އޭޑީއެމް ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މާދަމާ، 23 އޭޕްރީލް 2021 ވާ ހުކުރުދުވަހަކީ ދިވެހި ލިޔުންތެރިޔާ ޔާމީން ރަޝީދު މަރާލިފަހުން ހަތަރު އަހަރުދުވަސް .ފުރިހަމަވާ ދުވަސް ކަމުގަ އެވެ
ޔާމީން މަރާލާފައިވަނީ 2010 ވަނަ އަހަރުން ފެށިގެން ތަކުރާރުކޮށް ބަޔަކު އޭނާއަށް މަރުގެ އިންޒާރުތައް ދިނުމަށްފަހުގައި ކަމަށް ވެސް އޭޑީއެމް އިން ފާހަގަކޮށްފައި ވެއެވެ.
ރިޔާސީ ކޮމިޝަންތަކުގެ ގާނޫނު ފާސްކުރުމުން ޔާމީން ރަޝީދުއާއި، މަރާލާ އަދި ގެއްލުވާލާފައިވާ އެއްވެސް މީހަކަށް އިންސާފު ހޯދައިދިނުން އެހިސާބުން ނިމުނީ ނޫންކަންވެސް ރައްޔިތުންގެ މަޖިލީހަށް ހަނދާން ކޮށްދޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ޒިންމާ ފުރިހަމައަށް އަދާކޮށް، ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ސަރުކާރާއި މިނިވަން މުއައްސަސާތަކާއި ކޯޓުތައް ޖަވާބުދާރީކޮށްދިނުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.
އޭޑީއެމް އިން ބުނެފައި ވަނީ 2014 އާއި 2017 ވަނަ އަހަރާއި ދެމެދުގައި ޔާމީންއަށް ފޮނުވަމުންދިޔަ މަރުގެ އިންޒާރުތައް އެކިފަހަރުމަތިން ފުލުހުންނަށް ރިޕޯޓުކޮށް، އެހީތެރިކަމަށް އެދިފައިވީނަމަވެސް ފުލުހުންގެ އެއްވެސް ސަމާލުކަމެއް އޭނާގެ ރައްކާތެރިކަމަށް ދީފައިނުވާ ކަމަށެވެ. އަދި މިއަދާ ހަމައަށް ފުލުހުންގެ މުއައްސަސާ އެކަމާއި ގުޅިގެން ޖަވާބުދާރީ ،ކުރުވާފައި ނުވާކަށްވެސް އޭޑީއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އަދި ޔާމީން މަރާލިކަމުގެ ތުހުމަތުގައި 2017 ވަނަ އަހަރުގެ ޖުލައި މަހުގައި 7 މީހެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމަށްފަހުގައި ކްރިމިނަލް ކޯޓުގައި ހިންގަންފެށި ޝަރީއަތް މިއަދާހަމައަށްވެސް ނުނިމި، 2020 ވަނަ އަހަރުގެތެރޭގައި އަމުދުން އެއްވެސް އަޑުއެހުމެއް ނުބާއްވާ އޮތީ ކަނޑައެޅިގެން ގާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 142 ވަނަ މާއްދާއާ ހިލާފަށްކަމަށް ވެސް ބުނެފައި ވެއެވެ.
ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލައިގެ ޝަރީއަތް 2018 ވަނަ އަހަރުގައި ނިމުނު އިރުގައި، ދައުވާ ލިބުނު މީހުންގެ މައްޗަށް ދައުވާ ސާބިތު ނުކުރެވުނީ ހެކި ނެތިގެން ނޫންކަމަށާއި، އަދި ދައުލަތުގެ ފަރުވާކުޑަކަމުންކަން ކޯޓުގެ ހުކުމުގައި އޮތުމާއިއެކު، ޔާމީން ރަޝީދު މަރާލިކަމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތުގައި ދައުލަތުގެ ވަކީލުންގެ ފަރާތުން އަނެއްކާވެސް ފަރުވާކުޑަކަން ފެންނަމުންދިޔަ ކަމަށް ވެސް އެ ޖަމިއްޔާއިން ފާހަގަކޮށްފައި ވެއެވެ.
އަދި 2018 ވަނަ އަހަރުގެތެރޭގައި "މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަން" އުފައްދާފައިވީނަމަވެސް، 2020 ވަނަ އަހަރު ނިމުނު އިރުވެސް ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ތަހުގީގު ކުރިއަށްގޮސްފައި ނުވާކަމަށް ވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން، ޑރ. އަފްރާޝީމް އަލީގެ ގަތުލާއި، ރިލްވާން އަބްދުﷲ ގެއްލުވާލުމާއި އަދި ޔާމީން ރަޝީދުގެ ގަތުލުގެ މައްސަލަތަކަކީ ގުޅިފައިހުރި މައްސަލަތަކެއްކަމަށް 'މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަން" އިން ތަކުރާރުކޮށް ބަޔާންކޮށްފައިވާ ކަމަށް ވެސް އޭޑީއެމް ބުނެ އެވެ.
އަދި ރައްޔިތުންގެ މަޖިލިހުގެ 'ސުޕާމެޖޯރިޓީ' ލިބިފައިވާ، ރައީސުލްޖުމްހޫރިއްޔާއަކަށްވެސް އެޕާޓީގެ ބޭފުޅަކު ހުންނެވި މޯލްޑިވިއަން ޑެމޮކްރެޓިކް ޕާޓީ އަކީ މިފަދަ އަނިޔާތައް ހުއްޓުވާ، އަނިޔާ ލިބޭ މީހުންނަށް އިންސާފު ހޯދުމުގެ ވާހަކަ ދައްކާ ޕާޓީއަށްވީ ނަމަވެސް، އެފަދަ އަނިޔާގެ މައްސަލަތަކުގައި ތުހުމަތުކޮށް، ދައުވާ އުފުލާ، މިހާރުވެސް ތަހްގީގުތަކުގައި ޝައްކުކުރެވޭކަން ކަނޑައެޅިގެން އެނގޭ ބަޔަކު އެޕާޓީގެ އެތެރޭގެ އިންތިހާބުގައި ކުރިމަތިލުމުގެ ފުރުސަތު ދިނުމާއި ކެބިނެޓްގެ މިނިސްޓަރުން އެމީހުންގެ ވިޔަފާރިތައް އިޝްތިހާރުކުރުމަކީ އަނިޔާވެރިންނަށް ރައްކާތެރިކަން ދިނުން ކަމުގައި އެޖަމްއިއްޔާއިން ދެކޭ ކަމަށް ވެސް ބުނެފައި ވެއެވެ.