ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއިން ގާނޫނު އިސްލާހު ކުރިއިރު ބުނެފައިވަނީ ރާއްޖޭގައި އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި އަމިއްލަ ފަރާތެއްގެ ގަރާޖެއްގައި ނުވަތަ އަމިއްލަ ފަރާތެއްގެ އެނޫންވެސް ތަނެއްގައި ނުވަތަ ބިމެއްގައި އެ އުޅަނދު ބޭއްވުން ލާޒިމް ނޫން ކަމަށެވެ. އަދި އެގޮތަަށް ރިޕޯޓު ފާސްކޮށް ބުދަ ދުވަހުގެ މަޖިލީހަށް ފޮނުވި ނަމަވެސް އެދުވަހުގެ މަޖިލީހުގައި އެކަމަށް ބަހުސްކުރެވި ވަނީ ވޯޓަކާއި ހަމަޔަށް ނުގޮސް މަޖިލިސް ނިންމާލާފައެވެ.
އެޔަށްފަހު އެ ރިޕޯޓު ފާސްކުރުމަށް މަޖިލީހުގެ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދި ކުރެވުނު ގިނަ ބަހުސްތަކަށްފަހު ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ނިންމީ އަބުރާ ކޮމެޓީއަށް ފޮނުވާލުމަށެވެ. އެހެންކަމުން އެ އިސްލާހު އަބުރާ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވާލުމަށް ނެގުނު ވޯޓުގައި އެގޮތަށް ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވި 69 މެންބަރުންގެ ތެރެއިން 68 މެންބަރުންގެ ވޯޓުންނެވެ. ފާސްނުކުރުމަށް އެއް މެންބަރަކު ވޯޓުދިންއިރު މި އިސްލާހު ކޮމެޓީއަށް ފޮނުވުމަށް ބޭނުންވަނީ 35 މެންބަރުންގެ ވޯޓެވެ. މަޖިލީހަށް ހާޒުރުވެތިބީ 77 މެންބަރުންނެވެ.
އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި އަމިއްލަ ފަރާތެއްގެ ގަރާޖެއްގައި ނުވަތަ އަމިއްލަ ފަރާތެއްގެ އެނޫންވެސް ތަނެއްގައި ނުވަތަ ބިމެއްގައި އެ އުޅަނދު ބޭއްވުން ލާޒިމް ނޫވާގޮތަށް އެ އިސްލާހު މަޖިލީހަށް ހުށައެޅުއްވީ ނޮޅިވަރަމް ދާއިރާ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.
އެ އިސްލާހު ކޮމެޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވިނަމަވެސް އެ އިސްލާހު އިތުރަށް ފުރިހަމަކުރުމަށް އެ ކޮމެޓީއަށް އަބުރާ ފޮނުވާލުމަށް ހުށަހަޅުއްވާފައިވަނީ، ގަލޮޅު އުތުރުދާއިރާގެ މެންބަރު އީވާ އަބްދުﷲއެވެ. އަދި އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއެވެ.