އެޗްޕީއޭ އިން ބުނީ އިންޑިއާއިން އަންނަ މީހުންގެ ތެރެއިން ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައިވާ މީހުން ހިމެނޭގޮތަށް، އިންޑިއާއިން ރާއްޖެއަށް ދަތުރުކުރާ މީހުންނާއި އިންޑިއާގައި ދިރިއުޅެފައިވާ މީހުން އަދި އިންޑިއާ ޓްރާންޒިޓްގައި 24 ގަޑިއިރަށް ވުރެ ގިނައިރު މަޑުކޮށްފައިވާ މީހުން ރާއްޖެއަށް އެތެރެވާއިރު 96 ގަޑިއިރު ނުވާ ޕީސީއާރު ޓެސްޓުގެ ނަތީޖާއާއެކު ކަމަށެވެ.
އޭގެ އިތުރުން ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައިވާ މީހުން ހިމެނޭގޮތަށް، އިންޑިއާއިން ރާއްޖެއަށް އަންނަ ދިވެހިންނާއި، ވޯކް ޕާމިޓް ހޯލްޑަރުން ރާއްޖެ އައުމަށްފަހު 24 ގަޑިއިރު ތެރޭގައި ޕީސީއާރު ޓެސްޓު ހެދުމާއި، ދިހަ ދުވަހުގެ މުއްދަތަށް ކަރަންޓީނުވުމެވެ. އަދި މިފަދަ ފަރާތްތަކުން ކަރަންޓީނު ދޫކޮށްލެވޭނީ ކަރަންޓީނުނގެ މުއްދަތު ހަމަވުމުން ޕީސީއާރު ޓެސްޓު ހެދުމަށްފަހު ނަތީޖާ ނެގެޓިވް ވުމުންނެވެ.
އިންޑިއާއިން އަންނަ މީހުންގެ ތެރެއިން ވެކްސިންގެ ދެޑޯޒް ފުރިހަމަވީނަމަވެސް އިންޑިއާއިން ރާއްޖެއަށް ދަތުރުކާ ފަތުރުވެރިން ރާއްޖެއިން ފުރުމުގެ ކުރިން ޑިޕާޗާ ޕީސީއާރު ޓެސްޓެއް ހެދަންޖެހެއެވެ.
އަދި އިންޑިއާއިން ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިން (މީގެ ތެރޭގައި ޓްރާންސިޓްގައި 24 ގަޑިއިރަށްވުރެ ގިނައިރު އިންޑިއާގައި ހޭދަކޮށްފައިވާ ފަތުރުވެރިން ހިމެނޭ ގޮތަށް) ރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކާއި ސިޓީހޮޓާ (މީހުން ދިރިއުޅޭ ތަންތަނާ މުޅިން ވަކިން ހުންނަ ސިޓީހޮޓާތައް ފިޔަވައި) ތަކަށް ޗެކްއިން ވުން ހުއްޓުވައިލުމެވެ. ނަމަވެސް މިހާރު މިފަދަ ތަންތަނުގައި ޗެކިން ވެފައި ތިބި އިންޑިއާއިން ދަތުރުކޮށްފައިވާ ފަތުރުވެރީންނަށް ބުކިންގް ހަދައިފައިވާ މުއްދަތަށް ތިބުމުގައި އެއްވެސް މައްސަލައެއް ނެތެވެ.
އިންޑިއާއިން އަންނަ ފަތުރުވެރިންނާއި މެދު ހާއްސަ އުސޫލެއްގެ ތެރެއިން އަމަލުކުރަން ނިންމާފައިވާއިރު، އިންޑިއާގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ ޑަބްލިއުޗްއޯއިން ވަނީ ކޮވިޑްގެ ނުރައްކާ އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައި އެ ގައުމު ހިމަނާފައެވެ.