ads
އަލީ މާޖިދު———
ހަރަދުތައް ފޫނުބެއްދިގެން އުޅެނިކޮށް އަނެއްކާވެސް އިތުރު ނައިބެއް!
މިނިސްޓާ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާގެ ނައިބުގެ މަގާމަށް މ. ހިޔަމަ އަލީ މާޖިދު އައްޔަނު ކުރައްވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

މާޖިދަކީ އެމްޑީޕީގެ ޓިކެޓުގައި ނ. އަތޮޅު ކައުންސިލް މެންބަރުކަން އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގައި މިހާރުވެސް ނ. އަތޮޅުގެ ރައީސް ކަން  ކުރައްވަމުން ގެންދަވާ މާޖިދު، ފިޝަރީޒް މިނިސްޓްރީގެ ނައިބު ކަމުގެ މަގާމަށް އައްޔަނުކުރެއްވުމާ ހަމައަށް، ކުރައްވަމުން ގެންދެވީ އަމިއްލަ މަސައްކަތްތަކެވެ. އޭނާ ކުރައްވަމުން ގެންދެވި މަސައްކަތަކީ "އިންޓީރިއާ ޑިޒައިނިން" އަދި "ޕްރޮޖެކްޓް މެނޭޖްމަންޓް"ގެ މަސައްކަތްތަކެވެ. 

މީގެ ކުރިން މާޖިދު ވަނީ "ނޮދާން ޔޫޓިލިޓީސް ލިމިޓެޑް"ގެ މެނޭޖިން ޑިރެކްޓަރު ކަމާއި، "ޕްލޭންކްޓަންސް ބީޗް ހޮޓެލް" އަދި "މޯނިން ސަންރައިސް ޕްރައިވެޓް ލިމިޓެޑް" ފަދަ ކުންފުނިތަކުގައި ޖެނެރަލް މެނޭޖަރުގެ މަގާމު ވެސް އަދާކުރައްވާފައެވެ. އަދި އަމިއްލަގޮތުން މަސައްކަތްކުރާ އެކި ކުންފުނިތަކުގެ އިސް މަގާމުތައްވެސް މާޖިދު ވަނީ ފުރުއްވާފައެވެ.

މަންދުކޮލެޖުން "ޑިޕްލޮމާ އިން ބިޒްނަސް މެނޭޖްމަންޓް" ހާސިލްކުރައްވާފައިވާ މާޖިދު ވަނީ "ސެޓްފިކެޓް އިން ޓްރެވަލް އެންޑް ޓުއާ އޮޕްރޭޝަންސް ކޯސް" ވެސް ފުރިހަމަކުރައްވާފައެވެ. 

މީގެ އިތުރުން މާޖިދަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފިޝަރީޒް މިނިސްޓްރީގައި މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭރު ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔަ މުހިންމު މަަަސައްކަތްތައް އިސްވެ ހުންނަވާ މާޖިދު ވަނީ ކުރައްވާފައެވެ. އޮޅުވާލި ކަނދުފަތި ޑިޒައިން ކުރުމާއި، ރާއްޖޭގައި ހިންގުނު މަސްވެރިކަމުގެ އާ ޓެކްނޮލަޖީއާއި ޒަމާނީ ވަސީލަތްތައް އިންޑަސްޓްރީއަށް ތައާރަފް ކުރަންކުރި ގިނަ މަސައްކަތްތަކުގައި މުހިއްމު ރޯލެއް އޭނާ ވަނީ އަދާކުރައްވާފައެވެ.

ފިޝަރީޒް މިނިސްޓްރީގެ ނައިބުކަމުގެ މަގާމަށް ބޭފުޅަކު އައްޔަންކުރެވިގެން ދިޔައިރު މިހާރުވެސް ސަރުކާރުގެ އެކި މިނިސްޓްރީތަކުގައި ނައިބުންގެ އަދަދު ގިނަކަން ފާހަގަކުރެއެވެ. ބައެއް މިނިސްޓްރީތަކުގައި ހަތަރު ނައިބުންވެސް އެބަތިއްބެވިއެވެ. ކޮވިޑް-19އާއި ގުޅިގެން އިގްތިސޯދަށް އެރި ލޮޅުމުގައި ދައުލަތުގެ ހަރަދުތައް އަންނަނީ އިންތިހާއަށް ބޮޑުވަމުންނެވެ. ހަރަދުތައް ފޫނުބެއްދި ރާއްޖޭގައި ޗާޕްކޮށްގެން، އިތުރު ފާއިސާ ދައުލަތައް މިވަނީ ނަގަންޖެހިފައެވެ. 

އޭގެ ހެއްކަކީ ހުއްދެއް ނެތި ދަރަނި ނެގުމާއި ހުއްދައެއް ނެތި، އެމްއެމްއޭއިން އޯވަޑްރޯ ކުުރުން މަނާކޮށްފައި އޮށްވާ ކޮވިޑް-19 އާއި ގުޅިގެން އިގްތިސޯދަށް އާ ހީނަރުކަމާއިއެކު ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށް ސަރުކާރުން 2020 ވަނަ އަހަރު ހުށަހެޅި މާއްދާތައް ސަސްޕެންޑްކޮށް، ހަތަރު ބިލިއަން ރުފިޔާ ޗާޕްކުރަން ހުއްދަ ހޯދުމަށް ނިންމުމެވެ. 

މިހާލަތުގައި އިތުރު ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައި އޮތް ހުއްދަ އޮތީ އެއް އަހަރުގެ މުއްދަތަކަށެވެ. މި މުއްދަތު މިމަހުގެ 26ވަނަ ދުވަހަށް ހަމަވާތީ އެމުއްދަތު އަނެއްކާވެސް އިތުރު އެއް އަހަރަށް ދަންމާލުމަށް އެދި ފިނޭންސް މިނިސްޓްރީ އިން މިމަހުގެ ނުވަވަނަ ދުވަހު ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީ ފޮނުވާފައެވެ. 

އެޔާއިއެކު ދައުލަތުން ބޭކާރު ހަރަދުތައް ކުރާކަމަށް ތުހުމަތުކޮށް މަޖިލިސްތެރޭ ކުރެވުނު އެތައް ބަހަުސްތަކަކަށްފަހުވެސް މަޖިލީހުން ގޮތެއް ނުނިންމުނު އެ މައްސަލައަށް ގޮތެއް ނިންމުނީ ހުރިހާ ޕާޓީތައް ހިމެނޭގޮތައް އެކުލަވާލި ނުވަ މެންބަރުން ކޮމެޓީއަކުންނެވެ. 

އިއްޔެއިން ފެށިގެން ރެއާއި ހަމަޔަށް، ފަސް ބައްދަލުވުމަކަށް ދިގުލައިގެންދިޔަ މި ބައްދަލުވުންތަކުގައި ގިނަ މެންބަރުން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައިވެސް މިހާލަތުގައި ސަރުކާރުން ކުރާ ބޭކާރު ހަރަދުތައް ހުއްޓާލަންޖެހޭކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި ސަރުކާރުން ކުރާ ބޭކާރު ދަތުރުތައް ހުއްޓާލުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ. 

އަދި މިހާރު ފައިސާ ޗާޕްކުރުމަށް އިތުރު މުއްދަތަަކަށް ހުއްދަދިންކަމުގައި ވީނަމަވެސް ސަރުކާރުގެ ތެރެއިން ސިޔާސީ މަގާމުތައް އިތުރު ނުކުރުމާއި ސަރުކާރުން ކުރާ ހަރަދުތަކުގެ ތެރެއިން ކޮންމެހެން ކުރަންޖެހޭ ހަރަދެއް ނޫނީ ނުކުރުން ފަދަ ޑިސިޕްލިން ސަރުކާރުގެ ތެރެއިން ގެނައުންވެސް އެެއީ މުހިންމު ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. 

އެހެންކަމުން އިގްތިސޯދީ ގޮތުން ދައުލަތުގެ ހަރަދުތައް ހަމަނުޖެހިގެން އުޅޭއިރު އިތުރު ސިޔާސީ މަގާމުތަކެއް ސަރުކާރުގެ ތެރެއިން ކޮންމެހެން ދޭންޖެހޭތޯ ގިނަބަޔަކު ސުވާލުއުފައްދައެވެ. މިއީ ކޮވިޑް-19އިގެ ހާލަތުގައި ދައުލަތުގެ ހަރަދުތައް ފޫ ނުބެއްދިގެން އުޅޭއިރު ދައުލަތުގެ ބަޖެޓުން ހަރަދުވެގެންދާނެ ބޭކާރު ހަރަދުތަކެއް ކަމަށްވެސް ގިނަ ބަޔަކު ދެކެއެވެ. 

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް