
ކެބިނެޓަށް ގެނައި މި ބަދަލުތައް ހާމަކުރައްވަމުން ރާއިސް އޮފީގެ ތަރުޖަމާނު، މަބްރޫކް އަޒީޒް ވިދާޅުވީ މިއީ ސަރުކާރުގެ ވައުދުތައް ފުއްދުމަށާއި ރައްޔިތުންނަށް ދެވޭ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ގެނެވޭ ބަދަލުތަކެއް ކަމަށެވެ.
މިއަދު މި ގެންނެވި ބަދަލުތަކާއި އެކު ކުރިން އެންވަޔަރަމަންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. ހުސެއިން ހަވާލުވެވާޑައިގަންނަވާނީ ފިޝަރީޒް މިނިސްޓްރީއާ އެވެ. އަދި ކުރިން ރައީސް އޮފީހުގެ ސެކެޓްރީ، ޕޮލިސީގެ މަގާމުގައި ހުންނެވި އައިޝަތު ޝައުނާ ހަވާލުވެ ވަޑައިގަންނަވާނީ އެންވަޔަރަމަންޓްއާ އެވެ.
ރައިސް ސޯލިހް ވަނީ މިއަދުން ފެށިގެން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އުވާލަން ނިންމަވާފައެވެ. އަދި އެ މިނިސްޓްރީގެ ޒިންމާތައް އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކޮށްފައެވެ. ސައިންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށް، އޭނާ މަގާމުން ވަކިކުރި ހިސާބުން އެ މިނިސްޓްރީއަށް އިތުރު ބޭފުޅަކު އައްޔަން ކުރައްވާފައެއް ނުވެއެވެ. އަދި އެމިނިސްޓްރީގެ ކަންކަން ވަގުތީ ގޮތުން ބައްލަވަމުން ގެންދެވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ.