އިންޑިއާގެ ފުލުހުން ބުނި ގޮތުގައި މުމްބާއި ކައިރީގައިވާ ވިޖޭ ވައްލަބް ކިޔާ ހޮސްޕިޓަލުގައި ރޯވި އަލިފާނުގަނޑު މިހާރު ވަނީ ނިއްވާލެވިފައިކަމަށާއި ޒަހަމް ވެފައިވާ ހަތަރު މީހަކު ވަނީ އެހެން ހޮސްޕިޓަލުތަކުގެ ހާއްސަ ފަރުވާދޭ ޔުނިޓުތަކަށް ބަދަލުކުރެވިފައެވެ.
މަހާރަޝްތާގެ ވިރާ ހިސާބުގައި ހުންނަ ހޮސްޕިޓަލުގައި ހިނގި މި އަލިފާނުގެ ހާދިސާ ދިމާވުމަށް މެދުވެރިވި ސަބަބު އަދި މިހާތަނަށް މީޑިއާތަކަށް އެނގިފައެއް ނުވެއެވެ. އަލިފާނުގެ ހާދިސާއާ ގުޅިގެން މަހާރަޝްތާގެ ޗީފް މިނިސްޓަރު ވަނީ އެ ހާދިސާ ހިނގި ސަބަބު ހޯދުމަށް ގޮވާލައްވާފަ އެވެ. އަދި އެ ހާދިސާއާ ގުޅިގެން ކަމާގުޅުން ހުރި ފަރާތްތައް ޖަވާބުދާރީވުމަށް ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.
އެހާދިސާއާ މެދު ހިތާމަވެރިކަން ފާޅުކުރައްވައި، ބޮޑުވަޒީރު ނަރެންދުރާ މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ވަރަށް ހިތާމަވެރި ހާދިސާއެއްކަމަށެވެ. މަރު ވެދިޔަ މީހުންގެ އާއިލާއަށް ބޮޑުވަޒީރު ވަނީ ތައުޒިޔާ ކިޔުއްވާފައެވެ. އަދި ޒަހަމް ވެފައިވާ އެންމެނަށް އަަވަސް ޝިފާ އަކަށް އެދި ދުއާ ކުރައްވާކަމަށްވެސް ޓްވީޓްގައި ބޮޑުވަޒީރު ވިދާޅުވެފައިވެއެވެ.