ads
އިލޮން މަސްކް --- ފޮޓޯ: ޓެސްލަރާޓީ
ސްޕޭސްއެކްސް އަށް ނާސާގެ ފަރާތުން ކޮންޓްރެކްޓެއް
ނާސާގެ ފަރާތުން ގާތްގަނޑަކަށް 52 އަހަރަށްފަހު އަނެއްކާވެސް އެސްޓްރޮނޯޓުން ހަނދަށް ފޮނުވުމަށްޓަކައި ސްޕޭސްއެކްސް އިން ޖައްވީ އުޅަނދެއް އުފެއްދުމަށް 2.9 ބިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފިއެވެ.
Advertisement

މި ކޮންޓްރެކްޓަކީ އެލޮން މަސްކްގެ ކުންފުނި ކަމަށްވާ ސްޕޭސްއެކްސް އިން ވަރަށް ބޮޑު އަހައްމިޔަތުކަމެއް ދީގެން ކުރަމުންދާ ހިއުމަން ސްޕޭސްފްލައިޓް ޕްރޮގްރާމް، ފުރިހަމަކުރުމަށް ލިބޭ އިތުރު ފުރުސަތެކެވެ.

ހުކުރު ދުވަހު ސްޕޭސްއެކްސް އަށް ނާސާގެ ކޮންޓްރެކްޓް ލިބުމުގެ ހަބަރަކީ ޖެފް ބެޒޯސް ގެ ކުންފުނި، ބްލޫ އޮރިޖިން އަށް ލިބުން ވަރަށް ބޮޑު ގެއްލުމެކެވެ. ބްލޫ އޮރިޖިން އިން ވަނީ ބޮޑެތި ކޯޕަރޭޝަން ތަކާއެއްކޮށް ކޯލިޝަން ހަދައިގެން ނާސާ އަށް ހަނދަށް އެސްޓްރޮނޯޓުން ގެންދެވޭނެ ޖައްވީ އުޅަނދެއް ޑިޒައިން ކޮށްފައި އުފެއްދުމަށް ޕްރޮޕޯޒަލް އެއް ހުށަހަޅައިފައެވެ. އެހެންނަމަވެސް ފަހު ވަގުތު ކޮންޓްރެކްޓް ލިބުނީ ސްޕޭސްއެކްސް އަށެވެ. ސްޕޭސްއެކްސްއިން މިހާރުވެސް އަންނަނީ ދެކުނު ޓެކްސަސްގައި ޓެސްޓު ފްލައިޓްތައް ހިންގަމުންނެވެ.

ސްޕޭސްއެކްސް އިން ބިނާކުރަމުން އަންނަ އުޅަނދު، ސްޓާޝިޕްއަކީ އެލޮން މަސްކްގެ ބޮޑު ހުވަފެނެކެވެ.

މަސްކްގެ ފޮނި އުއްމީދަކީ އޭނާގެ ކުންފުނި ސްޕޭސްއެކްސް އިން މާސްގައި ފުރަތަމަ އިންސާނުން ލޭންޑުކުރުމެވެ. މިހާތަނަށް ޓެސްޓުތަކަށް ބޭނުންކުރި ހުރިހާ ޕްރޮޓޮޓައިޕް އުޅަނދުތައްވެސް ވަނީ ގޮވާފައެވެ. އެހެންނަމަވެސް، ސްޕޭސްއެކްސް އިން ހަލުވިކަމާ އެކީ އަންނަނީ އާ ޓެސްޓު އުޅަނދުތައް ބިނާކުރަމުންނެވެ.

މިދިޔައަހަރު ނާސާއިން ވަނީ ހަނދަށް ދެވޭނޭ އުޅަނދެއް ތަރައްގީކުރުމުގެ މަގްސަދުގައި ތިން ކޮންޓްރެކްޓެއް ނެރެފައެވެ. އެ ތިން ކޮންޓްރެކްޓް ދެވިފައިވަނީ ސްޕޭސްއެކްސް އަށާއި ބްލޫ އޮރިޖިންގެ ޓީމަށެވެ.

ނާސާގެ ހިއުމަން ލޭންޑިންގް ސިސްޓަމް ނުވަތަ އެޗްއެލްއެސް ގެ ޕްރޮގްރާމް މެނޭޖާ ލީޒާ ވޮޓްސަން-މޯގަން ހުކުރު ދުވަހުގެ ޕްރެސް ކޯލެއްގައި ބުނިގޮތުގައި، ނާސާއިން ވާނީ ހުރިހާ ބައިވެރި ކުންފުނިތަކަށްވެސް ހަމަހަމަކޮށް އެހީދެއްވައި، ޑިޒައިން ސަޕޯޓް އެނަލިސިސް ފޯރުކޮށްދީ، އަދި ސަބްޖެކްޓް މެޓާ މާހިރުންނާއި ޓެސްޓިންގްގެ ވަސީލަތްތައް ވެސް ފޯރުކޮށްދީފައެވެ.

އަދި ވޮޓްސަން-މޯގަން ބުނިގޮތުގައި، ސްޕޭސްއެކްސް އިން ކުރަމުންދާ އުޅަނދު ތަރައްގީކޮށް ބިނާކުރަމުންދާ މަސައްކަތްތައް ދަނީ ނާސާގެ ހާއްސަ ބެލުމުގެ ދަށުންނެވެ.

ބޮއެއިންގް އޭރޯސްޕޭސް ކުންފުނިން އަންނަނީ އާޓެމިސް ޕްރޮގްރާމުގެ މުހިންމު ތަނބެއް ބިނާކުރަމުންނެވެ. އެއީ ސްޕޭސް ލޯންޗް ސިސްޓަމް ނުވަތަ އެސްއެލްއެސް ގެ ނަންދެވިފައިވާ ފާހަގަކޮށްލެވޭ ވަރުގެ ބޮޑު ރޮކެޓެކެވެ.

ވޮޓްސަން-މޯގަން ބުނިގޮތުގައި އެސްއެލްއެސް ރޮކެޓަކީ ހަނދުގެ އޯބިޓަށް އެސްޓްރޮނޯޓުން ގެންގޮސްދީ އެކޮޅުން ކްރޫ ގޭޓްވޭ ސްޓޭޝަނަށް ޓްރާންސްފާކުރާ ރޮކެޓެވެ. އެހިސާބުން ދެން ސްޓާޝިޕްގައި އެސްޓްރޮނަޓުން ހަނދުގެ މަލަމައްޗަށް މިސްރާބު ޖަހާނެ ކަމަށްވެސް ވޮޓްސަން-މޯގަން އިތުރު ކޮށްލިއެވެ.

ޖައްވުގެ ދުނިޔޭގައި މަސައްކަތްކުރާ ގިނަފަރާތްތަކުން އަންނަނީ ނާސާއިން އެސްއެލްއެސް ރޮކެޓް ޕްރޮގްރާމް ބޭނުންކުރަން ނިންމި ނިންމުމަށް ނުރުހުން ފާޅުކުރަމުންނެވެ. ސަބަބަކީ، ތަފާސް ހިސާބުތަކުން ދައްކާގޮތުގައާއި، ކުރީގެ ތަޖުރިބާއަށް އަޅައިބަލާއިރު ސްޕޭސްއެކްސް އިން ނާސާގެ މުޅި މިޝަން ނިންމޭނޭ ގާބިލްކަމުގެ ޔަގީންކަން ވަރަށް ނުފޫޒުގަދަކޮށް އެބަދައްކަައެވެ. އަދި އެއާއެކު އެސްއެލްއެސް ޕްރޮގްރާމަކީ އެއަށް އެތައް ބިލިއަން ޑޮލަރުގެ ހަރަދުތަކެއް ކުރަމުންގެންދާ ޕްރޮގްރާމަކަށް ވުމާއެކު، އެތައް އަހަރެއް ޝެޑިއުލް ފަހަތުގައި އުޅޭ ޕްރޮގްރާމެއްވެސް މެއެވެ.

ނާސާއިން އަންގާފައިވާ ގޮތުގައި އެސްޓްރޮނޯޓަކާއެކީ އުޅަނދު ޓެސްޓުކުރުމުގެ ކުރިން ސްޓާޝިޕް އެއްފަހަރު ހަނދުގައި ޖެއްސުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ.

އާޓެމިސް ކޮންޓްރެކްޓް އިއުލާންކުރުމުން ނާސާއިން ސްޕޭސްއެކްސް އާމެދު އޮންނަ އިތުބާރުގެ މިންވަރު ވަރަށް ބޮޑަށް ފާހަގަވެގެން ދެއެވެ. އެހެންނަމަވެސް މާޒީގައި މިދެ ކުންފުނިން ވަނީ ދެބަސްވުންތަކާ ކުރިމަތިލާން ޖެހިފައެވެ. ސަބަބަކީ ސްޕޭސްއެކްސް އިން މަސައްކަތް ފުރިހަމައަށް ނިންމުމުގައި ވީހާވެސް އަވަހަށާއި ބައެއްފަހަރު ނުރައްކާތެރި އުކުޅުތައް ނާސާގެ ނަޒަރުގައި ފެންނާތީއެވެ.

އެހެނެއްކަމަކު ދާދި ފަހަކަށް އައިސް ނާސާއާއި ސްޕޭސްއެކްސް އިންވަނީ އަތާއަތް ގުޅައިގެން އެއްބާރުލުމާއެކު ތާރީހުގައި އަބަދަށް ފާހަގަ ކޮށްލެވޭ މަަސައްކަތްތަކެއް ކޮށްފައެވެ. މީގެ ތެރެއިން ފާހަގަކޮށްލެވޭ އެންމެ މަޝްހޫރު މަސައްކަތަކީ ކްރޫއާއެކު ސްޕޭސްއެކްސް ގެ ޑްރެގަން އުޅަނދުގައި ހިންގި ފްލައިޓްތަކެވެ. މިފްލައިޓްތައް ފަށާފައިވަނީ މިދިޔަ އަހަަރުގައެވެ. އަދި ބައިނަލްއަގުއާމީ ސްޕޭސް ސްޓޭޝަނަށް ދެފްލައިޓް ވަނީ ކާމިޔާބު ކަމާއެކީ ފުރިހަމަ ކޮށްފައެވެ. ތިން ވަނަ ފްލައިޓް އޮތީ ދެން އޮތް ހަފްތާގައި ކުރިއަށް ގެންދަން ނިންމާފައެވެ

ދާދި ތަންކޮޅެއް ކުރިން ސްޕޭސްއެކްސް އަށް ވަނީ ސްޓާގޭޓް ކިޔާ ސްޕޭސް ސްޓޭޝަން އަކަށް ކާގޯ ފޮނުވަން ޑްރެގަން ވެހިކަލް ގެ އާ ޑިޒައިން އެއް ފަރުމާ ކުރުމުގެ މަސައްކަތްވެސް ހަވާލުކޮށްފައެވެ. ސްޓާގޭޓަކީ ނާސާގެ ފަރާތުން ހަނދުގައި އޯބިޓް ކުރުމުގެ މަގްސަދުގައި ބިނާ ކުރަމުންދާ ސްޓޭޝަނެކެވެ. މި ސްޓޭޝަންގެ މަގްސަދަކީ އަވަސް މުސްތަގްބަލުގައި ހަނދުގައި އެސްޓްރޮނޯޓުންނަށް ދިގު މުއްދަތުތަކަށް ދިރިއުޅެ މަސައްކަތް ކުރެވޭނެ މަރުކަޒެއް ބިނާކުރުމެވެ.

    

  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް