ads
ވީޑިއޯ ރިޕޯޓް-
ޖިންސީ ގޯނާގެ މައްސަލަތައް ނުބެލި ރައްޔިތުން ގޮތް ހުސްވެއްޖެ!
ދޭތެރެ ދޭތެރެއިން ކޮންމެވެސް ކުއްޖަކަށް ނުވަތަ މީހަކަށް ޖިންސީގޯނާ އެއް ކުރި ވާހަކައެއް އަޑުއިވޭނެއެވެ. ނަމަވެސްގިނަ ފަހަރަށްމި މައްސަލަތަކުގައި އިންސާފު ނުލިބޭ ކަމީ އަހަރެމެންގެ މި މުޖުތަމައިން ގިނަފަހަރު ކަންވާގޮތެވެ.

މީގެ ތިން ވަރަކަށް ދުވަސް ކުރިން ނޫސްތަކުގެ ފަލަ ސުރުހީގައި އުޅުނީ މާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރު ކުރި ވާހަކައެވެ. 18 އަހަރުގެ ދިވެހި ފިރިހެނަކާއި، 23 އަހަރުގެ ދިވެހި ފިރިހެނެއް މި މައްސަލައިގައި ހައްޔަރު ކުރި އިރު، މިމައްސަލައާއި ގުޅިގެން އިވިގެން ދިޔައީ ކަންބޮޑުވާން ޖެހޭ ވަރުގެ ވާހަކަތަކެކެވެ.

އެގޮތުން މަންޒަރު ދުށް މީހެއްގެ ދުލުން ކަން ހިނގި ގޮތް ރާއްޖޭގެ ނޫހަކުން ގެނެސްދީފައިވެއެވެ. އެ މީހާ ކިޔައިދިން ގޮތުން، ރޭޕްގެ ޝިކާރައަކަށްވީ އަންހެންމީހާ ރޭޕް ކޮށްފައިވަނީ، އޭނާ ހިނގާފައި ދަނިކޮށް، ދެމީހުންވެގެން އޭނާ ގަދަކަމުން އުފުލައިގެން ކައިރި ގެއަކަށް ވެއްދުމަށް ފަހު އެވެ. މިއީ ރޯދަ ވީއްލުމަށްފަހު، މީހުން ނަމާދަށް ގޮސް، ނަމާދު ކުރަން ތިބޭ ގަޑީ ހިނގި ކަމެކެވެ. އެވެސް މިސްކިތެއްގެ ކައިރީގައެވެ. 

އަންހެން މީހާ އެހީއަކަށް އެދި އާދޭސްކުރި އިރު، އޭނާއަށް އެހީވާނެ މީހެއް ނުވުމީ އެތައް އަންހެނުންނެއް ކަންބޮޑުވުން ފާޅުކުރަމުން ދިޔަކަމެކެވެ. އެތައް އާންމުންނަކާ ފުލުހުންވެސް އުޅުނު ސަރަހައްދަކުން އަންހެނަކާ ފޮށި، އެ އަންހެން މީހާ އުފުލާލައިގެން ގެންދިޔަތާ މާ ފަހުން އެ އަންހެން މީހާ ސަލާމަތް ކުރުމަށް ނުވަތަ ކަންވީ ގޮތް ބަލަން މީހުން އުޅުމަކީ ގައިމު އެތައް އަންހެނުންނެއް އެކަމާ ކަންބޮޑުވާނެ ކަމެކެވެ.

މިހާރު މިއޮތީ އަނެއް ވާހަކައެވެ. އެއީ ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރެއްގެ މަގާމުގައި ހުއްޓާ، ކުޑަކުދިންނަށާއި ޒުވާން އަންހެން ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މަގާމުން ސަސްޕެންޑު ކުރި އަހުމަދު ފަޒީލްގެ މައްސަލައެވެ. މި މައްސަލައިގައިވެސް އެތައް އަންހެނުންނެއް އަދި އަންހެން ކުދިންނެއް ވަނީ އެމީހުންނަށް ތަޖުރިބާ ކުރަން ޖެހުނު ކަންތައްތައް ފުލުހުންނާ ހިއްސާ ކޮށްފައެވެ.

ނަމަވެސް މައްސަލަ ފައިލްކުރެވިގެން ދިޔައީ، މި މައްސަލައިގައި ޖިނާއީ ދައުވާއެއްކޮށް، ކުށް ސާބިތު ކުރެވޭނެ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭނާގެ ސަސްޕެންޝަނާ މެދު ރައީސް އޮފީހުން ވަކި ގޮތެއް އަދި ނިންމާފައި ނުވި ނަމަވެސް، މިމައްސަލަ ކޯޓާ ހަމައަށް ނުދިއުން ވެގެން ދިޔައީއެތައް އަންހެން ކުދިންނަަކަށް މާޔޫސްކަން ގެނުވި ކަމަކަށެވެ. 

ދެން އޮތީ ރާއްޖެ ޒިޔާރަތް ކުރި އިޓަލީގެ ފަތުރުވެރިއެއްގެ ވާހަކައެވެ. އުމުރުން 17 އަހަރުގެ މި އަންހެން ކުއްޖާ ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ދުވަސްވަރު، އޭނާ އަމިއްލަ ކޮޓަރީގައި ހުއްޓާ އޭނާއަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެކެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ މުހައްމަދު ހަންނާދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ މުޖުތަމައުގައި ހިމެނޭ ކުދިންގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެ، އޭނާގެ ފަރާތުން އެފަދަ އަމަލެއް ތަކުރާރުވެދާނެ ކަމަށް ބުނެއެވެ. އެގޮތުން ކޯޓުން ވަނީ ޝަރީއަތުގެ މަރުހަލާ ނިމެންދެން އޭނާ ބަންދު ކޮށްފައެވެ.

ނަމަވެސް މި މައްސަލައިގައި ހައިކޯޓުން ވަނީ ދަށު ކޯޓުގެ ނިންމުން ރަނގަޅު ނޫން ކަމަށް ނިންމާފައެވެ. ހަންނާދުގެ ބަންދާއި ގުޅިގެން ކުރިއަށް ދިޔަ މި މައްސަލައިގެ ޝަރީއަތުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ދަށު ކޯޓުގެ ހުކުމަކީ ގާނޫނާއި އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް ބުނެ ހުކުމް ކޮށްފައެވެ. 

މިފަދަ އެތައް މައްސަލައެއް އަދިވެސް އެބަހުއްޓެވެ. ގައިމުވެސް މަޑުއްވަރީ ރޭޕް ކޭސް އެންމެންގެ ހަނދާނުގައި ހުންނާނެ ކަމެކެވެ. މީގެ އިތުރުން މީގެ އަހަރެއް ވަރު ކުރިން ތިލަވި ކަނޑުހުޅުދޫ ރޭޕް ކޭސްއަކީ ވެސް ހަނދާނުން ނުނެތޭ ވަރުގެ ބޮޑު މައްސަލައެކެވެ.

މިފަދަ އެތައް މައްސަލަތަކެއް ހުރި އިރު، ޓުވިޓާގައި އަޑުގަދަ ކޮށްގެން ނޫނީ މައްސަލައެއް ހިނގާތަން ނުފެންނަ ކަމީ ހިތާމަވެރި ކަމެކެވެ. ގިނަ މީހުންވަނީ ޝަރުއީ ދާއިރާއަށް ބަރޯސާ ވެވެން ނެތް ކަމަށާއި، އިންސާފަކީ އުއްމީދު ކުރެވޭ އެއްޗެއް ނޫން ކަމަށް ބުނެ މިހާރުވެސް ހިތްވަރު އެލުވާލާފައެވެ. ޖިންސީ އެކިއަނިޔާތަކުގެ ޝިކާރައަކަށްވެފައިވާ އެތައް އަންހެން ދަރިންނެއް މައްސަލަ ހުށަނާޅަން އެތިބެނީ، އާހިރުގައި ހުރިހާ ދެރައެއް ލިބެނީ އަނިޔާ ލިބުން މީހާއަށް ކަމަށް ވާތީއެވެ.

ގައިމު ޖިންސީ ފުރައްސާރައިގެ އެތައް މައްސަލައެއްގައި ދައުވާ ކުރެވޭ "ހައި ޕްރޮފައިލް" މީހަކަށް ގައުމުން "ފިލައިގެން" ދިއުމުގެ ފުރުސަތު ދެވޭ އިރު، ދެން ހުރި ކޭސްތަކުގައި އިންސާފު ލިބޭނެއޭ ބުނުމުގެ ޖާގައެއް އޮތް ކަމަށް ގަބޫލެއް ނުކުރެވެއެވެ. އަނިޔާ ލިބިފައިވާ އެތައް ބައެއް މިހާރުވެސް އެތިބީ ގޮތް ހުސްވެފައެވެ. ގައިމު އެންމެ ފަހުން ހިނގި ހާދިސާ އާއި ގުޅިގެން އެކަނިވެސް ރޭނގަޑު މަގުމައްޗަށް ނިކުންނަށް ނުކެރުމީ ސިސްޓަމްތައް ފެއިލް ވެފައިވާކަން މާ ރަނގަޅާށްވެސް ފެންނަ ކަމެކެވެ. ގައިމު މި އެދެނީ ވަރަށް ކުޑަ ކަމަކުއެވެ. އެއީ ތިމާގެ އަމިއްލަ ރައްކާތެރިކަމެވެ. ގައިމު މިއީ ކޮންމެ މީހަކަށްވެސް ހައްގު އެއްޗެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް