ads
ވެކްސިން ޖަހަނީ ---
މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދޭން ނިންމައިފި
ރާއްޖޭގައި މާބަނޑު މީހުނަށް ފައިޒާ ވެކްސިން ދިނުމަށް ޓެކްނިކަލް އެޑްވައިސަރީ ގްރޫޕުން ނިންމާފައިވާ ކަމަށް އެޗްއީއޯސީގެ ޑޮކްޓަރު، ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ޑރ. ޝަހީދު ވިދާޅުވީ، ކޮވިޑްގެ މި ސާޖުގައި، ހާލު ސީރިއަސްވެގެން، ކޮވިޑަށް ޕޮޒިޓިވް ބައެއް މާބަނޑު މީހުން ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި އެޑްމިޓް ކުރަން ޖެހުނު ކަމަށެވެ. މީގެ އިތުރުން މާބަނޑު މީހުންނަކީ ހައި ރިސްކު ކެޓަގަރީ މީހުން ކަން ޑރ. ޝަހީދު ފާހަގަ ކުރެއްވިއެވެ. 

މީގެ އިތުރުން މޯލްޑިވްސް ޓެކްނިކަލް އެޑްވައިސަރީ ގްރޫޕުން މާބަނޑު މީހުންނަށް ވެކްސިން ދެވޭނެ ކަމަށް އެޑްވައިސް ކޮށްފައިވާ ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.

ޑރ. ޝަހީދު ވިދާޅުވީ، މިކަން ކުރިއަށް ގެންދާނެ ގޮތެއް، އަދި މާބަނޑު މީހުންގެ ތެރެއިންވެސް "ފައިޒާ" ދޭނެ މީހުން ކަނޑައެޅުމަށް މަޝްވަރާ ކުރައްވަމުން އަންނަ ކަމަށެވެ. 

ފައިޒާ ވެކްސިންގެ ލިމިޓެޑް ސްޓޮކެއް ހުރި އިރު، މި ވެކްސިން ދޭނެ މީހުން ކަނޑައަޅަން ޖެހޭކަމާއި، ވަކި ކެޓަގަރީއަކަށް ފެތޭ ބަޔަކަށް އިސްކަން ދޭން ޖެހޭ ކަމަށް ޑރ. ޝަހީދު ފާހަގަ ކުރެއްވިއެވެ. އަދި އެކަން ކަނޑައެޅުމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަ ކުރެއްވިއެވެ. 

ދިވެހި ރާއްޖޭގައި މާބަނޑު މީހުންނަށް ވަރަށް އަވަހަށް ވެކްސިން ދޭން ފަށާނެ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް މީގެ ކުރިން ވިދާޅުވެފައިވެއެވެ. ނަމަވެސް މާބަނޑު މީހުންނަށް ވެކްސިން ދިނުމުގެ ކަންކަން ކުރަމުން އަންނަކަމަށް އެޗްއީއޯސީން ރަސްމީ ގޮތެއްގައި ބުނި މިއީ ފުރަތަމަ ފަހަރެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް