ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ޖެންޑާ މިނިސްޓްރީގެ އެސިސްޓެންޓު ޑިރެކްޓަރު ފަޒްލާ އަހުމަދު ޝަހީމް ވިދާޅުވީ އެ ޕްރޮގްރާމުގެ ދަށުން މިހާރު ނުވަ އާއިލާއެއް ވަނީ އެމީހުން ރަށަށް ބަދަލު ކުރެވިފައި ކަމަށެވެ. އަދި ހަތް އާއިލާއެއް ރަށަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފަޒްލާ ވިދާޅުވި އެވެ.
ނުވަ އާއިލާއަކަށް މިހާރު ވަނީ އެލެވެންސް ފައިސާވެސް ހަވާލުކުރެވިފައި ކަމަށެވެ. އަދި ރަށަށް ބަދަލުވުމަށް ދަތުރު ފަތުރު ކުރުމަށް އާއިލާތަކަށް އެހީތެރުކަން ފޯރުކޮށްދީފައިވާނެ ކަމަށް ވެސް ފަޒްލާ ވިދާޅުވި އެވެ.
އަދި ދެ އާއިލާއެއް ތަކެތި ރަށަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދީފައި ވާނެ ކަމަށާއި އަށް އާއިލާއަކަށް އެސްޓްބްލިޝް ސަޕޯޓް އެލެވެންސް ވަނީ ފޯރުކޮށްދީފައި ކަމަށް ވެސް ފަލްޒާ ފާހަގަކުރެއްވި އެވެ.
އެހެންކަމުން މިހާރު ޖެންޑާއިން ދަނީ 58 މީހުން ހިމެނޭގޮތަށް ޖުމްލަ 17 އާއިލާއަކަށް ރަށަށް ބަދަލުވުމަށް އެހީތެރިކަން ފޮރުކޮށްދެމުން ކަމަށް ވެސް ފަލްޒާ ވިދާޅުވި އެވެ.
ޖެންޑާއިން އަހުލު ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައި ވަނީ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހުގަ އެވެ.
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ގާނޫނުގެ ހަތަރުވަނަ ބާބާށް ރިއާޔަތްކޮށް، އެ ގާނޫނުގެ 46 ވަނަ މާއްދާގެ (ށ) އިން ޖެންޑާއަށް ލިބިދޭ އިހްތިޔާރުގެ ދަށުން، ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅު ތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމުގެ ދަށުން އެހީ ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ހަމަތަކާއި އިޖުރާއަތުތައް ބަޔާންކޮށް ޖެންޑާ މިނިސްޓްރީން ވަނީ ގަވާއިދެއް ވެސް އާންމުކޮށްފަ އެވެ.
އެ ޕްރޮގްރާމުގެ ދަށުން އެހީތެރިކަމަށް އެދި ހުށަހަޅާ އާއިލާތަކަށް، މި ގަވާއިދުގައި ވާގޮތުގެ މަތިން، ރަށަށް ބަދަލުވެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެ އާއިލާތަކުން ރަށަށް ބަދަލުވުމަށް ކުރަންޖެހޭ ހަރަދުތައް ދިނުމަށް ޖެންޑާ މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ. އެގޮތުން ކޮވިޑް-19 ގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ބަދަލުވެ، ރަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ މީހުންނަށް ސަރުކާރުން 3000 ރުފިޔާގެ އެލަވަންސެެއް ފޯރުކޮށްދޭން ވަނީ ނިންމާފައެވެ.
އަދި ވަޒަންވެރިވުމަށް ދަތުރުކުރާ ރަށަށް ދިއުމަށް އެއްކޮޅު ޓިކެޓްގެ އިތުރުން، އެމީހަކު ބަދަލުވާ ރަށެއްގައި އުޅޭ ގެދޮރު މަރާމާތުކުރަން ޖެހިއްޖެނަމަ އެކަމަށް ހިނގާނެ ހަރަދުގެ އިންސައްތައެއް ވެސް ދޭނެ އެވެ. ޝަރުތު ހަމަވެގެން ރަށަށް ފޮނުވާ އާއިލާތަކުގެ ހާލަތު އެއް އަހަރު ދުވަސް ވަންދެން މޮނިޓާކުރާނެ އެވެ. ރަށަށް ބަދަލުވާން 500 އާއިލާއަކަށް އެހީ ދޭނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ. އެކަމަށް 26.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެ އެވެ.
އެހީއަށް އެދެން ޖެހޭނީ ހާއްސަ ފޯމެއް މެދުވެރިކޮށެވެ. އެގޮތުން ފޯމު ހުށަހަޅަން ޖެހޭނީ އެހީއަށް އެދޭ ފަރާތުން ވަޒަންވެރިވާ ރަށުގެ ކައުންސިލަށެވެ. އަދި އެކަމަށް އެދޭ ފަރާތްތަކަށް 30 ދުވަހުގެ ތެރޭގައި އެފަރާތަކީ އެހީއަށް ޝަރުތު ހަމަވާ ފަރާތެއްކަން ނުވަތަ ނޫންކަން ޖެންޑާ މިނިސްޓްރީން އަންގާނެ އެވެ.
އެހީއަށް އެދޭ ފަރާތްތަކުގައި ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ނުވާ އެއް ކުއްޖަކު ހުރުމާއެކު ވަޒަންވެރިވާން ބޭނުންވާ ރަށުގައި އެމީހަކަށް ހުރެވޭނެ އިންތިޒާމުތަކެއް ހަމަޖެހިފައި ހުންނަން ޖެހެ އެވެ. އޭގެ އިތުރުން މާލޭ ސަރަހައްދުގައި އެމީހަކު ދިރިއުޅެމުންދާތާ މަދުވެގެން އަހަރު ދުވަސް ވާން ޖެހޭއިރު ފަގީރުކަމުގެ ހާލަތު ދެނެގަތުމަށް އެންސްޕާ އިން އާންމުކޮށްފައިވާ ގަވާއިދު ބުނާ މިންވަރަށް ވުރެ މަދުން އާމްދަނީ ލިބޭ މީހަކަށް ވެސް ވާންޖެހެ އެވެ.