އެ ކޮމިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުދެ ދެވަނަ ބުރެއް ހަ ރަށެއްގައި އަދި އަންހެނުންގެ ތަރައްގީ ކޮމިޓީގެ ދެވަނަ ބުރެއް ހަ ރަށެއްގައި ބާއްވަން ޖެހޭ ކަމަށެވެ.
އެގޮތުން ލޯކަލް ކައުންސިލް އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހެނީ ހއ. ތަކަންދޫ، ބ. ކިިހާދޫ، މ. ރަތްމަންދޫ، ފ. ދަރަނބޫދޫ، ތ. ގާދިއްފުށި އަދި ލ. މާވަށުގައި ކަމަށް ޝަރީފް ވިދާޅުވިއެވެ. އޭގެ ތެރެއިން ލ. މާވަށުގެ ދެ ގޮނޑިއަކަށް އަލުން ވޯޓު ލާނެއެވެ.
މީގެ ތެރެއިން ތަކަންދޫ އަންހެނުންނަށް ހާއްސަ ކުރެވިފައިވާ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑި، ކިހާދޫ ކައުންސިލްގެ ރައީސްގެ މަގާމު، ރަތްމަންދޫ ކައުންސިލްގެ ރައީސްގެ މަގާމު، ދަރަނބޫދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑި އަދި މާވަށު ކައުންސިލް ރައީސްގެ މަގާމަށް އަލުން ވޯޓުލާން ނިންމާފައިވަނީ މި ފޮށިތަކުގެ ރަސްމީ ނަތީޖާގައި، ދެ ކެނޑިޑޭޓުންގެ ވޯޓު އެއްވަރު ވެފައިވާތީ ކަމަށް ޝަރީްފ ވިދާޅުވިއެވެ.
މީގެ އިތުރުން މާވަށު ކައުންސިލްގެ ގޮނޑިއަކަށް ކުރިމަތިލީ ދެ ކެނޑިޑޭޓެއްގެ ވޯޓު އެއްވަރުުވެފައިވާއިރު، އެ ވޯޓު ފޮއްޓަށް، ގަވައިދާ ހިލާފަށް، އެދާއިރާގެ ވޯޓު ކަރުދާސް ކޮޅެއްގައި އެހެން ދާއިރާއެއްގެ މީހެއް ވޯޓުލާފައި ވުމުން، އެ ރަށުގައި އެ ގޮނޑިއަށް އަލުން ވޯޓުލާން ނިންމާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބުގެ ދެވަނަ ބުރެއް ގާދިއްފުށީގައި ބޭއްވުމަށް ނިންމާފައިވަނީ އެރަށު ކައުންސިލްގައި ހިމެނޭ އަންހެނުންގެ ހާއްސަ ދެ ގޮނޑިން އެއްގޮނޑި އަށް ކުރިމަތިލީ ކެނޑިޑޭޓުންގެ ދެމެދުގައި ދެ ވޯޓުގެ ފަރަގެއް އުޅޭ ނަމަވެސް، އެ ދާއިރާއިން ބޭރު ދެ މީހަކު އެ ފޮއްޓަށް ވޯޓު ލުމާއިގުޅިގެން، އެއީ ނަތީޖާއަށް އަސަރު ކުރާނެ އަދަދަކަށްވާތީ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އަންހެނުންގެ ތަރައްގީއަށް ހާއްސަ ކޮމިޓީގެ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ނިންމާފައިވަނީ ހއ. އުލިގަން، ށ. މަގޫދޫ، ރ. މާކުރަތު، ބ.ކެންދޫ، ވ. ފިލިދޫ އަދި ލ. ކަޅައިދޫގައެވެ. މި ހަ ރަށުގައިވެސް އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ނިންމާފައިވަނީ، ދެ ކެނޑިޑޭޓެއްގެ ވޯޓު އެއްވަރު ވުމާއި ގުޅިގެންނެވެ.
އިންތިހާބުގެ ދެވަނަ ބުގެ ވޯޓު ނެގުން އޮންނާނީ އަންނަ މެއި މަހު އެއް ވަނަ ދުވަހު ކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން މިއަދު އިންތިހާބު އިއުލާނު ކުރާނެ ކަަށާއި، އޭރުން ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރަން ފެށޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އިންތިހާބުގެ އެކި ކަންކަން ކުރިއަށްދާނެ ތާރީހުތަކާ، އިންތިހާބުގެ ޝެޑިއުލް މިއަދު އާންމު ކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.