ads
ޝަކުވާ
"ހަމަ ހިލާ ތިކަން ވިޔަކަ ނުދޭނަން. ބަލާ ބަލަ، ފޮނިވެފަ އިން ވައްތަރު. ތިމާ ހާ ރީތި މީހަކު ނެތިގެން އުޅޭހެން ހީވަނީ. ހާދަ ރުޅި އާދެއޭ. މި ރޭ ހަނދާން ހުންނަވަރުގެ ލަނޑެއް ދޭންވާނެ." ރުޅި އައިސް ރަތްވެ އިނދެ ހުޔޫން ބުންޏެވެ.
"ހަމަ ހިލާ ތިކަން ވިޔަކަ ނުދޭނަން. ބަލާ ބަލަ، ފޮނިވެފަ އިން ވައްތަރު. ތިމާ ހާ ރީތި މީހަކު ނެތިގެން އުޅޭހެން ހީވަނީ. ހާދަ ރުޅި އާދެއޭ. މި ރޭ ހަނދާން ހުންނަވަރުގެ ލަނޑެއް ދޭންވާނެ." ރުޅި އައިސް ރަތްވެ އިނދެ ހުޔޫން ބުންޏެވެ.

ހައްޔާން ދިޔަތާ އިރުކޮޅެއް ފަހުން އަޒްކާ އައުމުން ނަވްޔާގެ ހާސްކަން ފިލާ ހަމަޖެހެވުނެވެ. ފަރުދާގެ ފުރަގަހުގައި ނަވްޔާއާ ދެކޮޅަށް ރޭވެމުން ދިޔަ ކުޅިގަނޑުގެ ހިލަމެއް ވެސް ނެތި އަޒްކާ ދައްކަމުން ދިޔަ ވާހަކަތަކުން ހީނލަހީނލާ ނަވްޔާ އިނެވެ. އެހެން ތިއްބާ އެ ތަނަށް ޖަޒްވާ އައިސް ނަސީމާ އަޒްކާއަށް ގޮވާ ވާހަކަ ބުންޏެވެ. އަޒްކާ ދިޔުމުން އަނެއްކާ ވެސް އެކަނި ވެފައި އިން ނަވްޔާ ކުއްލިއަކަށް ސިއްސައިގެން ދިޔައީ އެހެންލާފައި ދިޔަ ރޫނާގެ އަތުގައި ހުރި ބަތްކާތަށި އެއްކޮށް ނަވްޔާގެ އުނގުމައްޗަށް ވެއްޓުމުންނެވެ.

"އަޅެ، އައި އެމް ސޯ ސޮރީ، ނަވްޔާ!" ރޫނާ ދެރަވެލާފައި ބުންޏެވެ.

"އެއްވެސް ކަމެއް ނޫން. އަޅާ ނުލާ، ގެއަށް ދާންވީ ކަންނޭގެ ދެން." ލައިގެން ހުރި ހެދުމުގެ މުޅި ތިރީބައިގައި ރިހަ އުނގުޅިފައި ހުރުމުން ހަދާނެގޮތެއް ނޭނގިފައި އިން ނަވްޔާ ކަންބޮޑުވެފައި ބުންޏެވެ.

"ހިނގާ ފާޚާނާއަށް ގޮސް ދޮވެލަން. އަހަރެންވެސް ދާނަން." ރޫނާ ބުންޏެވެ.

ބައެއްފަހަރު ހުޔޫންމެންނާ އެކު އުޅުނު ނަމަވެސް ރޫނާއަކީ ބަސްމަދު މަޑުމައިތިރި މިޒާޖެއްގެ ކުއްޖެކެވެ. ދުވަހަކުވެސް ނަވްޔާއާ ދިމާކޮށް ބެހިހަދާފައެއް ނުވެއެވެ. ހުޔޫންމެން ފެންނަން ނެތީވިއްޔާ ހީނލާ، ވާހަކަދައްކާ ވެސް ހަދައެވެ. ރޫނާ ހަމަ ހަޤީޤަތުގައި ވެސް ކުރެވުނު ކަންތަކާ ދެރަވެ، އެހީތެރިވެދޭން ބޭނުންވެފައި ހުރި ކަމަށް ނަވްޔާއަށް ޤަބޫލު ކުރެވުނީ އެހެންވެއެވެ. ރޫނާގެ ފަހަތުން ހިނގައިގަތީ އެހެން ގޮތެއް ވެސް ނުވިސްނުނީމައާ އެކުއެވެ.

ގޮނޑިތައް ޖަހާފައި ހުރި ސަރަޙައްދާ ތަންކޮޅެއް ދުރުގައި ހުރި ފާޚާނާބަރިއަށް ވަދެ އެތަނުން ސިންކެއް ކައިރިއަށް ހުއްޓިފައި ނަވްޔާ ހެދުން ދޮންނަން ފެށިއެވެ. ނަމަވެސް ރިހަ ހޭކިފައި ހުރީ އުނަގަޑާ ހިސާބުން ކަމުން ދޮންނަން އުނދަގޫ ކަމަކަށްވިއެވެ.

"ނަވްޔާ ފާޚާނާއަށް ވަދެފައި ހެދުން ގެނޭ. އޭރުން ދޮވެލަން ފަސޭހަ ވާނެ." ރޫނާ ބުންޏެވެ.

އެއީ އެންމެ ފަސޭހައިން އެ ކަންތައް ކުރެވޭނެ ގޮތް ކަމަށް ނަވްޔާއަށް ވެސް ހީވުމުން ފާޚާނާއަކަށް ވަދެ ހެދުން ބާލާފައި ފާޚާނާ މަތީގައި އިންނަ ބާގަނޑުން ނަވްޔާ ހެދުން ދިއްކޮށްލިއެވެ. ރޫނާ ހެދުމުގައި ހިފުމާ އެކު ހުޔޫންމެންގެ ހުނުމުގެ އަޑު އިވުނެވެ. ނަވްޔާއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. މި ބެދެވުނު މަޅި ހިތަށްއެރުމާ އެކު މުޅި މޫނު ހުދުވެ، ދެފައިގެ ވަރު ދޫވާން އުޅޭހެން ހީވިއެވެ. ރޫނާއަކީ ނަވްޔާއަށް ހެޔޮއެދޭ ކުއްޖެއްކަމަށް ޤަބޫލުކުރެވުމުގެ މޮޔަހީވިއެވެ. ތާޒާ ކަރުނައިން ނަވްޔާގެ ލޯ ފުރިގެން އައެވެ. ދެން ހަދާނީ ވެސް ކިހިނަކުން ހެއްޔެވެ؟ ފަސޭހަ ގޮތަކަށް ހެދުން ދެން ނުލިބޭނެ ކަން ނަވްޔާއަށް ވެސް އެނގެއެވެ.

"ހެދުން ބޭނުމިއްޔާ ނުކުމޭ." ހުނުން ހުއްޓާލާފައި ހުޔޫން ހަރުކަށިކަން އިޚްތިޔާރު ކުރަމުން ބުންޏެވެ.

ފަސް ޖެހެވުނު ނަމަވެސް އެހެން ގޮތެއް ނެތްކަން އެނގޭތީ ނަވްޔާ ބޭރަށް ނުކުތެވެ. ނަސީބަކުން ހެދުން ތުނިކަމުން ނަވްޔާ ހުރީ އެތެރެއިން ކަޅުކުލައިގެ ޕެޓީކޮޅަކާއި އަންޑަރސްކާރޓެއް ލައިގެންނެވެ. ހުޔޫންއާއި ޖަޒްވާގެ އިތުރުން ދެ ކުއްޖަކު ތިބި އިރު ރޫނާ ފެންނާކަށް ނެތެވެ.

"ޕްލީސް ހުޔޫން، އަހަރެންގެ ހެދުން ގެނޭ." ޖެހިލުންވެފައި ހުރެ ވެސް ނަވްޔާ ބުންޏެވެ.

"އަން، ހިފާ." ވަރަށް ހަމަޖެހިލާފައި ހެދުން ދިއްކޮށްލަމުން ހުޔޫން ބުންޏެވެ.

ނަވްޔާ ގޮސް ހެދުމުގައި ހިފަން އުޅުމާ އެކު ހުޔޫން ހީނގަނެފައި ޖަޒްވާއަށް ހެދުން އެއްލިއެވެ. ޖަޒްވާ ކައިރިއަށް ދާ އިރަށް އެހެން ކުއްޖަކަށް އެއްލައެވެ. އެ ކުދިން ހެމުން މި ސަކަރާތް ޖެހިއިރު ނަވްޔާ ހުރީ ރޮވެން ކައިރިވެފައެވެ. އެންމެ ފަހުން ވަރުބަލިވެ ހެދުން އަތު ނުޖެހޭނެކަން ޔަޤީންވުމުން ނަވްޔާ ހުއްޓުނެވެ.

"ހުޔޫން، ކީއްވެ ތިހެން ތި ހަދަނީ؟ އަހަރެން ކޮން ކަމެއް ކޮށްގެން؟ އެހެން އިންސާނަކު ދެރަކޮށްލާ، ނިކަމެތިކޮށްލެވުނީމަ ހިތްހަމަ ޖެހެނީތަ؟" ނަވްޔާ ލޮލުން ކަރުނަ ފޮހެމުން ބުންޏެވެ.

އެހެން ފަހަރުތަކުގައި ހުޔޫންމެން ޖެއްސުންކޮށް ހަދާއިރު ނަވްޔާ އެއްޗެކޭ ނުބުނި ނަމަވެސް މި ފަހަރު ނަވްޔާއަކަށް ކެތެއް ނުވިއެވެ. ހުޔޫންމެންގެ ހަނގާކުރުން ހައްދު ފަހަނައަޅާ ދިއުމުން އަމިއްލަ ދިފާޢުގައި ނުކުންނަން ނަވްޔާއަށް މަޖުބޫރު ވެއްޖެއެވެ.

"އައްދެ، ވާހަކަ ދައްކަން ވެސް އެނގޭތަ؟" ހުޔޫން ހިނިގަޑެއް ޖަހާލައިފައި ބުންޏެވެ.

"ކަލޭގެ ފެންވަރު އޮޅުނީމަ މައްސަލައަކީ. މިރޭ ޕާޓީއަށް ތިއައީ ކާކަށް ދެއްކެން ވެގެން؟ ކަލޭ ހަނދާން ކުރައްޗޭ، ތި ކަހަލަ ބައްޕައަކީ ކާކުކަން ނޭނގޭ މުޑުދާރު އަންހެނަކާ އަހަރެންގެ ދޮންބެއަކާ އެކަށީގެނެއްނުވޭ. މީގެފަހުން މަގޭ ދޮންބެއާ ދިމާއަށް ބަލައިލިއަސް ނިމުނީ!" ނަވްޔާއާ ދިމާއަށް އިނގިލި ދިއްކުރަމުން ހުޔޫން ވާހަކަދެއްކިއެވެ.

ހުޔޫންގެ ބަސްތަކުން ނަވްޔާގެ ދުލުގައި ތަޅުލެވުނު ކަހަލައެވެ. އެ ބަސްތަކުގެ ދިލަ ހޫނުން ހިތުގައިވާ ޒަޚަމްތައް އިތުރަށް ފުންވެއްޖެއެވެ. ހުރި ތަނަށް ތިރިވެވުނީ އަމިއްލަ ހިމާޔަތުގައި އެއްޗެއް ބުނަން ސިކުނޑި ނުކުޅެދުނީތީއެވެ.

'އޭ ދެން ހިނގާ ދާން. މިތާ ތިބެގެން އަހަރެމެންގެ މުޅި ރޭ ޚަރާބުވުން ނޫން ކަމެއް ނުވާނެ. މިހާރު ހުންނާނީ އެއްޗެއް ވިސްނިފަ." ޖަޒްވާ ބުންޏެވެ.

"އާން ހިނގާ ދާން. އޭގެ ކުރިން ހެދުން ދޮވެދެން ޖެހޭނެއެއްނު." ނުލަފާ ފާޑަކަށް ހިނިއައިސްފައި ހުޔޫން ބުންޏެވެ.

މިހެން ބުނެފައި ނަވްޔާގެ ހެދުން ސިންކަށް ލާފައި ހުޔޫން އިސްކުރުދޫކޮށްލިއެވެ. ހެދުން އެއްކޮށް ތެމުމުން ނަގާފައި ބިންމައްޗަށް އެއްލައިލުމަށް ފަހު އެއަށް ފައިން އަރާ ކާއްތަން ފެށިއެވެ. އެހެން ކުދިން ވެސް މި ބީދައިން ކަންތައް ކޮށްފައި ދިޔައިރު އަނެއްކާ ވެސް ހެދުން ކިލާގުޅައަކަށް ވެއްޖެއެވެ. ހުޔޫންމެން ފާޚާނާއިން ނުކުތުމުން ނަވްޔާ އަވަސްއަވަހަށް ގޮސް ހެދުން ނެގިއެވެ. ކޮންމެ ގޮތަކަށް އޮތަސް ނަވްޔާ ބޭނުންވީ ހެދުން ލައިގެން ހަށިގަނޑު ނިވާ ކުރުމަށެވެ. ހެދުން ލައިގެން ނުކުންނަން ދޮރުގައި ހިފި ވަގުތު އަނެއްކާވެސް މޫނަށް ކަންބޮޑުވުމާއި ހާސްކަމުގެ ކުލަވަރު ފާޅުވީ ބޭރުން ދޮރު ތަޅުލާފައި ހުރިކަން އެނގުމުންނެވެ. ނަވްޔާ ރޮމުން ދޮރުގައި ތެޅިއެވެ. ނަމަވެސް އެ އަޑު އިވޭ ހިސާބުގައި އެކަކު ވެސް ނެތެވެ.

ހުޔޫންމެން ފާޚާނާއިން ނުކުމެގެން އައި އިރު ނަވްޔާ ނާންނާތީ ރޫނާ ކަންބޮޑުވިއެވެ. ރޫނާއަށް ނަވްޔާ އިތުބާރުކުރާނެކަން ރޫނާއަށާއި ހުޔޫނަށް ވެސް އެނގެއެވެ. އެމީހުންގެ ރޭވުމާ އެއްގޮތަށް ކަންތައް މަގުފަހި ކުރުމަށް ހުޔޫން، ރޫނާ އިޚްތިޔާރުކުރީ އެހެންވެއެވެ. ހިތާ ދެކޮޅަށް ރޫނާ އެކަމަށް އެއްބަސްވީ ނަވްޔާއަށް މާ ބޮޑު ހަސްކާއެއް ނުބާލާނެކަމަށް ހުޔޫން ވަޢުދުވުމުންނެވެ. ބުނާގޮތަށް ކަންތައް ނުކޮށްފިނަމަ އެ ގްރޫޕުން ރޫނާ ބޭރުކުރާނެކަމުގެ އިންޒާރު ވެސް ދިނުމުންނެވެ.

"ކޮބާ ނަވްޔާ؟" ރޫނާ ޖެހިލުންވެފައި އަހައިލިއެވެ.

"ހަމަޖެހިބަލަ ރޫނާ، މިރޭ ނަވްޔާ ނިދާނީ ވަރަށް އަރާމު ތަނެއްގައި." ހުޔޫން ހީނލާފައި ބުންޏެވެ.

"ތި ބުނީ؟ ކޮބާ ނަވްޔާގެ ހެދުން؟ ބުނީމެއްނު ނަވްޔާ ފާޚާނާއިން ނުކުތީމަ ދޭނަމޭ." ރޫނާއަށް ހެދުނު ގޯހުގެ އިހުސާސް ކުރެވެން ފެށިއެވެ.

"ދީފީމޭ. ދެން ހިނގާބަލަ ފޮނި އެއްޗެއް ކެވޭތޯ." ހުޔޫން ބުންޏެވެ.

ގޮވީ ކީއްކުރަން ކަމެއް ނުބުނި ނަމަވެސް މަންމަގެ ކިބައިން އަޒްކާއަށް ސަލާމަތްވެވުނީ އެތައް އިރެއް ފަހުންނެވެ. ނަވްޔާ ނުފެނިގެން އަޒްކާ އުޅެން ފެށުމުން ހެދުމަށް ރިހަ އެޅިގެން ގެއަށް ދިޔައީ ކަމަށް ޖަޒްވާ ބުންޏެވެ. ނަވްޔާގެ ގޮތް އެނގޭތީ ދެން ޕާޓީއަށް ނާންނާނެކަން އަޒްކާއަށް ޔަޤީންވިއެވެ.

ލައިގެން ހުރި ތެތް ހެދުމުން ނަވްޔާއަށް ފިނީގެ އަސަރުކުރަމުން ދިޔައެވެ. ނަމަވެސް އެއަށް ވުރެ ހިތަށްކޮށްފައިވާ އަސަރު މާ ބޮޑެވެ. މިހާ ބޮޑު ސަޒާއެއް މި ލިބެނީ ހަމައެކަނި ހައްޔާނާ ވާހަކަދައްކާލީތީ ހެއްޔެވެ؟ އޭނާއަށް އެ ވަރު ވެސް ހައްޤު ނޫނީ ހެއްޔެވެ؟ އެ ކުދިންގެ ހިތުގައި ރަހުމެއް، ހަމްދަރުދީގެ ކަންފުޅެއް ވެސް ނެތީ ހެއްޔެވެ؟ ދޮރުގައި ތަޅާތަޅާ އަތް ރަތްވެ، ދުޅަވިއިރު ވެސް އެއްވެސް އަލި މަގެއް ނުފެނުނެވެ. ފޯނެއް އޮތް ނަމައޭ އެތައް ހާސް ފަހަރު ނަވްޔާ ހިތަށްއެރިއެވެ. ގިނައިރު ވީ ވަރަކަށް ނަވްޔާ ނޭވާ ކުރުވެ ހާސް ވަމުން ދިޔައެވެ.

ނަވްޔާ ނުކުމޭތޯ އިރުއިރުކޮޅާ އެދިމާ ރޫނާ ބަލާތީ ފާޚާނާ ތަޅުލި ވާހަކަ އެންމެ ފަހުން ޖަޒްވާ ބުންޏެވެ. އަދި ގެއަށް ދިޔުމުގެ ކުރިން ދާނީ ހުޅުވާފައި ކަމުގައި ބުނުމުން ރޫނާ ކުޑަކޮށް ހަމަޖެހުނެވެ. ނަމަވެސް ޕާޓީން ނުކުމެގެން ދިޔައިރު ނަވްޔާ މަތިން އެކަކަކު ވެސް ހަނދާނެއް ނެތެވެ. ނުކުމެނުކުމެ ހުރެފައި ރޫނާ ހަނދާން ވެގެން އެ ވާހަކަ ބުނުމުން ވެސް ހުޔޫންމެން އަޅާ ވެސް ނުލިއެވެ.

ޖެހިފައިވާ ދަންތުރައިން ސަލާމަތްވޭތޯ ދުޢާކުރަމުން ނަވްޔާ ވަށައިގެން ހޯދާ ބަލަމުން ދިޔައީ ދޮރު ހުޅުވޭނެ ކަހަލަ އެއްޗެއް އަތު ޖެހޭތޯއެވެ. އެ ވަގުތު ސިންކާ ދިމާލުން މަތީގައި އިން ކުޑަދޮރު ލޮލުގައި އަޅައިގަތެވެ. ނަވްޔާ ބަލާކަށް ނުހުރެ ސިންކުގެ މައްޗަށް އެރޭތޯ އުޅުނެވެ. ކުޑަދޮރުން ބޯ ދިއްކޮށްގެން ނަމަވެސް މީހަކަށް އިޝާރާތެއް ވޭތޯ ބެލުމަށެވެ. ސިންކުގެ މައްޗަށް އަރާފައި ކުޑަދޮރު ހުޅުވާލަން މަކުޑިގަނޑަށް ދަމާލި ވަގުތު ނަވްޔާގެ ފައި ކައްސާލައިގެން ވެއްޓެން ދާން ފެށިއެވެ. އެ ވަގުތު ނަވްޔާގެ ހަޅޭކުގެ އަޑު ފާޚާނާއިގެ ތެރެއަށް ފެތުރިގެން ދިޔައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް