އެޗްޕީއޭއިން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާލާއިރުގައި ރާއްޖޭގެ 17 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތަށް ލާފަ އެވެ.
އެގޮތުން ތ. އަތޮޅުގައި ޖުމްލަ 14 ރަށެއް އޮންނަ އިރުގައި އޭގެތެރއިން 7 ރަށަކުން ކޮވިޑްގެ ކޭސްތައް ފެނި މިހާރު ވަނީ މޮނިޓަރިންގެ ހާލަތުގަ އެވެ. އަދި އެ އަތޮޅުގައި ކޮވިޑްގެ ބިރުވެރިކަން ދަނީ އިތުރުވަމުން ނެވެ.
ތ.އަތޮޅުގެ ވެރިރަށް ވޭމަންޑޫ މިމަހުގެ ނުވަވަނަ ދުވަހު މޮނިޓަރިންގެ ހާލަތަށް ލާފައިވާއިރުގައި އެރަށުން މިހާތަނަށް 50 އަށްވުރެ ގިނަ މީހުންވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
އަދި އެ އަތޮޅުގެ ވިލުފުށި މިމަހުގެ ފަސް ވަނަ ދުވަހު މޮނިޓަރިންނަށް ލާފައިވާއިރު އެރަށުން މިހާތަށް ކޮވިޑަށް 16 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އެރަށުން އިތުރު ސާމްޕަލްތައް ނަގަމުން އަންނަ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.
ކިބިދޫއަށް މިމަހުގެ 11 ވަނަ ދުވަހުގައި އަރާފޭބުން މަނާކޮށްފައިވާއިރުގައި އެރަށުން މިހާތަނަށް 31 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި 80 ގެއެއް މޮނިޓަރިންގެ ހާލަތުގައި އޮތް އިރު، ގިނަ އަދަދެއްގެ މީހުން ވަނީ ކަރަންޓީނު ކުރެވިފައި ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.
އެ އަތޮޅު އޮމަދޫގެ ހާލަތަށް ބަލާލާއިރު، އެރަށުން މިހާތަނަށް ފެނިފައި ވަނީ ތިން މީހެކެވެ. އަދި އެރަށަށް މިމަހުގެ 14 ވަނަ ދުވަހު އަރާފެބުން މަނާކުރުމާއެކު ރައްޔިތުންނަށް ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށް ވެސް ކައުންސިލުން މައުލޫމާތު ދެއެވެ.
މިމަހުގެ 16 ވަނަ ދުވަހު މޮނިޓަރިންގެ ހާލަތަށް ލާފައިވާ މަޑުފުށީގައި މިހާތަނަށް ވަނީ 5 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި 200 މީހުންނާއި 51 ގެއެއް ކަރަންޓީނު ކުރެވިފައިވާ ކަމަށް އެރަށު ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
އެއަތޮޅު ގާދިށްފުށިވެސް މިމަހުގެ 14 އިން ފެށިގެން މޮނިޓަރިންގެ ހާލަތުގައި އޮތްއިރު އެރަށުން ވެސް އަންނަނީ ކޮވިޑްގެ ކޭސްތައް ފެންނަމުން ނެވެ.
ތ.އަތޮޅުގައި ކޮވިޑް ފެތުރެމުން ދާއިރުގައި ބައެއް ރަށްރަށުން ކޮވިޑް ކޭސްތައް ފެންމަތިވިގޮތް އަދި ސާފުނުވާކަމަށް ކައުންސިލްތަކުން މައުލޫމާތު ދެއެވެ.
ކޮވިޑް-19ގެ އެންމެ ފަހުގެ ތަފާސް ހިސާބަށް ބަލާއިރު، އިއްޔެ ރާއްޖެއިން އިތުރު 157 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެއީ މާލެސަރަހައްދުން 71 މީހުންނާއި، އަތޮޅުތެރޭގެ ރަށްތަކުން 72 މީހުންނާއި، ރިސޯޓްތަކުން 12 މީހެކެވެ.