ads
އަހުމަދު ސަލީމު
އަހުމަދު ސަލީމް: 43 އަހަރު ގައުމީ ޔުނިވާސިޓީގެ ހިދުމަތުގައި
ގައުމަށްޓަކާ، ދީނަށްޓާކާ ހިދުމަތްކޮށް ދޭ މީހުންނަކީ އަބަދު ވެސް މުޖްތަމައު ވަރަށް ބަލައިގަންނަ ބައެކެވެ. އަދި ވަކިން ހާއްސަކޮށް މިފަދަ ދާއިރާތަކުގައި ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މީހުންނާއި މެދު އަޅުގަނޑުމެންގެ ހިތުގައި އުފެދިފައި އޮންނަނީ ތަފާތު އިހުސާސެކެވެ. އެމީހަކަށް ކުރާ ގަދަރާއި، ދެވޭ އިއްޒަތް ބޮޑުވެ، އިތުރުވެގެން ދެއެވެ.
Advertisement

މިފަހަރު މި ބަލާލަނީ ވެސް ހަމަ އެފަދަ ހީވާގި، އަދި އެހާމެ އިހްލާސްތެރި ބޭފުޅަކަށެވެ. އެތައް ހިދުމަތްތަކެއް ކޮށްދެއްވާފައިވާ، އަދި ވަކިން ހާއްސަކޮށް ގައުމީ ޔުނިވާސިޓީއަށް ގިނަ ދުވަހު އެބޭފުޅެއްގެ ހިދުމަތް ލިބިގެން ގޮސްފައިވާ އަހުމަދު ސަލީމެވެ.

މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް 19 ފަދައިން އޭރުގައި އޮތް ކޮލެރާ ބަލިމަޑުކަމުގައިވެސް އެންމެ އިސްކޮށް ރައްޔިތުންނަށް ފަރުވާ ދިނުމުގައި އުޅުއްވި އެއްބޭފުޅަކީ ސަލީމެވެ. 

މާ ބޮޑު ވަސީލަތެއް ނެތި، އެކަނި މާއެކަނި ގިނިކަންޏާ، ރަށްރަށުގައި ރައްޔިތުންގެ ހިދުމަތުގައި އެބޭފުޅާ ވަނީ ހިދުމަތް ކޮށްދެއްވާފައެވެ. ފަރުވާ ދެމުންދަނިކޮށް އެތަކެއް މީހުން، އަތްމަތީގައި ދުނިޔެދޫކޮށް ގޮސްފައިވާއިރު ވެސް ހިތްވަރާއިއެކު ގައުމަށް ހިދުމަތް ކޮށްދެއްވި ގައުމީ ބަތަލެކެވެ. 

ސަލީމު ވަނީ ދިވެހިރާއްޖެގެ ގައުމީ ޔުނިވާސިޓީއަށް 43 އަހަރު ހިދުމަތް ކޮށްދެއްވާފައެވެ. ޔުނިވާސިޓީގައި މަސައްކަތް ކުރުމުގެ ކުރިން އެބޭފުޅާ ވަނީ ތަފާތު އެކި ގޮތްގޮތުން ގައުމަށް ފައިދާ ކުރުވަނިވި އެތައް މަސައްކަތެއް ކޮށްފައެވެ.

އެގޮތުން ސަލީމު އެންމެ ފުރަތަމަ ސިއްހީ ދާއިރާއަށް ގުޅިވަޑައިންނެވީ ސިއްހީ ދާއިރާއަށެވެ. އެއީ 1970 ވަނަ އަހަރުގައި ޑަބްލިއުއެޗްއޯގެ ޑޮމެސްޓަރީ ވޯކަރެއްގެ ގޮތުގައެވެ. އަދި އެތަނުގައި ދެ އަހަރާއި ބައިވަންދެން ސަލީމު ވަނީ ސިއްހީ ދާއިރާގައި މަސައްކަތް ކޮށްފައެވެ. 

ދާއިރާއިން އިތުރަށް ކުރިއަށްދިއުމުގެ ޝައުގުވެރިކަން ހުރުމުން ސަލީމު ނިންމީ ސިއްހީ ދާއިރާއިން އިތުރަށް އުނގެނުމަށެވެ. އެހެންކަމުން އިތުރު ވަޒީފާއަކަށް ދިއުމުގެ ކުރިން ސަލީމު ވަނީ ހެލްތު ވޯކަރުކަން ކިޔަވާފައެވެ. 

އެއަށްފަހު، 1975 ވަނަ އަހަރުގައި ރާއްޖެތެރޭ އެކި ރަށްރަށުގައި ހެލްތު ވޯކަރެއްގެ ގޮތުގައި ސަލީމް ވަނީ މަސައްކަތް ކުރަން ފަށާފައެވެ. އެގޮތުން ތިން ރަށެއްގެ ހެލްތު ސެންޓަރުގައި ސަލީމު މަސައްކަތް ކޮށްފައި ވާއިރު، އޭރުގައި އުޅެން ޖެހުނީ ވަރަށް ދަތި ހާލުގައިކަން ސަލީމު ފާހަގަ ކުރިއެވެ. 

އޭނާ ސިފަ ކޮށްދީފައިވާ ގޮތުގައި އޭރު އޭނާ މަސައްކަތް ކުރީ "ވަންމޭން އާމީ" އެއްގެ ގޮތުގައި، ހުރިހާ ކަމެއްވެސް އަމިއްލައަށް ހަމަ ޖައްސައިގެންނެވެ. ނުވިތާކަށް މަސައްކަތް ކުރަން ޖެހިފައިވާ ތަންކޮޅު ކުޑަކަން ފާހަގަ ކުރަމުން އޭނާ ބުނީ "ހުރިހާ މަސައްކަތެއް ކުރަން ޖެހެނީ 10 ފޫޓު ބާރަ ފޫޓުގެ ކުޑަ ކޮޓަރިއެއްގައި" ކަމަށެވެ.

ހެލްތު ސެންޓަރު ތަކުގައި ތިން އަހަރު މަސައްކަތް ކޮށްފައިވާއިރު، އެންމެ ދަތިވި ކަމަކީ ބޭނުންވާ ވަސީލަތްތަކާއި ސާމާނު ނެތުން ކަން ފާހަގަ ކުރަމުން ސަލީމު ބުނީ، މީހުން ވިއްސުން ފަދަ ކަންތައް ވެސް ކުރަނީ ހުސް އަތާ ކަމަށާއި، އަންގި އާއި ސިރިންޖު ފަދަ ތަކެއްޗަކީ އޭރު އެމީހުން ލޮލުންވެސް ނުދެކޭ ތަކެތި ކަމުގައެވެ. 

ރާއްޖޭގައި ސިއްހީ ދާއިރާ އިތުރަށް ފުޅަކޮށް، މީހުން ތަމްރީނު ކުރުމުގައިވެސް ސަލީމު ވަނީ އިސް ދައުރެއް އަދާކޮށްފަ އެވެ. އެގޮތުން ރާއްޖެއަށް ޕްރައިމަރީ ހެލްތު ކެއާ ތައާރަފު ވުމާއިއެކު، 1978 ވަނަ އަހަރުން ފެށިގެން އޭނާ ވަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފެމިލީ ހެލްތު ވޯކަރުން ތަމްރީނު ކުރުމުގެ މަސައްކަތުގައި އުޅެފައެވެ. 

އެހިސާބުން ފެށިގެން ސިއްހީ ދާއިރާއަށް މީހުން ތަމްރީނު ކުރުމުގެ މަސައްކަތުގައި އުޅުނު ސަލީމު ވަނީ ފެކަލްޓީއޮފ ހެލްތުގައި ގިނަ ދުވަސްތަކެއް މަސައްކަތްކޮށް، އެސޯސިއޭޓް ލެކްޗަރާއެއްގެ މަގާމުވެސް ފުރާފައެވެ. މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން ކިޔަވާށޭ ބުނާ ބީދައިން، އުނގަންނައިދެމުން ދިޔައިރުވެސް ސަލީމު ދިޔައީ އުނގެނެމުންނެވެ. އެގޮތުން އޭނާ ވަނީ އެދުވަސްވަރުގައި ގިނަ ކޯސްތަކެއް ފުރިހަމަ ކޮށްފައެވެ. 

ސިއްހީ ހިދުމަތުގެ ދިގު ދަތުރުގައި ސަލީމަށް އެންމެ ފާހަގަ ކުރެވޭ ކަންތައް

އެއް ދާއިރާއެއްގައި ގިނަ ދުވަހު މަސައްކަތް ކުރާއިރު، ހަނދާނުން ނުފިލާނެ ގިނަ ހަނދާންތަކަކާއި، ތަޖުރިބާތަކެއް ހުންނާނެކަން ގައިމެވެ. ދިވެހިރާއްޖެއަށް ކުރިމަތިވި އެންމެ ބޮޑު އެއް ވަބާ ކަމުގައިވާ ކޮލެރާގެ ބަލިމަޑު ކަމަކީ އޭނާގެ މުޅި ސިއްހީ ހަޔާތުގައިވެސް އެންމެ ހަނދާންވާ ދުވަސްތައް ކަމަށް ސަލީމު ފާހަގަ ކުރިއެވެ.

ކޮލެރާ އެންމެ ބޮޑަށް ފެތުރިފައިވާ ޅ. ހިންނަވަރުގައި ސަލީމު މަސައްކަތް ކުރަން ޖެހުނުއިރު، އެރަށުން ގާތްގަނޑަކަށް 400 އެއްހާ މީހުންނަށް ބަލިޖެހި، 32 މީހަކު ވަނި މަރުވެފައެވެ. ސިއްހީ އެހީތެރިކަން ފޯރުކޮށްދޭ ޓީމު އައުމުގެ ކުރިން މުޅި ރަށުގެ ސިއްހީ ހުރިހާ ކަމެއް ބަލަން ޖެހުނީ އޭނާ އެކަންޏެވެ. 

މިދުވަސްވަރުގައި މީހުންނަށް ވެކްސިން ދޭން އުޅުނު ހަނދާނަކީ ވެސް ފިލައިގެން ނުދާނެ ހަނދާނެއްގެ ގޮތުގައި ސަލީމު ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން ފަޅު ރަށެއްގައި ހުރި ބަޔަކަށް ވެކްސިންދޭން ގޮސް ކަނޑު ގަދަ ވުމުގެ ސަބަބުން އެރަށަށް ނޭރެވުމުން، ވެކްސިން ބޮކްސް ހިފައިގެން ފަތާފައިގޮސް ވެކްސިން ދިން ކަމަށް ސަލީމު ބުނެއެވެ. 

އަދި ރާއްޖޭގައި ޝިގަލޯސިސް ބަލި ފެތުރިގެން އުޅުނު އިރު ދ. ބަނޑިދޫގައި ހޭދަކުރި ދުވަސްތައް ވެސް ސަލީމު ވަނި ފާހަގަ ކޮށްފައެވެ. 

"އެރަށުގަ އޭރު އުޅެނީ 390 މީހުން. އޭގެ ތެރެއިން 320 މީހުންނަށް މިބަލި ޖެހުނު. ދެން މީހަކު މަރުވެގެންވެސް ވަޅުލަންދާނެ މީހަކުވެސް ނުވޭ އޭރު. ޖެހެނީ ކައިރި ރަށްރަށުން އާދޭސް ކޮށްގެން މީހުން ގެންނަން،" -ސަލީމު

ސަލީމުގެ އިތުރުން އެރަށުގައި އޭނައާއެކު މަސައްކަތުގައި އުޅުނީ އިތުރު ތިން ފެމިލީ ހެލްތު ވޯކަރުންނެވެ. އަދި އެރަށު މީހުންގެ ފަރާތުން ބޭނުންވާ އެއްބާރުލުން ނުލިބުމުގެ ސަބަބުން އެރަށުން ބަލި ފިލުވާލަން ގިނަ ދުވަސްތަކަކާއި، ދަތިތަކެއް ކުރިމަތިވި ކަމަށް ސަލީމު ބުންޏެވެ. 

މިފަދަ މަސައްކަތެއްގައި، ގިނަ ބައެއްގެ ބޮދެތި ޒިންމާތަކަކާއި، ފުރާނަތަކެއް އަތަށް ލައިގެން އުޅުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. މަސައްކަތުގެ ތެރޭގައި ހިތާމައާއި ހިތްދަތިކަމާއި ކުރިމަތިލާން ޖެހޭ ދުވަސްތައް ވެސް މަދެއް ނުވާނެއެވެ. އެގޮތުން އޭނާ ފަރުވާދެމުންދިޔަ މީހުންތަކެއް އޭނާގެ ކުރިމަތީގައި ދުނިޔެ ދޫކޮށް ދިއުން އެއީ ވަރަށް ހިތާމަވެރި ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރިއެވެ. 

ނަމަވެސް އެ ހިތްދަތި ވަގުތުގައި ވެސް ހިތްވަރު އެލުވާނުލާ މަސައްކަތް ކުރެވުމުން އުފާ ކުރާ ކަމަށް ސަލީމު ބުންޏެވެ. އަދި ބަލިމަޑުކަމުން އަވަހަށް ސަލާމަތްވި ސަބަބަކީ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ކުރެވުނު ބުރަ މަސައްކަތް ކަމަށް ސަލީމު ފާހަގަ ކުރެއެވެ. 

މައިގަނޑު ގޮތެއްގައި ކިޔަވައިދިނީ ފާމަސީ ދާއިރާއިންކަން ފާހަގަ ކުރަމުން ސަލީމު ފާހަގަ ކުރި ގޮތުގައި އޭނާއަށް ކުރެވުނު މަސައްކަތާއިމެދު އޭނާ ހުރީ ވަރަސް ހިތްހަމަ ޖެހިގެންނެވެ. އެގޮތުން މިހާރު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އޭނާގެ ދަރިވަރުން އެބަތިއްބެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް