
އޭއެފްސީ ޗެމްޕިއަންސް ލީގު ކުޅޭ ދެކުނު އޭޝިޔާގެ ފުރަތަމަ ކްލަބުގެ ޝަރަފާއި އެކު މުބާރާތުގެ ފުރަތަމަ މެޗުން އިންޑިޔާގެ ގޯއާ އެފްސީންވަނީ މިދިޔަ ހަފުތާގައި ގަތަރުގެ އައްރައްޔާން އަތުންވެސް ޕޮއިންޓެއް ހޯދާފައެވެ. އައްރައްޔާނާ ދެކޮޅަށް ކުޅުނު މެޗުން މިދިޔަ ހަފުތާގައި ޕޮއިންޓެއް ހޯދައި، އިންޑިޔާގެ ގޯއާ އެފްސީން މުބާރާތް ފެށީ އުއްމީދި ފެށުމަކުންނެވެ. އެއަށް ފަހު ދެވަނަ މެޗުގައި އަނެއްކާވެސް ޕޮއިންޓެއް ހޯދީއެވެ.
މިއީ އޭޝިޔާގެ އެންމެ މަތީ ފެންވަރުގެ ކްލަބުތަކުގެ މުބާރާތުން ބޮޑު ކާމިޔާބެކެވެ. އޭއެފްސީ ޗެމްޕިއަންސް ލީގުގައި ކުޅޭ ފުރަތަމަ ކްލަބަށް ގޯއާ ވެފައިވާއިރު، ކުޅުނު ދެ މެޗުންވެސްވަނީ އެއްވަރުވެފައެވެ. ދެ މެޗުންވެސް އެއްވަރުވީ ބައިކޮޅަށް ލަނޑެއް ނުވަދެއެވެ. ގޯއާ އެފްސީން ގްރޫޕް ސްޓޭޖުގައި ދެން ކުޅެން ޖެހޭ މެޗުގައި ކުޅޭނީ އެ ގްރޫޕުގައި ހިމެނޭ އީރާނުގެ ކްލަބާ ދެކޮޅަށެވެ. ގްރޫޕުގެ އެއްވަނައިގަ އޮތީވެސް އީރާނުގެ ކްލަބެވެ.
އޭޝިޔާގެ ކްލަބުތަކުގެ އެންމެ މަތީ ފެންވަރުގެ މުބާރާތުން ގޯއާ އެފްސީއަށް ޖާގަ ލިބުނީ މިދިޔަ އަހަރުގެ އިންޑިއަން ސުޕަރ ލީގުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުންނެވެ. އޭއެފްސީން ނިންމާފައިވަނީ އިންޑިއަން ސުޕަރ ލީގުގެ ލީގު ޗެމްޕިއަނުންނަށް އޭއެފްސީ ޗެމްޕިއަންސް ލީގުން ފުރުސަތު ދޭށެވެ. ގޯއާ އެފްސީ އޭއެފްސީ ޗެމްޕިއަންސް ލީގުގައި އަދި އަލަށް ވާދަކުރިނަމަވެސް ގޯއާއަށް ނިސްބަތްވާ ބައެއް ކުލަބުތަކުންވަނީ ވަނީ އޭއެފްސީ ކަޕުގައި ކުރިން ކުޅެފައެވެ. އިންޑިޔާގެ ގޯއާއަކީ އިންޑިޔާގައި ފުޓްބޯޅައިގެ ފޯރި އެންމެ ގަދަ އެއް ސަރަހައްދެވެ.