ސީއެންއެމް އަށް ވަރަށް އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާގޮތުގައި މިނިސްޓަރު ޒަހާ މަގާމުން ވަކިކޮށްފަވާކަން އަންގާފައިވަނީ މިރޭ 12 ޖެހިއިރު ރައީސް އޮފީހުގެ ފޯން ކޯލަކުންނެވެ.
އަދި ފިޝަރީސް މިނިސްޓަރުގެ މަގާމުން ވަކިކުރުމަށްފަހު ރައީސް އޮފީހުގެ ޕީއޯގެ މަގާމަށް ޒަހާ އައްޔަންކުރުމަށް ނިންމާފަވާކަމަށް ވެސް ސީއެންއެމްއަށް ވަނީ މައުލޫމާތު ލިބިފައިވެއެވެ.
މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުންދާ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތަކަށް މިސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ނުކުރެވި، މަސްވެރިންނަށް ދޭންޖެހޭ ހިދުމަތްތައް ނުދެވިވާތީ، މިނިސްޓަރުކަމުގެ ޒިންމާ އެންމެ ފުރިހަމައަށް އަދާނުކުރައްވާ ކަމަށް ބުނެ މަޖިލީހުގެ ތަަޅަމަށް އެތައް ފަހަރަކު މިނިސްޓަރު ހާޒިރުކޮށްފައިވެއެވެ.
އަދި އިތުބާރުނެތްކަމުގެ މައްސަލަވެސް މީގެ ކުރިން ވަނީ މަޖިލީހަށް ވައްދާފައެވެ.
ޒަހާ މަގާމުން ވަކިކޮށްފައިމިވަނީ، މިފަހުން މިނިސްޓްރީތަކުގެ ހިންގުމަށް މުހިއްމު ބަދަލުތަކެއް ގެންނަވާނެކަން، މިސަރުކާރު ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުގެ ލީޑަރުންނަށް ސިޓީއަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންގަވާފައިވާ ދަނޑިވަޅެއްގައެވެ.
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް، އަލީ ޒާހިރު ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ބުނެފައިވަނީ ބައެއް މިނިސްޓްރީތަކުގެ ހިންގުމަށް މުހިއްމު ބަދަލުތަކެއް ގެންނަނީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ވީހާ ވެސް އަވަހަކަށް ފުއްދައި ރައްޔިތުން ބަލައިގަންނަ ފަދަ މަސައްކަތްތަކަށް ހެދުމަށް ކަމަށެވެ.
ސަރުކާރުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނެއުމަށް ރައީސް އޮފީހުން މަޝްވަރާތައް ކޮށްފައިވާއިރު، ޒަހާގެ އިތުރުން ކޯލިޝަންގައި ހިމެނޭ އިތުރު ވަޒީރުންތަކެއްވެސް މަގާމުން ވަކިކުރަން ނިންމާފައިވާކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.
އެގޮތުން ދެން މި ލިސްޓުގައި އޮތީ އެމްއާރްއެމްގެ ސްލޮޓްގައި ހަޔާ އެޑިޔުކޭޝަން މިނިސްޓަރުގެ މަގާމްގައި ހުންނެވި އިބްރާހިމް ހަސަން (ޗަބީ) އާއި، ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި އެންވަޔަރަމެންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. ހުސައިން ރަޝީދު ހަސަން އެވެ.
އެހެންނަމަވެެސް މިކަމާއި ގުޅޭގޮތުން އަދި ރަސްމީކޮށް އެއްޗެއް އަންގާފައެއް ނުވެއެވެ.