ads
އިންޑިއާގެ ހޮސްޕިޓަލެއް ---
އިންޑިއާގައި ކޮވިޑްގެ ފަރުވާވެސް ބްލެކް މާކެޓަށް!
ކޮވިޑް 19ގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ އުޅޭތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އަދިވެސް ގިނަ ގައުމުތަކުން މި ބައްޔާއި ހަނގުރާމަ ކުރަމުން އަންނަ އިރު، އަވަށްޓެރި އިންޑިއާގެ ހާލަތަކީވެސް މިއީއެވެ.

ދުވަހެއް ދުވަހަށް އިންޑިއާގައި ކޮވިޑްގެ ކޭސްތައް ގިނަވެ، ފަރުވާއަށް އެދި އެތައް ބަޔަކު ސަލާން ޖަހަމުން އަންނަ މި ދަނޑިވަޅުގައި ކޮވިޑަށް ފަރުވާ ދިނުމުގެ ކަންކަން މިހާރު އެގައުމުގައި މިވަނީ އެންމެ ގޯސް ހާލަތަށް ވެއްޓިފައެވެ. 

އެގޮތުން އެ ގައުމުގައި ކޮވިޑް ފަރުވާގެ ބްލެކް މާކެޓެއް އުފެދިފައިވާ ކަމަށް ބީބީސީ އިން އާންމު ކުރި ރިޕޯޓެއްގައި ވެއެވެ.

ސޯޝަލް މީޑިއާއަށް އެކަނި ބަލާލި ނަމަވެސް އިންޑިއާގެ ގިނަ ރައްޔިތުންތަކެއް ބޭސް ފަރުވާއަށް އެހީއަކަށް އެދި އާދޭސް ކުރާ އެކި ޕޯސްޓު ފެނިގެން ދިޔައެވެ. އަދި ކޮވިޑްގެ އަލާމާތްތައް ފެނި، ޓެސްޓު ނުކުރެވި، ބޭނުންވާ ބޭސްފަރުވާ ނުލިބި ބަލީގައި މަރުވާ ބައެއް މީހުން މަރުވުމަށް ފަހުވެސް ކޮވިޑް ޓެސްޓު ނުހެދުމުގެ ސަބަބުން ވަޅުނުލެވި ގިނަ ދުވަސްވެގެން އެކަމާ ކަންބޮޑުވުން ފާޅުކޮށްވެސް އެކި އިންޑިއާގެ ރައްޔިތުން އަންނަނީ ސޯޝަލް މީޑިއާގައި އެމީހުންގެ ކަންބޮޑުވުންތައް ފާޅު ކުރަމުންނެވެ. 

އެގޮތުން، ގިނަ ރައްޔިތުންތަކެއް އަންނަނީ، ކޮވިޑްގެ އަލާމާތްތައް ހުރިކަމުގައި ވީނަމަވެސް، ޕީސީއާރު ޓެސްޓު ނުހެދި އެތައް ދުވަހެއް ވާކަމަށާއި، ޓެސްޓު ހެދި ނަމަވެސް ނަތީޖާ ލިބުން ލަސްވާތީ އެކަމާވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފަރުވާގެ ކަންކަން ގޯހުން ގޯހަށް ދަމުންދާ މި ދަނޑިވަޅުގައި އެ ގައުމުން ވަނީ ކޮވިޑަށް ފަރުވާދޭ މީހުންނަށް ދޭ ބޭހެއް ކަމުގައިވާ ރެމްޑެސްވިރް އެކްސްޕޯޓް ކުރުން މަނާ ކޮށްފައެވެ. މިއީ އެގައުމުގައި ބޭހުގެ ޝޯޓޭޖެއް ކުރިމަތިވުމާއި ގުޅިގެންނެވެ. 

ބީބީސީގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ރެމްޑެސްވިރް އެކްސްޕޯޓު ކުރުން މަނާ ކުރި ނަމަވެސް، އެ ބޭހުގެ ސަޕްލަޔަރުންނަށް އަންނަނީ ޑިމާންޑާއި އެއްވަރަށް ބޭސް އުފެއްދުމުގައި ގިނަ ދަތިތަކަކާ ކުރިމަތިވަމުންނެވެ. އަދި ދިއްލީ ފަދަ ބޮޑެތި ސިޓީތަކުގައި ކޮވިޑް ފަރުވާގެ ބްލެކް މާކެޓެއް އުފެދިގެން އައިސްފައިވަނީ މި ސަބަބާ ހުރެ ކަމަށް ބަޔާން ކޮށްފައިވެއެވެ.

އެގޮތުން ބީބީސީން ކޮންޓެކްޓު ކުރި ތިން އެޖެންޓުން ވަނީ ރެމްޑެސްވިރްގެ 100 މިލިގްރާމްގެ ވައިލެއް 24،000 އިންޑިއަން ރުޕީސްއަށް ވިއްކުމަށް އެއްބަސްވެފައި ކަމަށް ބީބީސީން ރިޕޯޓު ކުރެއެވެ. އެއީ އޭގެ އަސްލު އަގުގެ ފަސް ގުނަ އިތުރު އަދަދެކެވެ. 

އިންޑިއާގެ ހެލްތު މިނިސްޓްރީން ވަނީ ރެމްޑެސްވިރްގެ ހަ ވެއިލް ބަލި މީހާއަށް ދިނުމަށް އިސްލްތިމާސް ކޮށްފައެވެ. ނަމަވެސް ބައެއް ޑޮކްޓަރުން ވަނީ ހާލަތު ހުރި ގޮތުން އަށް ޑޯޒު ވެސް ބައެއް ކޭސްތަކުގައި ބޭނުން ކުރަން ޖެހޭ ކަމަށް ބުނެފައެވެ. 

ބީބީސީ އިން އާންމު ކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުން، އިންޑީއާގައި ބްލެކްމާކެޓް އުފެދިފައިވަނީ ހަމައެކަނި ކޮވިޑް ފަރުވާއަށް ބޭނުންވާ ބޭހަށް އެކަންޏެއް ނޫނެވެ. ނަމަވެސް ކޮވިޑް ޓެސްޓު ހެދުމާއި، އޮކްސިޖަން، ވެންޓިލޭޓަރު އަދި މަރުވާ މީހުން ވަޅުލުމުގައި ވެސް ބްލެކް މާކެޓެއް އުފެދިފައިވާ ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.

އިންޑިއާގައި މިހާތަނަށް 14 މިލިއަނަށް ވުރެ ގިނަ ކޮވިޑް ކޭސް ފެނިފައިވާއިރު، އެގައުމުގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 174 ހާހަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް