އެގޮތުން އަބްދުﷲ ދީދީ ވިދާޅުވީ، މިހާރު އޮތް މަޖިލީހަށް ވެރިކަމުގެ ނިޒާމް ބަދަލު ނުކުރެވޭނެ ކަމަށެވެ. އެގޮތުން ބޮޑުވަޒީރު ކަމަށް ޝައުގުވެރިވީ ކަމުގައިވިއަސް، ދެ ކަމެއް ފުރިހަމަވެގެން ނޫނީ އެކަން ހާސިލު ނުވާނެ ކަމަށް އަބްދުﷲ ދީދީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ދެ ކަމަކީ، ދުސްތޫރީ ހަމަތަކުގެ މަތިން ބަރުލަމާނީ ނިޒާމެއް ގާއިމުވުމާއި، އަލަށް އުފެދޭ ބަރުލަމާނީ ނިޒާމުގެ ދަށުން ރައްޔިތުން އިންތިހާބު ކުރާ މަޖިލީހުގެ 50 އިންސައްތަ މެޖޯރިޓީ ލިބޭ ބައެއްގެ ލީޑަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވުންކަމަށެވެ.
މީގެ އިތުރުން، މިނޫންގޮތަކަށް ވަކި ނިޒާމެއްގެ ދަށުން އިންތިހާބުވެފައިވާ މަޖިލީހެއްގެ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރު އެކުލަވާލަން އުޅުމަކީ ދުސްތޫރީ އުސޫލުތަކާއި ހުދޫދޫ ފަހަނައަޅާ ދިއުން ކަމަށާއި، އެކަމަށް ރައްޔިތުން ޖާގަ ނުދޭނެ ކަމަށް އަބްދުﷲ ދީދީ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ހައިލަމް ވިދާޅުވީ، ވެރިކަމުގެ އިތުރުން މަޖިލީހުގެ ސުޕާ މެޖޯރިޓީ އެމްޑީޕީއަށް ދީގެންވެސް ރައްޔިތުންނަށް ވީ ފައިދާއެއް ނެތް ކަމަށެވެ. އަދި ސަރުކާރަށް ކޮރަޕްޝަނާއި ޖިންސީ ގޯނާ ކުރުމެއް ނުހުއްޓުވުނު ކަމަށް ހައިލަމް ވިދާޅުވި އެވެ.
ހައިލަމް ވިދާޅުވީ، ލޯނު ނުނަގައި އިންތިބެއް ބޭއްވޭނެ ފައިސާ ނެތްއިރު ބަރުލަމާނީ ނިޒާމު ގެނެސްގެން ވާން އޮތް ކަމަކީ، އަހަރު ދެކޮޅު ސަރުކާރު ބަދަލުވުމާއި އިންތިހާބު ބޭއްވުން ކަމަށެވެ.
ދެ ފަނޑިޔާރުންގެ އިތުރުންވެސް ކުރީގެ ރައީސް ޑރ. ވަހީދު ހަސަން މަނިކު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުވެސް ވަނީ މިކަމާ ގުޅިގެން ސަރުކާރާއި ނަޝީދަށް ފާޑުކިއުން އަމާޒުކޮށްފައެވެ.