ads
ރޭގެ މުޒާހަރާގެ ތެރެއިން --- ފޮޓޯ: ސޯޝަލް މީޑިއާ
މުޒާހަރާގައި ނޫސްވެރިންނަށް އަނިޔާ ކުރި މައްސަލަ ބަލަން އެމްޖޭއޭ އިން އެދެފި
އޮފީސް މާހައުލުގައި ހިނގާ ޖިންސީ ފުރައްސާރައާ ދެކޮޅަށް ރޭ ކުރި މުޒާހަރާގައި ފުލުހުން ނޫސްވެރިންގެ މަސައްކަތަށް ހުރަސްއަޅާ، ނޫސްވެރިންނަށް އަނިޔާ ކުރި މައްސަލަ ބަލައި ދިނުމަށް މޯލްޑިވްސް ޖާނަލިޒަމް އެސޯސިއޭޝަނުން އެދެފި އެވެ.

މިކަމާ ގުޅިގެން އެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރޭގެ މުޒާހަރާގައި ނޫސްވެރިންނާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ޝަކުވާ ތަކެއް ލިބިފައިވާ ކަމަށެވެ. 

އެގޮތުން މިފަދަ މައްސަލަތައް މީގެ ކުރިންވެސް ފުލުހުންގެ ފުށުން ފެނިފައިވާ ކަމަށް އެމްޖޭއޭއިން ބުނެފައިވެއެވެ. އަދި ނޫސްވެރިންގެ މަސައްކަތަށް ހުރަސްއެޅުމާއި، ނޫސްވެރިންނަށް އަމާޒުކޮށް ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ އިތުރުން ނޫސްވެރިންނަށް އަނިޔާ ކުރާ އެކި މައްސަލަތައް މީގެ ކުރިންވެސް ފެންމަތިވެފައިވާ ކަމަށާއި، މިއީ ފުލުހުންގެ ފުށުން ތަކުރާރު ވަމުން އަންނަ ކަންކަން ކަމަށް އެމްޖޭއޭއިން ބުނެފައިވެއެވެ.

މިފަދަ މައްސަލަތަކުގައި އެމްޖޭއޭއިން ވާނީ އެކި ފަހަރުމަތިން، ތަކުރާރުކޮށް ފުލުހުންގެ ކިބައިން، މުޒާހަރާ ކަވާ ކުރުމުގައި ނޫސްވެރިންގެ މަސައްކަތަށް ޖާގަ ދިނުމަށް އެދިފައި ކަމަށް އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ. ނަމަވެސް އެއާއި ހިލާފަށް، ނޫސްވެރިންނާއި ދެކޮޅަށް ތަކުރާރުކޮށް ނަހަމަ ގޮތުގައި ފުލުހުން ބާރުގެ ބޭނުން ކުރާ ކަމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ. 

އެ އެސޯސިއޭޝަނުން ދެކޭ ގޮތުގައި، ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅުމަކީ، މުޒާހަރާތަކުގައި ފުލުހުން އަމަލު ކުރާ ގޮތް ގެނެސްދިނުން ހުއްޓުވުމަށް ކުރާ ކަމެއް ކަމަށް މި ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

އެމްޖޭއޭއިން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ހޯމް މިނިސްޓަރު އަބްދުﷲ އިމްރާން އަދި ފުލުހުންގެ އިސް ފަރާތްތަކުން މި މައްސަލަ ބަލައިދިނުމަށް ގޮވާލާފައެވެ. އަދި ނޫސްވެރިންނަށް ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމުކޮށްދިނުމަށް އެދިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް