ads
ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް-
ޓީމުން ރިއެކްޓު ކުރި ގޮތާ މެދު ހިތްހަމަޖެހޭ: ޝަމާލް
ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރޭދިން ހަމަލާއާއި ގުޅިގެން ސެކިއުރިޓީ ޓީމުން ރިއެކްޓު ކުރި ގޮތާ މެދު ހިތްހަމަޖެހޭ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލު ވިދާޅުވެއްޖެއެވެ.

މިރޭ އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަމާލު ވިދާޅުވީ، އެ ހަމަލާއަކީ ނިރުބަވެރި ހަމަލާއެއް ކަމަށެވެ. އަދި އެ ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައިވެއެވެ.

ޝަމާލް ވިދާޅުވީ، އެފަދަ އަމަލުތައް ކުރާ މީހުން ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި މިފަދަ ކަންކަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށާއި، އަދި ކުރިއަށް އޮތްތާނގައި ކުރަމުން އަންނާނެ ކަމުގެ ޔަގީންކަން، ދިވެހި ސިފައިންގެ ފަރާތުން ޝަމާލް ދެއްވި އެވެ.

މި ބައްދަލުވުމުގައި ޝަމާލް ވަނީ، މި ހާދިސާއާއި ގުޅިގެން ސިފައިންގެ އޮޕަރޭޝަލަން އެސެސްމަންޓު ޓީމުން އަދި އިންސިޑެންޓަލް އެސެސްމަންޓު ޓީމުން ތައްޔާރު ކުރި ރިޕޯޓުތަކުން މިވަގުތަށް ހިއްސާ ކުރެވެން ހުރި މައުލޫމާތުތައް ހިއްސާ ކުރައްވާފައެވެ.

އެގޮތުން މި ހާދިސާ ހިނގުމާއެކު، ރައީސް ނަޝީދުގެ ބޮޑީގާޑުންގެ ގޮތުގައި ރޭ ހަރަކާތްތެރިވި އެމްއެންޑީއެފްގެ ޓީމުން އަމަލު ކުރި ގޮތުގެ ތަފްސީލު ޝަމާލް ހިއްސާ ކުރެއްވިއެވެ.

ޝަމާލް ވިދާޅުވީ، ރައީސް ނަަޝީދަށް ރޭ ހަމަލާ ދީފައިވަނީ، އެމަނިކުފާނު އެހެން ރަށެއްގައި އޮތް ހަފްލާއެއްގައި ބައިވެރިވުމަށް ގެއިން ނިކުމެވަޑައިގެންނެވި އިރު ކަމަށެވެ. އޭރު ގާތްގަނޑަކަށް 8:25 ވާނެ ކަމަށް ޝަމާލް ވިދާޅުވިއެވެ.

އެގޮތުން މި ހަމަލާ ދީފައިވަނީ، 8:27 ހާއިރު، ގައުމީ ދިފާއީ ބާރުގެ ސްޕެޝަން ޕްރޮޓެކްޝަން ގްރޫޕުގެ، ކްލޯސް ޕްރޮޓެކްޝަން ޓީމް (ސީޕީ ޓީމް) ގެ ބޭފުޅުން ރައީސް ނަޝީދާއެކު އެމަނިކުފާނުގެ ގެއިން ނިކުމެ، މަޖީދީމަގުގައި ޕާކުކޮށްފައި އޮތް ކާރަށް ވަޑައިގަންނަވަނިކޮށް ކަމަށް ޝަމާލް ވިދާޅުވިއެވެ.

ނީލޯފަރު ހިނގުމާ މަޖީދީމަގާ ގުޅޭ ކަންމައްޗާ ދިމާލު ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީ ގޮއްވާލާ، ނަޝީދަށް ދިން ނުރައްކާތެރި ވަރުގަދަ ހަމަލާ ދިނުމާއެކު އެމަނިކުފާނު ބިންމައްޗަށް ވެއްޓުން ކަމަށާއި، އެމަނިކުފާނު ވަރަށް ބޮޑަށް ޒަހަމްވި ކަމަށް ޝަމާލް ވިދާޅުވިއެވެ.

މި ހަމަލާގައި އެމަނިކުފާނުގެ ބޮޑީގާޑުން (ސީޕީ ޓީމް) ގެ ބޭފުޅުންނަށް ވެސް އަނިޔާވިކަން ޝަމާލް ފާހަގަ ކުރެއްވިއެވެ. 

ޝަމާލް ވިދާޅުވީ، ރައީސް ނަޝީދު ވެއްޓިވަޑައިގަތުމާ އެކު، އެމަނިކުފާނުގެ ފަހަތުން ވަޑައިގެންނެވި ޕީއެސްއޯ އެމަނިކުފާނު ނަގައިގެން ކާރުކޮޅަށްލީ ކަމަށެވެ. އަދި ޑްރައިވާ އަށް އެވަގުތު ލިބިފައި ހުރި ޝޮކްގެ ސަބަބުން ކާރު ނުދުއްވުމުން، ދެން ހުރި ސެކިއުރިޓީ ވެހިކަލަަށް އެމަނިކުފާނު ނަގައިގެން ގޮސްލީ ކަމަށް ޝަމާލް ވިދާޅުވިއެވެ. އަދި ވަގުތުން ވަގުތަށް އެމަނިކުފާނު ހޮސްޕިޓަލަށް ގެންދެވުނުކަން ޝަމާލް ފާހަގަ ކުރެއްވި އެވެ.

ސިފައިންގެ ސްޓޭންޑަޑް ޕްރޮސީޖާގައި އޮންނާނީ، މިފަދަ ހާލަތްތަކުގައި އެންމެ ކައިރީގައި އޮންނަ ހޮސްޕިޓަލަކަށް ގެންދިއުމަށް ކަމަށާއި، އޭޑީކޭއަށް ގެންދެވުނީ އެގޮތުގެ މަތިން ކަމަށް ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ އޭޑީކޭއަށް ރައީސް ނަޝީދު ގެންދެވުނީ 8:35 ހާއިރު ކަމަށެވެ. އަދި އެ އައިއީޑީ ގޮއްވާލި ކަމަށް ލަފާ ކުރެވެނީ 8:27 ހާއިރު ކަމަށް ޝަމާލް ވިދާޅުވިއެވެ.

ހާދިސާ ހިނގުމަށްފަހު، ރައީސް ނަޝީދު ހޮސްޕިޓަލަށް ގެންދެވުމާ ދޭތެރޭ ހޭދަވީ ގާތްގަނޑަކަށް އަށް މިނެޓާއި ނުވަ މިނެޓާއި ދެމެދުގެ ވަގުތެއްކަމަށް ޝަމާލް ވިދާޅުވިއެވެ. އަދި ޓީމުން މިހާދިސާއަށް ރިއެކްޓު ކޮށްފައިވާ ގޮތާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ޝަމާލް ފާހަގަ ކުރެއްވިއެވެ.

އެގޮތުން އިންޖަރީއާއި، ހަމަލާގެ ޝޮކާއެކުވެސް، ބޮޑީގާޑުންގެ ޓީމުން ރައީސް ނަޝީދަށް އިސްކަން ދެއްވާ، އެމަނިކުފާނާ ވާހަކަދައްކަވާ، އެމަނިކުފާނަށް އެޓެންޑުވިކަން ޝަމާލް ފާހަގަ ކުރެއްވިއެވެ. އަދި އެމަނިކުފާނު އެމަންޖެންސީ ރޫމަށް ގެންގޮސް، އޮޕަރޭޝަން ތިއޭޓަރަށް ގެން ދިއުމާއި ހަމައަށް ހަރަކާތްތެރިވި ކަމަށާއި، ރައީސް ނަޝީދުގެ ބޮޑީގާޑުންގެ ޓީމުގެ ފަރުވާ ފެއްޓުނީ އޭގެ ފަހުން ކަމަށް ޝަމާލް ވިދާޅުވިއެވެ.

މި ހާދިސާގައި، ރައީސް ނަޝީދުގެ ބޮޑީގާޑު ޓީމުން ކުރި މަސައްކަތްތައް ފާހަގަ ކޮށް ޝަމާލް ވިދާޅުވީ، ޓީމުން ރިއެކްޓު ކުރި، އަދި ރިއެކްޓު ކުރި ހަލުވި މިނާމެދު ހިތްހަމަޖެހޭ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް