ads
ޖިބްރީލުގެފާނު އިންސާނެއްގެ ސިފައިގައި ދީން އުނގަންނައި ދެއްވުމަށް ވަޑައިގެން ހިނދު..
ޢުމަރު رَضِيَ اللَّهُ عَنْهُ ރިވާ ކުރެއްވިއެވެ: ރަސޫލު ﷲ ﷺ ގެ އަރިހުގައި ތިމަންމެން ވަނިކޮށް، އެ ތަނަށް މީހަކު އަތުވެއްޖެއެވެ. އެ މީހާގެ ފޭރާމުގެ ހުދުކަން ނުހަނު ގަދައެވެ. އަދި އިސްތަށީގެ ކަޅުކަން ވެސް އެހާމެ ގަދައެވެ. ދަތުރެއްކޮށްފައި އައިކަމުގެ އެއްވެސް އަސަރެއް އެ މީހާގެ ކިބައިން ފެންނާކަށް ނެތެވެ. އަދި ތިމަންމެން ކުރެ އެކަކަށް ވެސް އެއީ ކާކު ކަމެއް ނޭނގެއެވެ.

އެ މީހާ އައިސް، ނަބިއްޔާ ﷺ ގެ ކަކޫފުޅާއި އެ މީހާގެ ކަކުލާ ދިމާވާ ގޮތަށް އިށީނދެ، ދެ އަތްތިލަ ފަލަމަސްގަނޑުގެ މަތީ ބާއްވާފައި ދެންނެވިއެވެ: އޭ މުޙައްމަދުގެފާނެވެ. އިސްލާމްކަމާ ބެހޭ ގޮތުން ތިމަންނާއަށް ޚަބަރު ދެއްވާށެވެ. އެ ހިނދު ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: ”އިސްލާމްކަމަކީ، ﷲ ފިޔަވައި (އަޅުކަން ޙައްޤުވާ) އެހެން އެއްވެސް އިލާހަކު ނުވާ ކަމަށާއި، މުޙައްމަދުގެފާނީ ﷲގެ ރަސޫލާ ކަމަށް ތިބާ ހެކިވުމެވެ. އަދި ނަމާދު ގާއިމުކޮށް، (މުދަލު) ޒަކާތް ދީ، ރަމަޟާން މަހު ރޯދަ ހިފައި، އަދި ތިބާއަށް ކުޅަދާނަކަން ލިބި އެ ކަމަށް މަގުފަހިވެއްޖެ ނަމަ، ގެފުޅަށް ގޮސް ޙައްޖުވުމެވެ.“ އޭނާ ދެންނެވިއެވެ: ތިޔަ ވިދާޅުވީ ތެދުފުޅެކެވެ. -ޙަދީޘް ކިޔައިދެއްވަމުން ޢުމަރުގެފާނު ދެންނެވިއެވެ:

 އެ މީހާއާމެދު ތިމަންމެން އަޖައިބު ވީމެވެ. (އެހެނީ) އެ މީހާ ނަބިއްޔާއާ ސުވާލުކޮށްފައި، ޚުދު އަމިއްލައަށް ނަބިއްޔާގެ ބަސްފުޅު ވެސް ތެދު ކުރެއެވެ- ދެން އެ މީހާ ދެންނެވިއެވެ: އީމާންކަމާ ބެހޭ ގޮތުން ތިމަންނާއަށް ޚަބަރު ދެއްވާށެވެ. ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ: ”އެއީ ﷲ އަށާއި، އެ އިލާހުގެ މަލާއިކަތުންނަށާއި، އެ އިލާހުގެ ފޮތްތަކަށާއި، އެ އިލާހުގެ ރަސޫލުންނަށާއި، އާޚިރަތް ދުވަހަށް ތިބާ އީމާން ވުމެވެ. އަދި ޤަޟާޤަދަރު، އޭގެ ހެޔޮ މިންވަރާއި ނުބައި މިންވަރަށް ތިބާ އީމާން ވުމެވެ.“ އެ މީހާ ދެންނެވިއެވެ: ތިޔަ ވިދާޅުވީ ތެދުފުޅެކެވެ.

އިޙުސާންކަމާ ބެހޭ ގޮތުން ތިމަންނާއަށް ޚަބަރު ދެއްވާށެވެ. ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ: ”އެއީ ތިބާއަށް ﷲ ފެނިހުރެ އަޅުކަން ކުރާނެ ފަދައިން އެ އިލާއަށް އަޅުކަން ކުރުމެވެ. ފަހެ ތިބާއަށް އެ އިލާހު ނުފެނުނު ކަމުގައި ވިޔަސް، ހަމަކަށަވަރުން އެ އިލާހު ތިބާއަށް ބައްލަވާ ވޮޑިގެންވެއެވެ.“ 

ދެން އޭނާ ދެންނެވިއެވެ: ޤިޔާމަތް ވާނެ ވަގުތަކާ ބެހޭ ގޮތުން ތިމަންނާއަށް ޚަބަރު ދެއްވާށެވެ. ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ: ”އެކަމާ ބެހޭ ގޮތުން، ސުވާލު ކުރި ފަރާތަށް ވުރެ ބޮޑަށް، ސުވާލު ކުރެވުނު ފަރާތަށް އެނގިގެނެއް ނުވެއެވެ.“ (އެބަހީ: ދެ މީހުން ކުރެ އެކަކަށް ވެސް އެނގިގެނެއް ނުވެއެވެ.) ދެން އެ މީހާ ދެންނެވިއެވެ: އޭގެ ޢަލާމާތްތަކާ ބެހޭ ގޮތުން ތިމަންނާއަށް ޚަބަރު ދެއްވާށެވެ. ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ: ”އެއީ އަޅު އަންހެނަކު އަންހެން ދަރިއެއް ވިހައިގެން، (އެ ލިބުނު ދަރި) އެ އަޅު އަންހެނާގެ ސާހިބު ކަމަނާއަށް ވުމެވެ.

އަދި ހުސްފަޔާ އޮރިޔާންކަންމަތީ ފަޤީރު ޙާލުގައި ބަކަރި ހުއިހައްޕާ އުޅުނު މީހުން، އިމާރާތްތައް އުސް ކުރުމުގައި ވާދަކޮށް އުޅޭތަން ތިބާއަށް ފެނުމެވެ.“ ދެން ޢުމަރުގެފާނު ދެންނެވިއެވެ: އެއަށްފަހު، އެ މީހަކު ހިނގައްޖެއެވެ. ދެން ތިމަން ދުވަސްތަކެއް ވޭތު ކުރުމަށް ފަހު، ނަބިއްޔާ ތިމަންނާއަށް ޙަދީޘް ކުރެއްވިއެވެ: 

”އޭ ޢުމަރުގެފާނެވެ. ސުވާލު ކުރީ ކާކުކަން އެނގިލައްވާތޯއެވެ؟“ ތިމަން ދެންނެވީމެވެ: މޮޅަށް ދެނެވޮޑިގެން ވަނީ ﷲ އެވެ. އަދި އެ އިލާހުގެ ރަސޫލާއެވެ. ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ: ”ހަމަކަށަވަރުން އެއީ ޖިބްރީލުގެފާނެވެ. ތިޔަބައިމީހުންގެ ގާތަށް އެ ވަޑައިގަތީ، ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް އުނގަންނަވައި ދެއްވުމަށްޓަކައެވެ.“

އެޑިޓަރުގެ ނޯޓް:

މިއީ އިލުމުޑޮޓްކޮމް އޮންލައިން ނޫހުން ނަގާފައިވާ އާޓިކަލް އެކެވެ. މި އާޓިކަލް ޕަބްލިޝްކޮށްފައި މިވަނީ އެއްވެސް އުނި އިތުރެއް ގެނައުމަކާނުލަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް