ads
ކާޑެއްދޫ އެއާޕޯޓް--
ތިން ކޯޓުންވެސް ނިންމީ ވިލާ އެއާއަށް ކާޑެއްދޫ އެއާޕޯޓު އަނބުރާ ދިނުމަށް
ގދ. ކާޑެއްދޫ އެއާޕޯޓު އަނބުރާ ވިލާ އެއާއަށް ދިނުމަށް ސުޕްރީމް ކޯޓުންވެސް ހުކުމް ކޮށްފި އެވެ.

މި މައްސަލައިގައި ސިވިލް ކޯޓާއި ހައި ކޯޓުން ހުކުމް ކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ކަނޑައަޅާ ސުޕްރީމް ކޯޓުން މި މައްސަލަ މިގޮތަށް ނިންމާފައިވަނީ، މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުންނެވެ. 

އެގޮތުން ދިވެހި ސަރުކާރުން ވިލާއެއާ ޕްރައިވެޓް ލިމިޓެޑަށް ކާޑެއްދޫ އެއާޕޯޓު ދޫކުރުމަށް ކޮންޓްރެކްޓުގައި ސޮއިި ކޮށްފައިވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެ އެއްބަސްވުން ބާތިލުކޮށް، ވިލާ އެއާ އަތުން ވަނީ ކާޑެއްދޫ އެއާޕޯޓު އަތުލާފައެވެ. 

އޭރު ވިލާއެއާ އަތުން ކާޑެއްދޫ އެއާޕޯޓު އަތުލާފައި ވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ހިލާފަށް އެއާޕޯޓު ހިންގި ކަމަށް ބުނެއެވެ. މި އެއްބަސްވުން އުވާލުމުން، އެއްބަސްވުން ބާތިލު ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާ ދިނުމަށް އެދި ވިލާ އެއާ އިން ވަނީ މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައެވެ.

ސިވިލް ކޯޓުން 2018 ގައި މި މައްސަލަ ނިންމާފައިވަނީ ވިލާ އެއާ އާއި އެއްކޮޅަށެވެ. މި ނިންމުމާ މެދު ހިތްހަމަ ނުޖެހިގެން ދައުލަތުގެ ފަރާތުން ވަނީ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އަދި 2019 ވަނަ އަހަރު ހައި ކޯޓުން ވަނީ ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށް މައްސަލައިގެ ހުކުމް އިއްވާފައެވެ.

ސުޕްރީމް ކޯޓުގައި ދައުލަތުން މި މައްސަލަ އިސްތިއުނާފު ކޮށް އާންމު ކުރި ހުކުމުގައި ވަނީ، ސިވިލް އޭވިއޭޝަންގެ މިންގަނޑުތަކާ ހިލާފަށް ވިލާ އިން ކާޑެއްދޫ އެއާޕޯޓު ހިންގި ކަމަށް ކޯޓަށް ސާބިތު ކޮށްދިނުމަށް ދައުލަތުން ވަނީ ޝަރީއަތަށް މޯލްޑިވިއަން ކުންފުނީގެ އެސެސްމަންޓް ރިޕޯޓު ހުށަހެޅިކަން ފާހަގަ ކޮށްފައެވެ. ނަމަވެސް އެ ރިޕޯޓުން އޭގެ ސައްހަކަން ސާބިތު ކޮށްދެވިފައި ނުވާކަމަށް އެ ހުކުމުގައި ވެއެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް