އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ވިދާޅުވީ މިހާރު ދަރިވަރުން ދެ ހާލަތެއްގައި އެސެސް ކުރެވޭ ކަމަށެވެ.
ގަދަ ދިހައެއް އަދި ސްކޯލަޝިޕަކީ ކުދިން ވަރަށް ބުރަ މަސައްކަތުން ހާސިލް ކުރާ ފުރުސަތެއް ކަމަށްވާއިރު ޓީޗާ ބޭސް އެސެސްމެންޓް ހަދާ ކުދިންނަށް މިކަންކަމުގައި އެޑިއުކޭޝަނުން ނުބަލާނެތީ މިނިސްޓަރު އެދެލައްވަނީ ވީހާ ވެސް ގިނަ ދަރިވަރުން އޮކްޓޯބަރު/ނޮވެންބަރުގެ އިމްތިހާނުގައި ބައިވެރިވުމަށެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު އެޑެކްސެލްއާ މަޝްވަރާ ކުރުމަސް ފަހުގައި އެޕްރީލް/މޭ ގެ އޭލެވެލް އެގްޒާމް ސެޝަންގައި ބައިވެރިވާ ދަރިވަރުންނަށް ދެ ގޮތެއް ހުށައެޅުމަށް ނިންމާފައިވާކަމަށެވެ.
އޭގެ ތެރެއިން އެއްގޮތަކީ އެ ދަރިވަރުން ބޭނުންނަމަ މިހާރު ކުރިއަށްދާ އިމްތިހާނުން ވަކިވެ، އޮކްޓޯބަރ/ނޮވެމްބަރު އިމްތިހާނުގައި ބައިވެރިވުމެވެ. އަދި އެފުރުސަތު މިހާރު ދަރިވަރުންނަށް ހުޅުވާލާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ކުރިއަށްދާ އިމްތިހާނުގެ ޕޭޕަރުތަށް ލީކުވުމުން މި އިމްތިހާނު ސައްހަކަށް މިހާރު ވަނީ ގެއްލިފައި ކަމަށެވެ. އެހެންކަމުން މެއި/ޖޫން ގައި އިމްތިހާނު ނިންމާލަން ބޭނުންވާ ކުދިންނަށް އޮތް ގޮތަކީ ޓީޗާ ބޭސްޑް އެސެސްމެންޓަކުން ގްރޭޑްތައް ކަނޑައެޅުން ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.
އޭއެސް/އޭލެވެލް އިމްތިހާނު އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ފަށާފައި ވާއިރުގައި އެ އިމްތިހާނު ގިނަ ޕޭޕަރުތަކެއް ވަނީ މިހާރު ލީކްވެފަ އެވެ.