ads
ހަމަލާދިން ސަރަހައްދުގައި ފުލުހުން ފޮޓޯ:--
ނީލޯފަރު ހިނގުމުގައި ހުރި ސައިކަލުތައް ނަގަން އެދުނިން: ޝަމާލް
ނީލޯފަރު ހިނގުމުގައި ހުރި ސައިކަލުތައް ނަގަން އެދުނިން ކަމަށް ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަދި މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ހަމަލާއާއި ގުޅިގެން މިރޭގެ ނޫސްވެރިންގެބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ޝަމާލް ވަނީ، ރައީސް ނަޝީދުގެ ސެކިއުރިޓީއަށް އެމްއެންޑީއެފުން ކުރަމުން އަންނަ މައުލޫމާތުތަކުގެ ތަފްސީލު ހިއްސާ ކުރައްވާފައެވެ. 

އެގޮތުން މި ހާދިސާއާއި ގުޅިގެން ސިފައިންގެ އޮޕަރޭޝަލަން އެސެސްމަންޓު ޓީމުން އަދި އިންސިޑެންޓަލް އެސެސްމަންޓު ޓީމުން ތައްޔާރު ކުރި ރިޕޯޓުތަކުން މިވަގުތަށް އާންމު ކުރެވެން ހުރި މައުލޫމާތުތައް ޝަމާލް ހިއްސާ ކުރެއްވި އެވެ. އެގޮތުން، މި ރިޕޯޓުގައި ރައީސް ނަޝީދުގެ ބޮޑީގާޑު ޓީމުން އެވަގުތު ހަރަކާތްތެރިވިގޮތް ތަފްސީލުކޮށް ކިޔައިދެއްވިއެވެ. 

ޝަމާލް ވިދާޅުވީ، ރައީސް ނަޝީދަށް ސެކިއުރިޓީ ދެއްވަމުން އަންނަނީ އެކި ސެކިއުރިޓީ ފަށަލަތަކެއް ގާއިމު ކޮށްގެން ކަމަށެވެ. އެގޮތުގެ މަތިން ރައީސް ނަޝީދު ވަޑައިގަންނަވާ ތަންތަނަށް އެޑްވާންސް ޓީމުތައް ފޮނުވާ، ސްކްރީން ކުރަންޖެހޭ ސްކްރީންތައްކޮށް، އައިއީޑީއެއް ފަދަ އެއްޗެއް ބާއްވަފާނެ ކަމަށް ލަފާ ކުރެވޭ އެއްވެސް ތަނެއް އޮތްނަމަ އެޑްވާންސް ޓީމުތަކުން އެކަން އެސެއް ކުރާ ކަމަށް ޝަމާލް ވިދާޅުވިއެވެ.

އިއްޔެގެ ހާލަތުގައިވެސް، ހާދިސާ ހިނގި ވަގުތު ފާލަން ކައިރީ އެޑްވާން ޕާޓީގެ ބަޔަކު ތިބި ކަމަށާއި ރައީސް ނަޝީދު ވަޑައިގަންނަވަން އުޅުއްވި ރަށުގައި ޓީމެއް އޮތްކަން ޝަމާލް ފާހަގަ ކުރެއްވިއެވެ. 

ޝަމާލް ވަނީ އެސަރަހައްދުގައި ޕާކު ކުރާ ސައިކަލުތައް އެތަނުން ނަގައިދިނުމަށް މީގެ ކުރިން އެދުނު ކަމަށްވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައެވެ. 

"ސައިކަލުތައް އެ މަގުގައި ބަހައްޓާފައި ހުންނާތީ އިންޓެލިޖެންސަށް، އަދި އަޅުގަނޑުމެންގެ ސެކިއުރިޓީ އެސިސްމަންޓަށް އެކަން ފާހަގަ ކުރެވިގެން، އެކަން އޮތީ ރެއިޒް ކޮށްފަ، އަދި ރެއިޒްކޮށް އެ ސައިކަލުތައް އެތަނުން ނަގަން ޖެހޭ ކަމާއި، އެކަން، އެ ނަގައިދިނުމަށް އެދި ކަމާ ބެހޭ އިދާރާތަކުގައިވެސް ކަމާބެހޭ މުއައްސަސާތަކުގައިވެސް ދައިލަތުގެ އަޅުގަނޑުމެން އެކަމަށް އެދިފަމިވަނީ" ޝަމާލް ވިދާޅުވިއެވެ.

ސެކިޔުރިޓީ ސަބަބަކަށްޓަކައި ނީލޯފަރުމުގަކީ ޕާކުނުކުރެވޭ މަގަކަށް ހަދަން އެމްއެންޑީއެފްއިން އެދިގެން ސިޓީ ކައުންސިލުން މާޗުމަހު ހައުސިން މިނިސްޓްރީގައި އެދިފައިވާނެކަން މިރޭގެ ވަގުތެއްގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާވެސް ވިދާޅުވެފައިވެއެވެ. 

އެގޮތުން ރައީސް ނަޝީދުގެ ގެކޮޅު ހުންނަ ގޯޅީގެ އެއްފަރާތުގައި ސައިކަލް ޕާކުކޮށްފައި ހުރުމުގެ ސަބަބުން އެ މަނިކުފާނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް ދަތިތަކާ ކުރިމަތިވާތީ އެމަގަކީ ޕާކުނުކުރެވޭ މަގަކަށް ހަދަން ސިޓީ ކައުންސިލުގައި އެމްއެންޑީއެފްއިން އެދުނުކަމަށް ދޭހަވާ ސިޓީއެއް މިރޭ ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް