
ރާއްޖޭގައި ނުރައްކާތެރި ކުށްވެރިން ދޫވެފައި ތިބޭ ވާހަކަ އާއި ރިހާކުރުފުޅި ވަގަށް ނެގި މިހާ ޖަލުގައި އޮންނަ ވާހަކަ މިއީ އާއްމުކޮށް ދެކެވޭ ވާހަކައެކެވެ. ނަމަވެސް ނުރައްކާތެރި ކުށްވެރިން ދޫވެފައި ތިބި ވާހަކައިގެ އަޑު އަނެއްކާ ވެސް ގަދަވެގެން ދިޔައީ މިމަހުގެ ހަ ވަނަ ދުވަހު ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއެކު އެވެ. ހަމަލާއާ ގުޅިގެން މި މަހުގެ ހަތް ވަނަ ދުވަހު ފުލުހުން ބޭއްވި ޕްރެސް ބްރީފިންގައި މީޑީއާތަކާ ވާހަކަ ދައްކަމުން ފުލުހުންގެ ކޮމިޝަރު، މުހައްމަދު ހަމީދު ވެސް ވަނީ މި މޭރުމުން ވާހަކަ ދައްކަވާފައެވެ.
ސީޕީ، ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ދިވެހި ފަސްގަނޑުގައި ބޮންހަދާ، އެގޮއްވާލައިގެން ޖަރީމާ ހިންގޭނެ ފެންވަރުގެ މީހުން ދޫވެފައި އެބަތި ކަމެވެ. އަދި ހަމައެހެންމެ ދިވެހި ފުލުހުންގެ އަތުގައި ރާއްޖޭގައި ތިބި ޖެހިލުމެއް ނެތި މީހަކު ފުރާނަ ދުއްވާލަން ފަސްނުޖެހޭނެ ބައެއްގެ ލިސްޓު ވެސް އޮންނާނެ ކަމަށާއި މި ލިސްޓުގައި މިހާރު ވެސް ހާހަކަށްވުރެ ގިނަ ނަން އެބައޮތް ކަމަށް ސީޕީ ވިދާޅުވިއެވެ. މި އެންމެން ކަހަލަ ގޮތަކަށް ތިބީ ހަމަ މުޖުތަމައު ތެރެއަށް ދޫވެފައެވެ. މިއިން މީހަކު ހިންގަފާނެ ޖަރީމާއަކަށް މާބޮޑު ރައްކާތެރިކަމެއް ރައްޔިތުންނަކަށް ނެތެވެ.
މިފަދަ ނުރައްކާތެރި ބައެއް ދޫވެގެން އުޅޭ މައްސަލަ މިއީ އަދި ހަމައެކަނި ފުލުހުންނާއި ހިސާބުން ނިމޭ ކަމެއް ނޫނެވެ. ހަގީގީ މައްސަލަ އޮތީ ދިވެހި ޖިނާއި އަދުލުގެ ނިޒާމާ ހިސާބުގައެވެ. އެ ނިޒާމުގައި އޮތް ބޮޑު ބާގަނޑު ފޫނުބެއްދާހާ ހިނދަކު ކަންތައް ހިންގަމުންދާނީ މި އުސޫލުންނެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ޖިނާއީ އަދުލުގެ ނިޒާމުގައި ހުރި މައްސަލަތަކުގެ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ނިޒާމުގެ މިހާރުގެ ހާލަތު ސިފަކުރެއްވީ މިފަދައިންނެވެ. "ޖިނާއީ މައްސަލަ ސާބިތުކުރަން ރާއްޖެހާ ފަސޭހަ ގައުމެއްނޯންނާނެވެ. އަދި ހަމައެގޮތަށް ޖިނާއީ މައްސަލަ ސާބިތުކުރަން މިރާއްޖެހާ އުނދަގޫ ގައުމެއްވެސް ނޯންނާނެވެ." ފާއިޒް ވިދާޅުވިއެވެ.
ފާއިޒް ވިދާޅުވާ ގޮތުގައި ރާއްޖޭގައި އެއް ބާވަތެއްގެ އެކި މައްސަލަތަކުގައި ނިމުން އެހާ ބޮޑަށް ތަފާތުވެގެންދަނީ ޖިނާއީ އަދުލުގެ ނިޒާމުގައި އިންޑިއާގެ ރަށްފަށުުގައި ބޭނުންކުރާ ފަދަ "ޖިރުގާ" އުސޫލު ހަރުލާފައި އޮތުމުންނެވެ. އެއީ ހެކި ބަލައިގަތުމާއި ބަލައިނުގަތުން މައްސަލަ ބަލަން ތިބޭ ބައެއްގެ އިހުތިޔާރަށް ދޫކޮށްލެވޭ އުސޫލުގެ ސަބުބުންނެވެ. "ޖިރުގާ" އުސޫލަކީ ކުޑަ އަވަށް ތަކުގައި ކަނޑައެޅޭ ވަކި ބަޔަކު އެއްވެ، މާބޮޑު ގާނޫނެއް ގަވައިދެއްނެތި އެމީހުންގެ ރައުޔުގެ މައްޗަށް މައްސަލަ ނިންނާ ނިންމުމަކަށް ދެވިފައިވާ ނަކެމެވެ.
ޖިނާއީ އަދުލުގެ ނިޒާމުގައި އަސާސީ ގާނޫނަކީ ހެއްކާބެހޭ ގާނޫނެވެ. ޖިނާއީ އިޖުރާތުގެ ގާނުނަށާއި ގާނޫނުލް އުގޫބާތަށް ދިރުން ގެނެސްދެނީ މި ދެންނެވި ހެއްކާބެހޭ ގާނޫނު ފުރިހަމަވެގެންނެވެ. ހެކި ވަޒަން ކުރާނެ ގާނޫނީ މިންގަނޑުތަކެއް ނެތި ހެކި ވަޒަން ކުރުމަކީ މައްސަލަ ބަލާ މީހާއަށް ފެންނަ ގޮތަކަށް އަމަލު ކުރެވެން އޮންނަހާ ހިނދަކު ކުރިން ބުނިހެން ފެންނާނީ އެއް ބާވަތުގެ މައްސަތައް ސާބިތުވާ ފަހަރާއި ނުވާފަހަރެވެ. އެކި ކަހަލަ މުޖުރިމުން މުޖުތަމައުތެރެއަށް ދޫވެ، އެކި ކަހަލަ ކުށަށް އަރައިގަންނަ މަންޒަރެވެ. އެމީހުންގެ ނުރައްކާތެރި ރޭވުމުގެ ތެރެއަށް އަހަރުމެންގެ ޅަދަރީން ގަންބާލާ މަންޒަރެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު މަރުހަލާ ވެސް ވަރަށް އަވަހަށް ނިންމާލާ، ދައުވާކޮށް ކޯޓަށް ވައްދަވާނެ ކަމަށް ރައީސް ސޯލިހު ދިވާޅުވެފައިވާއިރު، ސީދާ ޕީޖީ ޝަމީމު އިސްވެ ހުންނަވަގައިގެން ކޯޓުގައި ވަކާލާތު ކުރައްވާ މި މައްސަލާގައި ވެސް މި ދެންނެވި ކަހަލަ ހެކި ވަޒަންކުރުމުގެ ބާގަނޑުތަކުން މުޖުރިމުން ނުފިލާނެ ކަމުގެ އޮތީކޮން ޔަގީންކަމެއް ބާ އެވެ؟ ހައްލު ލިބެން އޮތީ މިފަދަ ދޮރުތައް ބަންދުކޮށް، ދާއިމީ ގޮތެއްގައި ތަޅު އެޅުވިގެންނެވެ.