ads
ޝަހީދު ހުސެން އާދަމް ބިލްޑިން-- ފޮޓޯ: ރާއްޖެ އެމްވީ
އާރުޑީސީ އޮފީސް ފަޅާލައި އެއްލައްކަ ރުފިޔާ ވަގަށް ނަގައިފި
ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީގެ އޮފީސް ފަޅައިލާ 100،000 އަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.

އާރުޑީސީ އިން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ކޯޕަރޭޝަން ގެ ހެޑް އޮފީސް ފަޅާލައި ވައްކަން ކޮށްފައިވަނީ ނިމި ދިޔަ ހަފްތާ ބަންދު ތެރޭގައި ކަމަށާއި، ލިބިފައިވާ މައުލޫމާތުތަކަށް ބަލައިފައި ބޮޑަށް ލަފާ ކުރެވެނީ އޭޕްރިލް މަހުގެ 16 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގާކަމަށެވެ.

އާރުޑީސީ އިން ބުނީ ވަގަށް ނަގާފައިވާ ފައިސާތަކަށް ބަލާއިރު، ތިޖޫރީގައި ހުރި 118،986 (އެއްލައްކަ އަށާރަ ހާސް ނުވަސަތޭކަ އަށްޑިހަ ހައެއް) ރުފިޔާއާއި ޕެޓީ ކޭޝްގެ ގޮތުގައި އެކި މުއައްޒަފުންގެ ހަވާލުގައި ހުރި 10،737 (ދިހަހާސް ހަތްސަތޭކަ ތިރީސް ހަތް) ރުފިޔާއާއެކު ޖުމްލަ 129،723 (އެއްލައްކަ ނަވާވީސްހާސް ހަތްސަތޭކަތޭވީސް) ރުފިޔާ ކުންފުނީގެ ފައިސާގެ ތެރެއިން ވަގަށް ނަގާފައި ވާކަމަށް މިހާތަކަނަކަށް ބެލިބެލުންތަކުން ފާހަގަ ކުރެވޭ ކަމަށެވެ.

ކުންފުނީގެ ފައިސާގެ އިތުރުން ބައެއް މުއައްޒަފުންގެ އަމިއްލަ ފައިސާއާއި، އެކްސްޓާނަލް ހާޑު، އަތުކުރި ގަޑި، އަވިއައިނު، ހެޑްސެޓް، ޕެންޑްރައިވް އަދި ސެންޓްފަދަ އަގުބޮޑެތި ތަކެތި ވަގަށް ނަގައިފާ ވާކަމަށް އާރުޑީސީއިން ބުނެފައިވެއެވެ.

އޮފީހުގައި ބޭނުންކުރާ އައިޕެޑް ފަދަ ތަކެތި ހުރި ތަންތަނުން ނަގައިގެން ގެންގޮސް އެއްތާކަށް ޖަމާކޮށްފައި ހުރި ނަމަވެސް އެތަކެއްޗަށް ގެއްލުމެއް ލިބިފައިވާކަމަށް އަދި ފާހަގަކުރެވިފައެއް ނުވާކަމަށް އާރުޑީސީން ބުނެއެވެ. ބޮޑަށް ބެލެވެނީ ވަގަށް ގެންދިއުމަށްޓަކައި ތައްޔާރުކުމަށްފަހު ހަނދާންނެތިގެން ނުވަތަ އެނޫންވެސް އެހެން ސަބަބަކާހުރެ އެތަކެތި ބަހައްޓާފައި ދިޔައީކަމަށްވެސް އާރުޑީސީއިން ބުނެފައިވެއެވެ.

އޮފީހުގެ މައި ތިޖޫރީ ހަލާކުކޮށްލުމަށް ގިނަ މަސައްކަތްތަކެއް ކޮށް ވަރަށް ބޮޑެތި ގެއްލުން ދީފައިހުރި ނަމަވެސް އެ ތިޖޫރީ ވަގުންނަށް ހުޅުވިފައި ނުވާކަން އާރުޑީސީއީން ބުނެފައި ވެއެވެ.

އޮފީހުގެ އެކި ދޮރުތަކާއި ތަޅުތައް ހަލާކުކޮށްފައިވުމުގެ އިތުރަށް މުވައްޒަފުންގެ ކަބަޑުތަކުގެ ވަތްގަނޑުތަށް ހަލާކުކޮށް ބައެއް ނޯޓް ފޮތްތަކާއި ޕްލޭނަރ ފަދަ ތަކެތި ވަގަށް ނަގައިފައި ހުރިކަން ފާހަގަކުރެވޭ ވާހަކަވެސް ބަޔާނުގައި އޮތެވެ.

ކުންފުނީގެ ބައެއް ލިޔެކިއުންތަކާއި ފައިލްތަކަށާއި، ސްޓޭޝަނަރީޒްތަކަށް ވެސް ގެއްލުންދީފައިވާކަން ފާހަގަކުރެވޭ ކަމަށާއި، އެކަމުގެ ތަފްސީލުތައް ދެނެގަތުމުގެ މަސައްކަތް މިހާރު ގެންދަނީ ކުރަމުންކަމަށް އާރުޑީސީއިން ބުނެއެވެ.

ސީއެންއެމްއަށް ފުލުހުން މައުލޫމާތު ދެއްވިގޮތުގައި މި މައްސަލަ ވަނީ އިއްޔެ ހެނދުނު 10:00 ކަންހާއިރު ފުލުހުންނަށް ހުށަހަޅައިފައެވެ.

އަދި މިމައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރެވެމުން ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް