ads
ރައީސް ސޯލިހް އާއި ފިޝަރީޒް މިނިސްޓަރުކަމުގެ މަގާމުން ވަކިކުރި ޒަހާ
ވަޒީރުން ވަކިކޮށް ނަތީޖާ ނެރެވޭވަރުގެ ވަޒީރުން އައްޔަނު ކުރެވިދާނެބާ؟
ކޮންމެ ސަރުކާރަކުންވެސް ވެރިކަމާ ހަވާލުވެ ދައުރުގެ މެދުތެރެއިން ބޮޑެތި މަގާމުތަކުގައި ތިބޭމީހުން ބަދަލުކުރުމީ ފެންނަ މަންޒަރެކެވެ.

އެގޮތުން ރައީސް ޔާމީނުގެ ސަރުކާރުގައިވެސް މިމަންޒަރު ވަނީ ވަރަށް ސާފުކޮށް ދިވެހީންނަށް ފެނިގެން ގޮސްފައެވެ. އެއް ދައުރެއްގެ ތެރޭގައި ރާއްޖެ ނުދެކޭހާ ގިނަ ނައިބު ރައީސުން އެދައުރުގެ ތެރޭގައި އަޅުގަނޑުމެން ދުށީމެވެ. އެއިން ކޮންމެ ބަދަލަކާއެކުވެސް އުންމީދު ކުރެވިގެން ދިޔައީ ހެޔޮ ބަދަލު ތަކެއް އަންނާނެ ކަމަށެވެ. 

މިސަރުކާރުގެ ފަރާތުންވެސް މި ފެންނަނީ ހަމަ އެ މަންޒަރެވެ. ގިނަ ޕާޓީތަކެއް ހިއްސާވާ މިވެރިކަމުގައި އެކި ޕާޓީތަކުން ގެނައި މިނިސްޓަރުން މިހާރު ކަމުނުގޮސް، ބައެއް މިނިސްޓަރުން ވަކި ކުރަން މިވަނީ ފަށާފައެވެ.

އެގޮތުން ރޭ އިވިގެންދިޔަ ވާހަކައަކީ އެމްއާރްއެމްގެ ސްލޮޓެއްގައި ފިޝަރީޒް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޒަހާ ވަހީދު އެ މަގާމުން ވަކިކުރި ވާހަކައެވެ. 

ރޭގެ ވަގުތެއްގައި ޒަހާ މަގާމުން ވަކި ކުރެވިފައި ވާއިރު، މީގެ ކުރިން ޒަހާއަށް ވަނީ ގިނަ އިންޒާރުތަކެއް ދީފައެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުންދާ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތަކަށް މިސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ނުކުރެވި، މަސްވެރިންނަށް ދޭންޖެހޭ ހިދުމަތްތައް ނުދެވިވާތީ، މިނިސްޓަރުކަމުގެ ޒިންމާ އެންމެ ފުރިހަމައަށް އަދާނުކުރައްވާ ކަމަށް ބުނެ މަޖިލީހުގެ ތަަޅަމަށް އެތައް ފަހަރަކު މިނިސްޓަރު ހާޒިރުކޮށްފައިވެއެވެ. 

އަދި ޒަހާގެ އިތުބާރުނެތްކަމުގެ މައްސަލަވެސް މީގެ ކުރިން ވަނީ މަޖިލީހަށް ވައްދާފައެވެ.  

ޒަހާ މަގާމުން ވަކި ކުރުމުން އުފެދޭ އެންމެ ބޮޑު އެއްސުވާލަކީ މީގެ ސަބަބުން ހެޔޮ ބަދަލުތަކެއް މަސްވެރިކަމާ ދަނޑުވެރި ކަމުގެ ސިނާއަތަށް އައިސްދާނެތޯއެވެ. ނުވަތަ އަނެއްކާވެސް ހަމަ މާޒީ ތަކުރާރު ވާނީތޯއެވެ. 

ރައީސް ޔާމީނުގެ ސަރުކާރުގައިވެސް އެއް ނައިބަކަށްފަހު އަނެއް ނައިބަކާ މަގާމު ހަވާލު ކުރަމުންދިޔަ ނަމަވެސް އާހިރަތުގައި ފެންނަން އޮތީ ހަމަ އެންމެ ހަގީގަތެކެވެ. އަލަށް މަގާމަށް ގެނައި އެއްވެސް ނައިބު ރައީސެއް ކަމުދާނެ ހަމަ އެއްގޮތެއްވެސް ނުފެނުނެވެ. ދެއިރު ދެދަޅައަށް ނައިބުން ބަދަލުކޮށްގެންވީ އެއްވެސް ފައިދާއެއްވެސް ނެތެވެ. 

ނައިބުން ބަދަލުކޮށްގެންވެސް މާބޮޑު ތަފާތެއް ފެނިފައި ނުވާއިރު މިސަރުކާރުން މިނިސްޓަރުން ބަދަލު ކޮށްގެން ތަފާތު ފެންނާނެ ކަމާމެދު މިހާރު ސުވާލު އުފެދެއެވެ. ނުވަތަ މިއީ ދިވެހި ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި، ވަކި ބަޔަކު ބޭނުންވާ މަގުސަދުތަކެއް ހާސިލުކުރަން އެމީހުން ބޭނުންވާ މީހުން ތަކަކަށް ވަޒީފާދޭން ކުރާ ކަމެއްތޯ މިއީވެސް މިއަދު އިފެދޭ ސުވާލެކެވެ. 

މިނިސްޓަރު ޒަހާއަކީ ތައުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ބަލާނަމަވެސް މިނިސްޓްރީ ތެރޭގައި ފުންނާބު އުސް ކަނބަލެކެވެ. އެގޮތުން 1989 ވަނަ އަހަރު ފިޝަރީޒް މިނިސްޓްރީގެ މެރިން ރިސާޗު ސެކްޝަންގައި ޓްރެއިނީއެއްގެ މަގާމުން ފެށިގެން މިއަދާ ހަމައަށް ޒަހާ ވަނީ މިނިސްޓްރީގައި ގިނަ މަގާމުތަކެއް ފުރުއްވާފައެވެ.

ނަމަވެސް މިވާހަކައަކީ އަދި މިހާހިސާބުން ނިންމާލެވޭނެ ވާހަކައެއް ނޫނެވެ. ތައުލީމާއި ތަޖުރިބާގެ ގޮތުން ކިތަންމެ ފުންނާބު އުސް ކަމުގައި ވިއަސް މިނިސްޓަރުގެ މަސްއޫލިއްޔަތުތައް އަދާ ނުކޮށްގެން މަޖިލީހަށްވެސް ވަނީ އެތައް ފަހަރެއްގެ މަތިން ހާޒިތު ކޮށްފައެވެ. 

ހަމައެހެންމެ މިނިސްޓަރުގެ މަސްއޫލިއްޔަތުތައް އަދާ ނުކޮށްގެން އެކަމާ ޝަކުވާކުރާ ދަނޑުވެރިންނާ މަސްވެރިންވެސް މަދެއް ނޫނެވެ. ކަންނެލި ދޯނިތަކުން ބާނާ މަސްތައް ދެރަ އަގުތަކުގައި ވިއްކަން ޖެހުމުން އެމީހުންނަށް ލިބޭ ނަފާވެސް ވަނީ ދަށްވެފައެވެ. 

ގަސް ހައްދަން ބޭނުންކުރާ ބޭސް ވެސް އެހާ އަގު ބޮޑު. ދަނޑުވެރިންނަށް ސަބްސިޑީ ދޭނަމޭ ބުންޏަސް އަގު ހެވެއް ނުވޭ. އަގު ވަނީ ހައްތާ ބޮޑު - ދަނޑުވެރިއެއް

ދަނޑުވެރިންނާ މަސްވެރިންގެ ފަރާތުން މިފަދަ ޝަކުވާތައް މިއަންނަނީ ހަމަ ހަގީގަތުގައިވެސް މިނިސްޓަރުގެ ވާޖިބުތައް އަދާ ނުކުރާތީތޯ ނުވަތަ މިނިސްޓަރުގެ މަސައްކަތްތައް ލަސްވުމުގެ ސަބަބުންތޯ މިއީ ބަލަން ޖެހެ ކަމެކެވެ. ނުވަތަ މިމައްސަލަތައް ހައްލު ނުވަނީ މިނިސްޓަރުގެ މަސައްކަތްތަކަށް ބޭނުންވާ އެއްބާރުލުން ސަރުކާރުގެ ފަރާތުން ނުލިބޭތީތޯ ވެސް ބަލަން އެބަ ޖެހެއެވެ. 

ދަނޑުވެރިންނަށް ސަބްސިޑީ ދިނުމަށް މިނިސްޓަރު ނިންމި ކަމުގައި ވިޔަސް އެކަމަށް ބޭނުންވާ ފަންޑު ފޯރުކޮށްދޭނީ ސަރުކާރުންނެވެ. ސަރުކާރުގެ ފަރާތުން އެއްބާރުލުން ނުލިބޭނަމަ މިނިސްޓަރުގެ މަސައްކަތްތައް ކުރިއަކަށް ނުގެންދެވޭނެއެވެ. 

ސަރުކާރުގެ ފަރާތުން އެކަށިގެންވާ ވަރަށް އެއްބާރުލުން ލިބޭތޯއާ، އެކަމަނާ މަގާމުން ދުރުކުރެވުނު ގޮތާ ބެހޭގޮތުން މައުލޫމާތު ހޯދުމަށް ޒަހާއަށް ގުޅުމުން އެކަމަނާ ވިދާޅުވީ އެކަމާ ސުވާލުކުރުން އެންމެ ރަނގަޅުވާނީ ސަރުކާރަށް ކަމަށެވެ. 

ދެއިރު ދެދަޅައަށް މިނިސްޓަރުން ބަދަލު ކުރަމުން އަންނަ އިރު ދެން މިނިސްޓަރުގެ މަގާމަށް އަންނަ މީހެއްގެ ފެންވަރާ މެދުވެސް ވިސްނާލަން ޖެހޭނެއެވެ. ތައުލީމާއި ތަޖުރިބާގެ ގޮތުންވެސް ފުންނާބު އުސް ޒަހާއަށް ނުވި ކަންތައް ބަދަލުކޮށް ދެން އަންނަ މިނިސްޓަރަކަށް އެކަން ވާނެތޯ މިއީވެސް ބަލަން ޖެހޭނެ ކަމެކެވެ. 

މިނިސްޓަރު ޒަހާ މަގާމުގައި ހުރީ އެމްއެމްއާރުގެ ސްލޮޓެއްގައި ކަމަށް ވާއިރު އޭނާ މަގާމުން ވަކި ކުރުމާމެދު އެޕާޓީގެ ލީޑާޝިޕާ މަޝްވަރާ ކޮށްފައި ނުވާކަމަށް އެޕާޓީގެ އޮފިޝަލަކު ވަނީ ބުނެއެވެ. 

އެހެން ކަމަށްވާނަމަ މިއީ ސިޔާސީގޮތުން ވަކި ބަޔަކު ބޭނުންވާ މަގްސަދުތަކެއް ހާސިލު ކުރުމަށް އެމީހުން ބޭނުންވާ ބަޔަކު މަގާމުތަކަށް ގެންނަން ކުރާ މަސައްކަތެއް ކަމަށްވެސް ވެދާނެ ނޫންތޯއެވެ؟ މަސްވެރިންނާ ދަނޑުވެރިން އެދޭފަދަ ފައިދާތަކެއް މިބަދަލާއެކު ފެނިގެންދާނެބާއެވެ؟

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް