
ބެންގަލޫރު ޓީމުގެ ބައެއް ކުޅުންތެރިން ފެނިފައިވަނީ މިއަދު ހަވީރު އަމީރު އަހްމަދު މަގުން، މަޖީދިއްޔާ ސްކޫލު ކައިރިން މަސްވެރިންގެ ޕާކާ ދިމާލަށް ނުކުންނަނިކޮށެވެ. މަގުމަތިން ފެނުނު ކުޅުންތެރިންގެ ތެރޭގައި ބެންގަލޫރު އެފްސީގެ އެރިކް ޕާޓަލޫ ހިމެނެއެވެ. އޭނާ ހުރީ ކަޅުކުލައިގެ ޕޫމާ ޓީޝާޓަކާ ކަޅު ސޯޓެއް ލައިގެންނެވެ. ސޯޓުގައި ބެންގަލޫރު އެފްސީގެ ލޯގޯވެސް ޖަހާފައި ހުއްޓެވެ. ޕޫމާއަކީ ބެންގަލޫރުގެ ކިޓް ސްޕޮންސަރު ބްރޭންޑެވެ.
އޭއެއެފްސީ ކަޕުގެ މެޗަށް ބެންގަލޫރު އެފްސީ މާލެ އައިއިރު، މާލޭގެ ހާލަތު އިންތިހާއަށް ގޯސްވެ، ކާފިއު ހިންގާފައިވެއެވެ. އަދި މި ދަނޑިވަޅުގައި އޭއެފްސީ މެޗުތައް ކުޅޭތީ އެތައް ބަޔަކު ނުރުހުން ފާޅުކުރަމުން އަންނައިރު ކުޅިވަރު ވަޒީރު ވިދާޅުވެފައިވަނީ މެޗުތަކާ ގުޅޭ ހުރިހާ ކަމެއް ކުރިއަށްދާނީ ސަލަމާތީގޮތުން އެންމެ ފުރިހަމަ ފިޔަވަޅުތަކާ އެކުކަމަށެވެ. އަދި އެއްވެސް ކުޅުންތެރިއަކަށްވެސް އެއްވެސް އޮފިޝަލަކަށްވެސް ޓީމު ތިބޭ ހޮޓަލުން ބޭރަށް އެއްވެސް ކަމަކު ނުދެވޭނެ ކަމަށް މަހުލޫފު ވިދާޅުވިއެވެ.
ސަރުކާރުގެ ޚާއްސަ ހުއްދައެއްގެ ދަށުން ހުކުރު ދުވަހު މާލެ އައި ބެންގަލޫރު ޓީމުގެ ކުޅުންތެރިން، އިންޑިޔާއިން އަންނަ އެހެން މީހުންނާ ޚިލާފަށް ކަރަންޓީނު ވާކަށްވެސް ނުޖެހެއެވެ. މިކަމާވެސް އެތައް ބަޔަކު އަންނަނީ ނުރުހުންފާޅު ކުރަމުންނެވެ.
ބެންގަލޫރު ޓީމު ހުކުރު ދުވަހު ހަވީރު މާލެ އައިސް ކުޅުންތެރިން ޓީމުގެ ބަހުން ފޭބިއިރު އެއް ކުޅުންތެރިއަކު މާސްކު ނާޅާ ހުރި މަންޒަރުވެސްވަނީ ފެނިފައެވެ. ބެންގަލޫރު ކުޅުންތެރިންނާ އެކު އެ ބަހުގައި ބައެއް ދިވެހިންވެސް އައެވެ. އަދި އެ ކުޅުންތެރިން ގޮވައިގެން ދަތުރު ކުރި ބަހުގެ ޑްރައިވަރުވެސް ކުޅުންތެރިން ހޮޓަލަށް ބޭލުމަށް ފަހުވަނީ އާއްމުންގެ ތެރެއަށް ގޮސްފައެވެ.