ads
ހަމަލާދިން ސަރަހައްދުގައި ފުލުހުން ފޮޓޯ:--
ރޭ ގޮއްވާލީ ސަލްޓަން ޕާކުގައި ގޮއްވާލި އައިއީޑީއަށް ވުރެ ބާރުގަދަ އައިއީޑީއެއް: ޝަމާލް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ހަމަލާގައި ގޮއްވާލީ، މީގެ ކުރިން ސަލްޓަން ޕާކުގައި ގޮއްވާލި އައިއީޑީއަށް ވުރެ ބާރުގަދަ އައިއީޑީއެއް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަމާލް ވިދާޅުވީ، ރޭގެ ހަމަލާގައި ގޮއްވާލާފައިވަނީ "ކޮމާންޑް" ޑިވައިސެއް ކަމަށެވެ. 

ކޮމާންޑް ޑިވައިސަކީ މީހެއްގެ މޫވްމަންޓަށް ބަލާފަ، ރިމޯޓް ކޮންޓްރޯލެއްގެ އެހީގައި އެއަށް ކޮމާންޑު ކޮށްގެން ގޮއްވާލާ ގޮއްވާލުން ކަމަށް ޝަމާލް ވިދާޅުވިއެވެ.

މިއީ ޓައިމް ކޮށްފައި އޮތް އައިއީޑީއެއް ނޫން ކަމަށާއި، ފޯނެއް ނުވަތަ ރިމޯޓް ޑިވައިސްއެއްގެ ބޭނުން ކޮށްގެން އައިއީޑީ ކޮންޓްރޯލްކޮށްގެން ދިން ހަމަލާއެއްކަމަށް ތަހުގީގަށް ބެލެވޭ ކަމަށް ޝަމާލް ވިދާޅުވިއެވެ. 

މީގެ އިތުރުން، 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ގޮއްވާލި އައިއީޑީއާއި އަޅާކިޔާއިރު، މި އައިއީޑީއަކީ އެތައް ގުނައެއް ބާރުގަދަ އައިއީޑީއެއް ކަމަށް ޝަމާލް ފާހަގަ ކުރެއްވިއެވެ. އެގޮތުން މި އައިއީޑީގެ ބްލާސްޓް އިންޕެކްޓާއި، މީގެ އަޑާ ހުރިހާ އެއްޗަކަށް ބަލާއިރު، އެތައް ދަރަޖަ މަތި ކަމަށް ޝަމާލް ފާހަގަ ކުރެއްވިއެވެ. 

މި އައިއީޑީ ތައްޔާރު ކުރުމުގައި ގިނަ އަދަދެއްގެ ރޭޒާފުއް ބޭނުންކޮށްފައިވާ ކަމަށް ޝަމާލް ވިދާޅުވިއެވެ. އަދި ރޭޒާފުށް ގިނަ ކޮށްފައިވަނީ ހަމަލާ ވަރުގަދަ ކުރުމަށް ކަމަށް ޝަމާލް ވިދާޅުވިއެވެ. 

"އެގޮތުން ސަލްޓަން ޕާކުގައި ބޭނުން ކުރި އައިއީޑީއާއި، މި އައިއީޑީއާ އަޅުވާ ކިޔާއިރު މި އައިއީޑީއަކީ އެތައް ގުނައެއް ނުވަތަ އެތައް ދަރަޖައެއް ބާރުގަދަ، ނުރައްކާތެރި އައިއީޑީއެއްކަން އަޅުގަނޑުމެން ފާހަގަކުރަން" ޝަމާލް ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ 20:30 ހާއިރު ނީލޯފަރު ހިނގުމުގައި ރައީސް ނަޝީދަށް އަމާޒުކޮށްދިން ޓެރަރިޒަމްގެ ހަމަލާއާއި ގުޅިގެން އެމަނިކުފާނަށް ވަނީ ވަރަށް ބޮޑެތި ޒަހަމްތައް ލިބިފައެވެ. މިހާރުވެސް އެމަނިކުފާނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، ފުލުހުން އަންނަނީ މި ހަމަލާ އަކީ ޓެރަރިޒަމްގެ ހަމަލާއެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް