހާތިމް ވިދާޅުވި އެވެ.

ސަގާފީ މަގުގެ ފާރުތަށް ކައުންސިލުން ނިންމާފައި ވަނީ ރިނބުދޫގެ ތާރީހު ކުރެހުންތަކެއްގެ ސިފައިގައި އެފާރުތަކުން ދައްކާލުން ކަމަށެވެ. އެ މަގަށް އެ ބަދަލު ގެނައުމުން ސަގާފީ މަގަށް އިތުރު ފުރިހަމަ ކަމެއް ލިބޭނެ ކަމަށާއި ގިނަ މީހުންގެ ސަމާލުކަން ވެސް ލިބިގެންދާނެ ކަމަށް ހާތިމް ވިދާޅުވި އެވެ.

"މަގުގެ ފާރުތަކުގައި ކުރެހުންތަކުގެ މަސައްކަތް ފެށިގެން ދިޔައީ މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީއާ ރިނބުދޫ ކައުންސިލާ މެދުގައި އެމްއޯޔޫއެއްގައި ސޮއި ކުރެވިގެން. އަދި އެ މަސައްކަތުން އެ އާޓިސްޓުންނަށް ވެސް ވަރަށް ބޮޑު އެކްސްޕޯޝާއެއް ލިބޭނެ." ހާތިމް ވިދާޅުވި އެވެ

ރިނބުދޫގެ ސަގާފީ މަގުގައި ސަގާފީ މަސައްކަތްތައް ދައްކާލުމުގެ ފުރުސަތު މިހާރު ވާނީ ރާއްޖޭގެ ހުރިހާ ފަރާތްތަކަށް ވެސް ހުޅުވާލެވިފައި ކަމަށާއި ކައުންސިލްގެ ޕްލޭނަކީ ރިނބުދޫ އާޓް ހަބެއްގެ ގޮތުގައި ތަރައްގީ ކުރުން ކަމަށް ވެސް ހާތިމް ވިދާޅުވި އެވެ.

ރިސޯޓްތަކުން އަންނަ އާޓިސްޓުންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އާޓިސްޓުންނަށް ވެސް ސަގާފީ މަގުގެ ފާރުތަކުގައި ކުރަހާލުމުގެ ފުރުސަތު އެތަ އޮތް ކަމަށް ވެސް ހާތިމް ވިދާޅުވި އެވެ.

your imageސަގާފީ މަގު

އާޓިސްޓުންނަށް އެމީހުންގެ މަސައްކަތް ދައްކާލުމަށް އާޓް ގެލަރީއެއް ވެސް ރިނބުދޫގައި ތަރައްގީކުރަމުން ގެންދާކަމަށް ހާތިމް ވިދާޅުވި އެވެ. އެތާގައި އާޓް އެގްސިބިޝަންތައް ބޭއްވިގެންދާނެ ކަމަށާއި ރިސޯޓުތަކުން އެ ކުރެހުންތައް ގަތުމަށް ފަތުރުވެރިން ވެސް އަންނާނެ ކަމަށް ހާތިމް ވިދާޅުވި އެވެ.

ހާތިމް ވިދާޅުވީ އެ ޕްރޮޖެކްޓް ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށްދާނީ އާޓިސްޓުންނަށް އަބަދު އެރަށަށް އައުމުގެ މަގު ތަނަވަސް ވެގެން ދިއުމުން ކަމަށާއި އޭރުން ފާރުތަކުގައިވާ ކުރެހުންތައް ވެސް ދެ އަހަރުން އެއް އަހަރު ބަދަލު ކޮށްލެވޭނެ ކަމަށެވެ.

"ރިނބުދޫގައި ތަރައްގީކުރަމުންދާ ސަގާފީ މަގަކީ 200 މީޓަރުގެ މަގެއް. މިހާރު އެ މަގުގެ އެއްބައިގައި ވާނީ ކުރެހުންތައް ކުރަހާ ނިންމާފައި." ހާތިމް ވިދާޅުވި އެވެ.

އެ ސަރަހައްދަކީ މި ވަގުތު ރިނބުދޫގައި ހަރަކާތްތައް ހިންގަން އެންމެ ރަނގަޅު ހިސާބުކަން ވެސް ހާތިމް ފާހަގަކުރެއްވި އެވެ.

ހާތިމް ވިދާޅުވީ ނިމިދިޔަ އަހަރުގައި ސަގާފީ މަގުގެ މަސައްކަތް ނިމުނުތަނާ ކޮވިޑް 19ގެ ބިރުވެރިކަން ރާއްޖޭގައި ފެތުރި ދަތުރުފަތުކުރުން މެދުކެނޑިގެން ދިޔައީ ކަމަށެވެ. އަދި ރިސޯޓްތަކުން އެރަށަށް ޒިޔާރަތް ކުރަން ބޭނުންވި ޓޫރިސްޓުންނަށް ވެސް ނާދެވުނު ކަމަށެވެ.

your imageސަގާފީ މަގު

ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅުގައި ސަގާފީ މަގުގައި ލޯކަލްސްއަށް ޓާގެޓްކޮށްގެން ހަރަކާތްތައް ވަނީ ހިންގާފައި ކަމަށާއި ވަރަށް ގިނަ މީހުން ރިނބުދޫއަށް ޒިޔާރަތް ކުރިކަމަށެވެ.

"ފާރުތަކުގައި ކުރަހާފައިވާ ކުރެހުންތައް ބަލާލުމަށާއި ފޮޓޯ ނަގާލަން މިދިޔަ އަހަރު ޑިސެމްބަރު މަހުގައި ވަނީ 1250 މީހުން އެރަށަށް ވަނީ އެހެން ރަށްރަށުން ގޮސްފައި." ހާތިމް ވިދާޅުވި އެވެ.

ކޮވިޑްގެ ހާލަތް ރަނގަޅުވުމާއެކުގައި ރިސޯޓްތަކުން ކޮންމެ ދުވަހަކު ރިނބުދޫއަށް މީހުން އަންނާނެ ކަމަށް ވެސް ހާތިމް ވިދާޅުވި އެވެ.

ހާތިމް ވިދާޅުވީ ސަގާފީ މަގުގައި މަސައްކަތް ސްޓޭޝަންތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ރަށުގެ ހުރިހާ ރަށްޔިތުންގެ އިތުރުން މުޅި ރާއްޖޭއިން ވެސް އެއްބާރުލުން ލިބިގެން ދިޔަކަމަށެވެ.

ހާތިމް ވިދާޅުވީ ކުރެހުންތައް ކުރެހި އާޓިސްޓުން މަސައްކަތް ކޮށްފައިވަނީ ހިލޭ ސާބަހަށް ކަމަށާއި ދެމަސް ދުވަހުގައި އެ މަސައްކަތް ނިންމާލައިފައިވަނީ ބޮޑު ލާރިއެއް އަތުން ނުގޮސްކަމަށެވެ.

"ސަގާފީ މަގު ހެދުމަށް ކައުންސިލުން ބައެއް ހަރަދު ކުރި. ކުރެހުންތައް ކުރުމަށް އެސްޓީއޯގެ ފަރާތުންވަނީ 50 އިންސައްތަ ކުލަ އަދި ފިހި ހަދިޔާ ކުރި. އެހެންކަމުން ކައުންސިލްގެ އަތުން މާބޮޑު ހަރަދެއް ނުދޭ."ހާތިމް ވިދާޅުވި އެވެ.

ހާތިމް ވިދާޅުވީ އެ މަސައްކަތުގައި އެސްޓީއޯއިން ވެދިން އެހީއާއި މޯޑިވިއަން އާޓިސްޓް ކޮމިއުނިޓީއިން ވެދިން އެހީގެ އިތުރުން ރަށުގެ ރަށްޔިތުންނާއި ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އާޓް އެންޑް ހެރިޓޭޖް މިނިސްޓްރީއަށް ވެސް ޝުކުރު ދަންނަވާ ކަމަށެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް