ސިޓީ ކައުންސިލުން ގެޒެޓްކޮށްފައިވާ އިއުލާނެއްގަ ބުނެފައި ވަނީ ސަލްޓަން ޕާކްގަ ތަރައްގީކޮށްފައިވާ ވިންޓާ ތީމް ޕާކް ހިންގާ ބެލެހެއްޓުމަށް ހައުސިން މިނިސްޓްރީން ހަވާލުކޮށްފައިވާ ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވިންޓާ ތީމް ޕާރކް އޮޕަރޭޓް ކުރަމުން ނުދާ ކަމަށެވެ.
އެހެން ކަމުން އެކުންފުންޏަށް އަންގަންޖެހޭ އެންގުންތައް ފޮނުވުމަށް އެއްބަސްވުމުގަ ބަޔާންކޮށްފައިވާ އެޑްރެހުގަ އެ ކުންފުނީގެ އޮފީހެއް ނެތުމާއި ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑާއި އެކު މުއާމަލާތް ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވީނަމަވެސް ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ އެއްވެސް ބޭފުޅަކާ މުއާމަލާތް ކުރެވޭނެ ގޮތެއް ނުވުމާއި، އަދި މިވަގުތު ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑް ހިންގަމުން ދަނީ ކޮން އެޑްރެހެއްގަ ކަން އެކައުންސިލަށް އެނގިފައި ނުވާ ކަމަށް ބުނެފައި ވެއެވެ.
ވީމާ، ސަލްޓަން ޕާކުގަ ތަރައްގީގީކޮށްފައިވާ ވިންޓާ ތީމް ޕާކް ހިންގައި ބެލެހެއްޓުމަށް ހައުސިން މިނިސްޓްރީއާއިއެކު އެއްބަސްވުމުގަ ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކޮށްފައިވާ ފަރާތް ނުވަތަ އެކުންފުނީގެ ޑިރެކްޓަރުންގެ ތެރޭގައި ހިމެނޭ ބޭފުޅަކު މިއަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި ސިޓީ ކައުންސިލަށް ހާޒިރުވުމަށް އަންގާ ކަމަށް ވެސް ބުނެފައި ވެއެވެ.
އެ މުއްދަތުގެ ތެރޭގައި ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ބޭފުޅަކު، މާލޭ ސިޓީ ކައުންސިލަށް ހާޒިރުނުވެއްޖެނަމަ ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑާއި އެކު ވިންޓާ ތީމް ޕާރކް ހިންގައި ބެލެހެއްޓުމަށް ވެފައިވާ އެއްބަސްވުން ކެންސަލް ކުރެވޭނެ ކަމުގައި ވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
ސަލްޓަން ޕާކުގަ ތަރައްގީ ކުރި “ވިންޓާ ތީމް ޕާކު” ހުޅުވައިފަވަނީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހުގަ އެވެ.
އެ ޕާކްގަ ސްނޯ ވެހޭ ތަނަކާއި ސްލައިޑާއި އައިސް ސްކޭޓްކުރަން ހާއްސަ ބައެއް ހަދައިފަ ވެއެވެ. ވިންޓާ ތީމް ޕާކުގެ އިމާރާތުގެ ހުރިހާ އެއްޗެއް ޑިޒައިންކޮށް ތައްޔާރުކޮށްފައި ވަނީ ފްރާންސްގަ އެވެ.